ރާއްޖޭގެ އޯޓީޓީ ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖޭގެ ފިލްމީ އަދި މިއުޒިކީ ފަންނާނުން އުފައްދާ އުފެއްދުންތަކުގެ ޚަބަރާއި މަޢުލޫމާތު މުނިއަވަސް އޮންލައިން މެދުވެރިކޮށް ގެނެސްދިނުން 07 ޑިސެމްބަރު 2022ގައި ހުއްޓާލާފައި އޮތް އޮތުން އަލުން މުރާޖަޢާކޮށް، އޯޓީޓީ މަންސަތަކަށް އުފައްދާ އުފެއްދުންތަކުގެ ޚަބަރާއި މަޢުލޫމާތު މުނިއަވަސް އިން ވަކި އުސޫލެއްގެ މަތިން ގެނެސްދިނުމަށް ނިންމައިފިއެވެ. މި ނިންމުމުގައި ވާގޮތުން އޯޓީޓީ މަންސަތަކަށް އުފައްދާ އުފެއްދުންތަކުގެ ޚަބަރާއި މަޢުލޫމާތުތައް މުނިއަވަސްގެ އެޑްވަޓޯރިއަލް އާޓިކަލް ލިޔާ އުސޫލުގެ ދަށުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުނިއަވަސްގެ ސީނިއާ މެނޭޖްމެންޓްގެ ތިން މެންބަރުން ފިލްމު “ނީނާ” ޕްރިމިއާ ހަފުލާއަށް ވަންނަނީ – ފޮޓޯ: އައިފިލްމްސް

އޯޓީޓީ މަންސަކުގައި ރިލީޒްކުރާ ފިލްމީ އަދި މިއުޒިކީ ޚަބަރުތައް ގެނެސްދިނުން މުނިއަވަސްއިން ހުއްޓާލީ މުނިއަވަސްއަށް ސްޕޮންްސާ ދިނުމަށް ވާހަކަދެކެވި، އެގްރީމެންޓް ތައްޔާރުކޮށް ސޮއިކުރުމުގެ މަރުހަލާއާ ހަމައަށް ދިއުމަށްފަހު ވާނުވާއެއް މުނިއަވަސްއަށް އެނގުމެއްނެތި ރާއްޖޭގެ އޯޓީޓީ ޕްލެޓްފޯމަކާއި ކޭބަލްޓީވީގެ ޚިދުމަތްތައް ދެމުން އަންނަ މީޑިއާނެޓުން ހިންގި ދަށުދަރަޖައިގެ، ޕްރޮފެޝަނަލްކަމާ ދިމާ އިދިކޮޅު އަމަލަށްފަހުގައެވެ.

.

“އަޅުގަނޑުމެން މި ބަދަލު ގެންނަން ނިންމީ އިވެންޓްތަކުން އަޅުގަނޑާ ދިމާވާ ފަންނާނުންގެ ހުރި ބައެއް ކަންބޮޑުވުންތަކަށް ބަލާފަ. ރާއްޖޭގެ ބައެއް މީޑިއާތަކަށް ބޮޑުއަގުގަ ސްޕޮންސާ ދީފަ އެބަހުރޭ އޯޓީޓީ ޕްލެޓްފޯމުން. އެކަމަކު އޯޓީޓީ ޕްލެޓްފޯމުތައް މެދުވެރިކޮށް ނެރޭ އުފެއްދުންތައް، މި ދެންނެވި މީޑިއާތަކުން ކަވަރެއް ނުކުރޭ. މިއީ އަޅުގަނޑުމެންނަށް ލިބޭ ފީޑްބެކެއް. ހަމަ މިކަން ފާހަގަކުރައްވަމުން ފަންނާނުން އެބަ ފާހަގަކުރައްވާ މުނިއަވަސް އިން މީގެ ކުރިން ވަރަށް ވަރުގަދައަށް އޯޓީޓީތަކުން ނެރޭ އުފެއްދުންތަކުގެ ޚަބަރުތައް ގެނެސްދިންކަންވެސް.”

