އަހަރުމެންގެ ގެއިން ނުކުމެ ގޭގެ ކުރިމަތީގައި އޮންނަ ޕާކާއި ގޯއްޗާ ދެމެދު އޮންނަ ފުޅާ މަގުގައި މި ވިނައެއް ހެދޭތީ ލައްކަ އުނދަގޫވެގެން އަހަރުމެން އުޅެމުއެވެ. އުފުރަން އުނދަގޫ ވިނައެކެވެ. އުފުރިޔަސް، އޭގޭ މޫތަކުން އެހާމެ އަވަހަށް އަލުން ވިނަގަސް ފަޅައެވެ. ދުއްތުރާ ބޮޑު ވިނައެކެވެ. ނަމަވެސް….

ނަމަވެސް ފޭސްބްކް ތެރެއިން ފެނުނު ޕޯސްޓެއްގައި އޮތް ސުރުޚީ ފެނުމުން މިއީ ދިވެހިބަހުން ކޮން ނަމެއް ކިޔާ ވިނައެއްތޯއާއި މި ވިނައިން ލިބޭނެކަމަށް އިންޓަނެޓްގެ މަސްދަރުތަކުގައި އެ ބުނާހާ ގިނަގުނަ ފައިދާތައް ލިބޭތޯ ތަންކޮޅެއް ރަނގަޅަށް އަތްފުނާ އަޅައިލީމެވެ.

އިނގިރޭސި ބަހުން މި ވިނައަށް ކިޔަނީ ގޫސްގްރާސް އެވެ. އިންޑިއަން ގޫސްގްރާސްގެ ނަމުންވެސް މުޚާޠަބުކުރާ މި ގަހަށް ދިވެހިބަހުން ކިޔަނީ “ގޮމަތަނަ” އެވެ. ދިވެހި ރަދީފުގައި މި ގަހުގެ ސިފަކުރުން ގެނެސްފައިވަނީ؛ ބިންމަތީ ފެތުރޭގޮތަށް ހެދޭފަތް ކުދިގަހެއް، މިގަހުގެ މުލަކީ ވަރަށް މީރުވަސް ދުވާ އެއްޗެކެވެ. އަންނައުނާއި ތެލުގައި ވަސް ހިއްޕުމަށް މިގަހުގެ މޫ ބޭނުން ކުރެއެވެ.

ގޫސްގްރާސްގެ ލުއި މަޢުލޫމާތު
ނަން: އިންޑިއަން ގޫސްގްރާސް
ސައިންޓިފިކް ނަން އެލުއަސިން އިންޑިކާ
އަސްލު އިންޑިއަން ގޫސްގްރާސް އަކީ އެފްރިކާގައި އުފެދިފައިވާ އެއްޗެއް ނަމަވެސް ދެކުނު އެމެރިކާ، މައިކްރޯނޭޝިއާ، އޭޝިއާ، އެމެރިކަން ސަމޯއާ އަދި ޕެސިފިކް އައިލެންޑްސްގައާއި ޓްރޮޕިކަލް ސަރަހައްދުތަކުން ފެށިގެން ސަބްޓެމްޕަރޭޓް ސަރަހައްދުތަކުގައި ޤުދުރަތީގޮތުން ހެދޭ ވިނަ ގަހެކެވެ.
ފަތުގެ ބައްޓަން ހިމަ ދިގު – ކުކުޅުބިސް ބުރަށް، 1 އާއި 1.5 މިލިމީޓަރު ދިގު
ސިއްހީ ފައިދާތައް އެންޓި ކެންސަރ އެކްޓިވިޓީ، ކިޑްނީގެ ބަލިތައް، ޒަޚަމްތަކާއި، އާތުރައިޓިސް އަދި ޕެރަސައިޓްސް، ހަކުރުބަލި އަދި ލޭމައްޗަށް ދިއުން ފަދަ ކަންކަން ކޮންޓްރޯލުކުރުމަށް އެހީތެރިވެދެއެވެ.

ދުއްތުރާ ބޮޑު ވިނަޔަކަސް، ގޮމަތަނަ އަކީ ތަފާތު 10 ވައްތަރެއްގެ ބަލިބައްޔަށް ފަރުވާދިނުމުގެ ޤާބިލުކަން ހުރިކަން ފާހަގަކުރެވޭ، ބޭސްވެރިކަމުގެ ސިފަތަކެއް އެކުލެވިގެންވާ އެއްޗެކެވެ.

