ވަރަށް ވޭންހުރި ކަމެކެވެ. މިކަން މިއީ ކޮން ކަމެއްކަން ނޭނގުނަސް އަހަންނަށް އެ ތަދު ތަހައްމަލުކުރަން ޖެހޭ ކިތަންމެ ދުވަހެއް ކުރިމަތިލާން ޖެހެއެވެ. ތަންކޮޅެއް ވަދިކޮށް އުޅޭ ދުވަސްދުވަހު ވަކީން ބޮޑަށް ތަދުވެ، އުނދަގޫވެއެވެ. ގިނައިރު ކޮޅަށް ހުރުމުންވެސް ތަދުވާން ފަށައެވެ. މި ދައްކަނީ ދިވެހީންގެ ތެރެއިންވެސް އެތައް ބަޔަކަށް ކުރިމަތިވަމުން އަންނަ “ސަޔާޓިކާ (Sciatica)”ގެ ވާހަކައެވެ.

“ސަޔާޓިކާ (Sciatica)” އަކީ ކޮބާ؟

“ސަޔާޓިކާ”އޭ ކިޔަނީ ސަޔާޓިކް ނާރުގެ މަގުން ދަތުރުކުރާ ރިހުންތަކަށެވެ. ސަޔާޓިކް ނާރު ހުންނަނީ އުނަގަނޑުން ތިރިން ފެށިގެން އުނަގަނޑު ފުރަގަަހުން އެތެރެއިން އަދި ފޫކޮޅުގެ މަސްގަނޑު ތެރެއިން ގޮސް ދެ ފައިގެ މަސްގަނޑުގެ ތެރެއިންނެވެ.

ސަޔާޓިކާ ނާރު

ސަޔާޓިކާގެ ތަދު އެންމެ ގިނައިން އުފެދެނީ ހަރނިއޭޓް ޑިސްކެއް ނުވަތަ ކަށި މާބޮޑަށް ބޮޑުވުމުން ނާރުގެ ބަޔަކަށް ފިތުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ތަދުވާ ފައި ދުޅަވެ، ރިއްސައެވެ. އަދި ގިނަ ފަހަރަށް ކޮންމެވެސް ވަރަކަށް ފިނިވުން ފަދަ ކަންކަން މެދުވެރިވެއެވެ.

ސަޔާޓިކާ އާއި ގުޅިފައިވާ ރިހުން ގަދަވެދާނެ އެވެ. ނަމަވެސް ރަނގަޅަށް ފަރުވާ ދިނުމުން ދެތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަނގަޅުވެއެވެ. ސަޔާޓިކާގެ އުނދަގޫތައް ވަރަށް ބޮޑަށް ހުންނަ މީހުންނާއި ފައިގެ ބޮޑެތި ބަލިތައް ނުވަތަ ގޮހޮރު އަދި މަސާނާ (ބްލެޑަރ)ގެ މައްސަލަތައް ހުންނަ މީހުންނަށް އޮޕަރޭޝަން ކުރަން ޖެހިދާނެ އެވެ.

ޢަލާމާތްތައް

ސަޔާޓިކާ ރިހުން ގާތްގަނޑަކަށް ނާރު މަގުގެ ކޮންމެ ތަނެއްގައި ވެސް ހުރެދާނެ އެވެ. ހާއްސަކޮށް ކަނާތު ކޮނޑުން ފެށިގެން ބުރަކަށީގެ ފަހަތަށް އަދި އުނަގަނޑާއި ކަކުލުގެ ފަހަތަށް މަގެއްހެން ވާގޮތަށް ފައިގެ ފަލަމަސްގަނޑާއި ކުޑަކަޅުވާ މަސްގަނޑާއި ހަމައަށް މި ދަތު ދެމިގެންދެ އެވެ.

މި ތަދު، އާދައިގެ ތަދެއްގެ ގޮތުން ފެށިގެން ތޫނު، ދިލަނަގާ ތަދެއްގެ ގޮތުގައިވެސް ހުރެދާނެ އެވެ. ބައެއް ފަހަރު ކުއްލި ތަދެއް ނުވަތަ ކަރަންޓް ޝޮކެއް ފަދަ އިހުސާސެއްގެ ގޮތަށްވެސް މި ތަދުވިދާނެ އެވެ. ކެއްސާ ނުވަތަ ކިނބިހި އަޅާއިރު ނުވަތަ ގިނައިރު އިށީނދެގެން ތިބުމުން އެއަށްވުރެ ގޯސްވެދާނެ އެވެ. އާންމުކޮށް ސަޔާޓިކާ ޖެހެނީ ހަށިގަނޑުގެ އެންމެ ފަރާތަކަށެވެ.

ބައެއް މީހުންގެ ފައިގައި ރިއްސުން، އައްސިވުން ނުވަތަ ވިއްދާ ފަދަ ތޫނުތަދެއް ވުމާއި ފަޔާއި ފައިތިލައިގެ މަސްތައް ވަރުބަލިވުން ފަދަ އިހުސާސެއް ވެސް ކުރިމަތިވެއެވެ. ފައިގެ އެއްބަޔަށް ތަދުވާއިރު އަނެއް ބައި އައްސިވުން ފަދަ ކަންކަންވެސް އިހުސާސް ކުރެވިދާނެ އެވެ.

ޑޮކްޓަރަށް ދައްކަންވީ ކޮން އިރަކު؟

އާދައިގެ މިންވަރަކަށް އިހުސާސްވާ ސަޔާޓިކާގެ ތަދު، އޭގެ ޒާތުގައި ވަގުތާއެކު ފިލައިގެންދެއެވެ. އަމިއްލައަށް ފަރުވާކޮށްގެން ތަދު ފިލައިގެން ނުދާ ނަމަ ސިއްޙީ ފަރުވާދޭ މީހަކަށް ދައްކަންވާނެ އެވެ. ތަދު ރަނގަޅު ނުވެ ހަފުތާއަކަށް ވުރެން ގިނަދުވަސް ވެއްޖެ ނަމަ، ނުވަތަ މާ ބޮޑަށް ތަދުވާ ނަމަ ޑޮކްޓަރަށް ދައްކައިގެން ސިއްހީ ފަރުވާ އަވަހަށް ހޯދަންވާނެ އެވެ.

މަޢުލޫމާތު:

www.mayoclinic.org

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.