– އަޙްމަދު ރަޝީދު (އަންނާރޭ) – މުނިއަވަސްގެ ސީއީއޯ

އޯޓީޓީ ޕްލެޓްފޯމުތައް މެދުވެރިކޮށް ނެރޭ ފަންނީ މަސައްކަތްތައް މުނިއަވަސްއިން ގެނެސްދިނުން ހުއްޓައިލީ ނުވަތަ މެދުކަނޑައިލީ މުނިއަވަސްގެ މެނޭޖްމެންޓާއި މުނިއަވަސް ޓީމު އެންމެހާ މެންބަރުންގެ ހިތާ ދެކޮޅަށެވެ.

“އަސްލު އަޅުގަނޑުމެން ބޭނުމެއް ނުވޭ ފިލްމީ އަދި މިއުޒިކީ ޚަބަރުތައް ނުގެނެސްދީ ތިބޭކަށް. މުނިއަވަސްއަކީ ދިވެހި ފަންނާނުންގެ މަސައްކަތްތައް ޕްރޮމޯޓްކުރުމަށް ހިންގާ އޮންލައިންއަކަށްވާތީ ވީހާވެސް ބޮޑު ކަވަރޭޖެއް ދޭން އަޅުގަނޑުމެން ބޭނުންވޭ.”

– އަޙްމަދު ރަޝީދު (އަންނާރޭ) – މުނިއަވަސްގެ ސީއީއޯ

ރާއްޖޭގެ ފަންނާނުން ކުރާ މަސައްކަތްތައް އެންމެ ސައްޙަކޮށް، އެންމެ އަވަހަށް ގެނެސްދެމުން އަންނަ މި އޮންލައިން އިން ހިލޭސާބަހަށް ހަތްވަރަކަށް އަހަރު ރާއްޖޭގެ އޯޓީޓީ މަންސަތަކުން ނެރޭ އުފެއްދުންތައް ޕްރޮމޯޓްކޮށްދިނުމުގައި ހަރަކާތްތެރިވީ އެއްވެސް މާލީ މަންފާއެއް ނުލިބޭ ހާލުގައެވެ. ދާއިރާގެ ކުރިއެރުމަށް އޮތް ލޯތްބަކާއި ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ.

ފިލްމެއްގެ ޕްރިމިއާއަށް މުނިއަވަސްގެ ސީއީއޯ އަޙްމަދު ރަޝީދު (އަންނާރޭ) އަދި މުނިއަވަސް މެންބަރެއް އޮލިމްޕަހަށް ވަންނަނީ

އަލުން މުރާޖައާކޮށް ނިންމި ނިންމުމުގެ ދަށުން ރާއްޖޭގެ އޯޓީޓީ މަންސަތަކުން ނެރޭ އުފެއްދުންތަކުގެ ޚަބަރުތައް ގެނެސްދޭނީ މުނިއަވަސް އެޑްވަޓޯރިއަލް އާޓިކަލް ލިޔެދޭ އަގުތަކުގައެވެ. މި އަގުތައް ވެގެންދާނީ ރާއްޖޭގެ އޮންލައިންއަކުން ޚަބަރު ގެނެސްދޭ އެންމެ ހެޔޮއަގު ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަމެވެ.

މުނިއަވަސްގެ އެޑްވަޓޯރިއަލް އާޓިކަލް ލިޔެދޭ ސިޔާސަތުގެ ދަށުން، އެކަމަށް ކަނޑައަޅާފައިވާ އަގުތަކުގައި އާޓިކަލް ލިޔެދިނުމަށް ހަމަޖެހިފައިވެއެވެ. އެޑްވަޓޯރިއަލް ސިޔާސަތު މި ލިންކުން ޑައުންލޯޑްކޮށްލެވޭނެ އެވެ.

މި އުޞޫލުގެ ދަށުން މި ވާގޮތަކީ ފިލްމީ ނުވަތަ މިއުޒިކީ މަސައްކަތް އުފައްދާ ފަރާތުން ބޭނުންވެގެން، ނުވަތަ އޯޓީޓީ ޕްލެޓްފޯމުން ބޭނުންވެގެން އަޅުގަނޑުމެން ކަނޑައަޅާފައިވާ ‘އަގުތަކުގެ ތެރެއިން’ އާޓިކަލްތައް ލިޔެ ގެނެސްދެވޭނެ.”