ބޭސްވެރިކަމުގެ ސިފަތައް:

އެންޓި-އިންފްލެމެޓަރީ، އެންޓިއޮކްސިޑެންޓް، އެންޓިޑައިބެޓިކް (ހަކުރުބަލި ކޮންޓްރޯލުކުރުމަށް)، އެންޓިއެލާޖިކް، އަދި ޑައިއުރެޓިކް އަމަލުތައް ހުންނަ ގޮމަތަނައަކީ ސިއްހީ އެކި މައްސަލަތަކަށް ގުދުރަތީ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. ތިރީގައި މިވަނީ ގޮމަތަނައިން ފައިދާހުރި ގޮތެއްގައި ފަރުވާ ކުރެވިދާނެ ބައެއް ބަލިތަކެވެ.

1- ކެންސަރު: އެންޓިއޮކްސިޑެންޓް ޕްރޮޕަޓީތަކުގެ ސަބަބުން ގޮމަތަނައަކީ ހަށިގަނޑުގައި ކެންސަރު ސެލްތައް ބޮޑުވުން ހުއްޓުވުމުގެ ގާބިލްކަން ހުންނަ އެއްޗެކެވެ. އާދަވެ ގޮމަތަނައިން ކައްކާ ފެން (ސައި) ބުއިމަކީ މި ބިރުވެރި ބަލިމަޑުކަމުން ހަށިގަނޑު ދިފާއުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

2- އޯވަރިއަން ސިސްޓްސް އަދި ފައިބްރޮއިޑްސް: އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީސްގެ ގާބިލުކަން ހުންނަ ކަމަށް ފާހަގަކުރެވޭ ގޮމަތަނަ އަކީ އަންހެން ނަސްލީ ނިޒާމުގެ ބަލިތަކަށް ޚާއްޞަކޮށް ފައިދާހުރި އެއްޗަކަށް ވެދާނެއެވެ.

3- ކިޑްނީގެ ބަލިތަކަށް: ގޮމަތަނައިގައި ހުންނަ ޑައިއުރެޓިކް ޕްރޮޕަޓީގެ ސަބަބުން ހަށިގަނޑުގައި ހުންނަ ފެނުގެ މިންވަރު އިތުރުވެ، ކުޑަކަމުދާތަކެތީގެ ތެރެއިން އިތުރުވާ ލޮނުގެ ބައި ނައްތާލައި، ކިޑްނީގެ ބަލިތައް މެނޭޖްކުރުމުގައި އަގުހުރި އެކުވެރިއަކަށް މި ވިނަ ވެއެވެ.

4- ހަކުރުބަލި: ގަވާއިދުން ގޮމަތަނައިގެ ސައި ބުއިމަކީ ހަކުރުބަލި މެނޭޖްކުރުމުގައި އެހީތެރިވެދޭނެ ކަމެކެވެ. އެއީ މީގައި ހުންނަ އެންޓިޑައިބެޓިކް ޕްރޮޕަޓީސްގެ ސަބަބުންނެވެ. ހަކުރުބަލި މެނޭޖްކުރުމުގެ ޕްލޭން ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކަށް ގުދުރަތީ އަދި ފަސޭހައިން ލިބޭނެ ގޮމަތަނަ އަކީ ރަނގަޅު އެއްޗެއް ކަމަށް ދިރާސާވެރިން ބުނެއެވެ.

5- ލޭމަނާކުރުން އަދި ޒަޚަމްތަކަށް: ޒަޚަމްވެފައިވާ ތަންތަނަށް ގޮމަތަނަ ފުނޑައިގެން އުނގުޅުމުން ޒަޚަމްތަކުގެ ލޭއައުން ހުއްޓުވޭނެ ކަމަށާއި، މިއީ ފުރަތަމަ އެހީގެ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރުމަށް ރަނގަޅު އެއްޗެއް ކަަމަށް ވެއެވެ.

6- ޕެރަސައިޓްސް: ގޮމަތަނައިގެ ބޭނުންކުރުމުން ހަށިގަނޑުގައި ހުންނަ ޕެރަސައިޓްތަކާ ދެކޮޅަށް މަސައްކަތްކޮށްދެއެވެ.

7- ނިއުމޯނިއާ: ގޮމަތަނައިގެ މުލުން ހަދާ ސަޔަކީ ނިއުމޯނިއާ އަށް ވަރުގަދަ ފަރުވާއެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަލިމީހުންނަށް ބޮޑު ލުޔެއް ލިއްބައިދޭކަމަށް ވެއެވެ. މިއީ ނޭވާލާ ނިޒާމުގެ ސިއްހަތަށް ރަނގަޅު އެއްޗެކެވެ.

