ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަގޫދޫ ޗެމްޕިއަންކަން ހޯދައިފި
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ނ. އަތޮޅުގެ ޗެމްޕިއަންކަން މަގޫދޫ ހޯދައިފި އެވެ. މި އަތޮޅު މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު މި މެޗުގައި ބައްދަލުކޮށްފައިވަނީ މަގޫދޫ އާއި މަނަދޫ އެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ މަގޫދޫ ނަމަވެސް، ދޭތެރެއަކުން މެޗުގެ ކޮންޓްރޯލް ހޯދައި މަނަދޫން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ލަނޑު ޖަހަން ރަނގަޅު ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ލިބުނު މި މެޗުގެ ލީޑު ނެގީ މަގޫދޫން ނެވެ. މެޗުގެ ފަސްވަނަ މިނިޓްގައި މަގޫދޫއަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު އިހުސާން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ކުރިޔަށް އަރައި އިހުސާންއަށް ޖައްސާލި ބޯޅަ ކީޕަރު ކައިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ މަނަދޫއަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވި އެވެ. މަނަދޫން ފޮނުވާލި ގިނަ ހަމަލާތަކެއް މަގޫދޫ ޓީމުގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ގިނަ ވަގުތު މެޗު ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދެއްކި މަގޫދޫން ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރީ ފަނަރަވަނަ މިނިޓްގަ އެވެ. މަނަދޫ ޓީމުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ޖަހައިދިނީ ސައުދު މުޙައްމަދެވެ.

މިވެސް ކިޔާލަން:  ފޯރިގަދަ ކުޅުމެއް ފެނުނު މެޗު ކާމިޔާބުކޮށް އާރުސީސީ ފައިނަލަށް

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި މަނަދޫން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ނަތީޖާ ހަމަހަމަ ކުރެވޭތޯ މަނަދޫން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވި ނަމަވެސް، މި ހާފުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް މަނަދޫއަށް ލިބިފައިވެ އެވެ.

ދެވަނަ ހާފުގައި މަގޫދޫން ތިން ލަނޑު ޖެހިއިރު، އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ދެވަނަ ލަނޑު ޖަހައިދިން ސައުދު މުޙައްމަދެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ފްރީކިކް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ތިން ކުޅުންތެރިއަކު ގުޅިގެން ފަހިކުރި ފުރުސަތެއްގައި މަގޫދޫއަށް އެ ޓީމުގެ ހަތަރުވަނަ ލަނޑު 19 ވަނަ މިނިޓްގައި ޖަހައިދިނީ މުޙައްމަދު އިރުޝާދު އެވެ. މި ނަތީޖާއާއެކު ނިމިދާނެކަމަށް ހީވި މެޗުގެ އިތުރު ވަގުތުގައި މުޙައްމަދު އިރުޝާދު ވަނީ މަގޫދޫ ޓީމަށް ފަސްވަނަ ލަނޑު ޖަހައިދީފަ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ، ކޯނަރެއްގައި ބައިވެރިވުމަށް މަނަދޫ ޓީމުގެ ކީޕަރު މެދުރޮނގު ކައިރިއަށް އަރައި ހުރި ވަގުތެއްގައި، މަގޫދޫ އޭރިޔާ ކައިރިން އިރުޝާދުއަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

5-0 އިން މެޗު ކާމިޔާބުކޮށް ނ. އަތޮޅުގެ ޗެމްޕިއަންކަން މަގޫދޫ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަގޫދޫ ޓީމުގެ މުޙައްމަދު އިރުޝާދެވެ.

މި މުބާރާތުގެ މަގާމްތައް ހޯދި ޓީމުތަކާއި ކުޅުންތެރިންނަށް ބަލާލާއިރު، މުބާރާތުގެ ފެއާރޕްލޭ ކުޅުންތެރިޔަކީ މަނަދޫ ޓީމުގެ ޙަސަން ނާއިފެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކީ މަނަދޫ އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މަގޫދޫ ޓީމުގެ މުޙައްމަދު އިރުޝާދެވެ. މުބާރާތުގެ ބެސްޓް ކޯޗަކީ މަގޫދޫ ޓީމުގެ އިނާޒް ޢަބްދުﷲ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ މަނަދޫ ޓީމުގެ ޙަސަން ނާއިފް، މަގޫދޫ ޓީމުގެ މުޙައްމަދު އިރުޝާދު، މަނަދޫ ޓީމުގެ ރައުފަތު އަބޫބަކުރު، މާފަރު ޓީމުގެ އަފްރާހް މުޙައްމަދު އަދި މަގޫދޫ ޓީމުގެ މުޙައްމަދު ޖަމީލް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މަގޫދޫ ޓީމުގެ މުޙައްމަދު އިރުޝާދެވެ.

މިވެސް ކިޔާލަން:  ބަރޮސް އާއި އާރުއޯއެލް ވެސް ފެށީ މޮޅަކުން
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top