– އަޙްމަދު ރަޝީދު (އަންނާރޭ) – މުނިއަވަސްގެ ސީއީއޯ

އޯޓީޓީ މަންސަކުގައި ރިލީޒްކުރާ ފިލްމީ އަދި މިއުޒިކީ ޚަބަރުތައް ގެނެސްދިނުމަށް އޮތް ވަރުގަދަ ޝައުޤުވެރިކަން މުނިއަވަސް ޓީމު މެންބަރުންގެ ފަރާތުން ފަނޑުވާން ފެށީ މުނިއަވަސްއަށް ސްޕޮންްސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގައި އެއްވެސް ކަހަލަ އަލިމަގެއް ފެނިފައިނުވުމުންނެވެ. އެހެން ނަމަވެސް މުނިއަވަސް ޓީމުގައި ހިމެނޭ މެންބަރުން އަމިއްލަ ޝައުޤުގައި މުޅީން ހިލޭ ސާބަހަކަށް މަސައްކަތްކުރުމުގައި އެއްވެސް ދެގޮތެއް ނުވެ މިއަދާއި ހަމައަށްވެސް ތިބިކަންވެސް ފާހަގަކޮށްލަމެވެ.

މި ދެންނެވި ސަބަބުގެ އިތުރުން، ރާއްޖޭގެ ފިލްމީ އަދި މިއުޒިކީ ދާއިރާގެ ފަންނާނުންނާއި އެ ފަންނާނުންގެ މަސައްކަތަކުގެ ބެލެނިވެރި ފަރާތާއެކު މުނިއަވަސްއިން ދެ ބައްދަލުވުމެއް ބާއްވައި މުނިއަވަސްއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ދެންނެވިފައިވާނެ އެވެ. ނަމަވެސް މި ދެންނެވި ބެލެނިވެރި ފަރާތް، ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިންވެސް މުނިއަވަސްއަކީ އެހާ މުހިންމު ޚިދުމަތެއް ދެމުން އަންނަ އޮންލައިންއެއް ކަން ބަލައިނުގަންނަކަންވެސް އަޅުގަނޑުމެންނަށް ފާހަގަވެފައިވެއެވެ.

ފިލްމީ އަދި މިއުޒިކީ ދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުން މުނިއަވަސް ބަލައިގަނެ، މުނިއަވަސްއަށް ދޭ އަހަންމިއްޔަތުކަމާއި އެހީތެރިކަން އޮތް ނަމަވެސް، ދާއިރާ ތެރެއިން މުނިއަވަސްގެ މަސައްކަތްްތައް ބަލައިނުގަންނަ، މަދު އަދަދެއްގެ ފަންނާނުން އަދިވެސް ތިއްބެވިކަން މިއީވެސް މުނިއަވަސް އަށް ފާހަގަކުރެވިފައިވާ ކަމެއްކަންވެސް މިވަގުތު ހިއްސާކޮށްލަމެވެ. ނަމަވެސް މުނިއަވަސް އިން ފިލްމީ އަދި މިއުޒިކީ ޚަބަރުތައް ގެނެސްދިނުމުގައި ވަކި ފަންނާނަކަށް ނުވަތަ ފަންނާނުންނަކަށް ނުވަތަ ޕްރޮޑަކްޝަން ހައުސްއަކަށް ބެލުމެއް ނެތި ޚަބަރުގެނެސްދިނުމުގެ ސިޔާސަތެއް ގެންގުޅޭކަން މިއީވެސް ފާހަގަކޮށްލާ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އެޑިޓޯރިއަލް
މުނިއަވަސް ގެ އެޑިޓޯރިލް އިން އެޑިޓޯރިއަލް ސިޔާސަތުގެ ތެރޭގައި ހިމެނޭ ލިޔުންތައް ލިޔާނެ އެވެ.