8- ލޭމައްޗަށް ދިއުން: ލޭމައްޗަށްދިއުމަށް ފަރުވާކުރުމުގައި ގޮމަތަނައިގެ ކައްކާފައި ހުންނަ ފަތްތައް ބޭނުންކުރެވިދާނެއެވެ. މިއީ ލޭމައްޗަށް ދިއުމުގެ އާންމު ސިއްހީ ކަންބޮޑުވުން މެނޭޖްކުރަން ބޭނުންވާ މީހުންނަށް ގުދުރަތީ ބަދަލެއް ގެނެސްދޭނެ އެއްޗެކެވެ.

9- ހުމުގެ އަސަރު: ގޮމަތަނައިގެ ކައްކާފައި ހުންނަ މޫތައް ބޭނުންކުރުމަކީ ހުމުގެ އަސަރު ކުޑަކުރުމަށް އެހީތެރިވެދޭ ކަމަކަށް ވާއިރު، ބަލިވާ ވަގުތުތަކުގައި ގުދުރަތީ އަދި ލުއި ފަސޭހަ ފަރުވާއެއް މިއިން ލިއްބައިދެއެވެ.

10- ލިގަމެންޓް ސްޕްރެއިންސް: ހަމައެކަނި ގޮމަތަނައިގެ ކޮށާފައި ހުންނަ ފަތްތައް ބަލިޖެހިފައިވާ ތަނުގައި އުނގުޅުމުން ލިގަމެންޓް ސްޕްރެއިންސްއަށް ލުއި ލިއްބައިދެއެވެ.

ގޮމަތަނައިން ސައި ތައްޔާރުކުރާނެ ގޮތް:

ގޮމަތަނައިގެ ބޭސްވެރިކަމުގެ ފައިދާތަކުގެ ތަޅުހުޅުވުމަށްޓަކައި ސައި ތައްޔާރުކުރުމުގެ ސާދާ އުސޫލަކަށް އަމަލުކުރެވިދާނެއެވެ. މިއޮތީ ސައި ތައްޔާރުކުރާނެ ފަސޭހަ ގޮތެކެވެ.

ބޭނުންވާނެ ތަކެތި:
🌿 މުށެއް ވަރުގެ ގޮމަތަނަ ވެޔޮ
🌿 ބައި ލީޓަރު ފެން

ތައްޔާރުކުރާނެ ގޮތް:
🌿 މުށެއް ވަރުގެ ގޮމަތަނަ ވެޔޮ، ބައި ލީޓަރު ފެނުގައި ގާތްގަނޑަކަށް 3 މިނެޓް ވަންދެން ކައްކާށެވެ. ކެއްކި ސައިފޮދު ހިހޫކުރަން ބަހައްޓާށެވެ.
🌿 ދުވާލަކު ޖޯޑެއްގެ ސައި ބޯށެވެ. ނުވަތަ ބަލީގެ އުނދަގޫތައް ރަނގަޅުވަންދެން ބޯށެވެ.

⚠️ އިންޒާރު:

މިއީ ހަމައެކަނި މަޢުލޫމާތު ހިއްސާކުރުމުގެ ބޭނުމުގައި ލިޔެފައިވާ ލިޔުމެކެވެ. މިއީ ޕްރޮފެޝަނަލް މެޑިކަލް ލަފާތަަކެއް ނޫނެވެ. ސިއްހީ ހާލަތަކާ ގުޅޭގޮތުން އުފެދިދާނެ ސުވާލުތަކެއް ހުރިނަމަ އަބަދުވެސް ޑޮކްޓަރުގެ ލަފާ ހޯދާށެވެ.

ގޮމަތަނަ ފަދަ ތަކެތީގެ ގުދުރަތީ ފަރުވާތައް ބޭނުންކުރުމުގައި ސަމާލުކަން ދޭން ޖެހޭއިރު، އެކި މީހުންނަށާއި އެކި ހާލަތްތަކަށް ކަމުދާނީ އެކި ގޮތްގޮތެވެ. ތަފާތު ތަކެއްޗެވެ. މި ލިޔުމުގައިވާ މައުލޫމާތަށް ބަރޯސާވެ ޢަމަލުކުރުމަކީ ތިމާގެ އަމިއްލަ ޒިންމާއެކެވެ. މި އޮންލައިންއިން އެކަމުގެ ޒިންމާއެއް ނުނަގާނެކަން ދަންނަވަމެވެ.

މަޢުލޫމާތު:

Indian Goosegrass Facts and Health Benefits (healthbenefitstimes.com)

https://og-oasis.com/

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.