އިންޑިއާގެ ނަވާ ކަރްނާޓަކާ ފިލްމް އެކަޑަމީއާއި ޔުނިވަރސަލް ފިލްމު މޭކަރސް ކައުންސިލާއި ގުޅިގެން ބޭއްވި 03 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްއިން ރާއްޖޭގެ ތިން ފިލްމަކަށް ޝަރަފުވެރި ފަސް އެވޯޑް ލިބިއްޖެ އެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސްގެ ފަރާތުން މި ފެސްޓިވްގައި ބައިވެރިކުރި ފިލްމުތަކުގެ ތެރެއިން ކުރު ފިލްމު “ރުޤްޔާ”އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ޝާރިފަށް ލިބިފައިވެއެވެ. މި ފިލްމުގެ ޑައިރެކްޓަރު ޢަބްދުﷲ މުޢާޒަށް އެންމެ މޮޅު ޑައިރެކްޓަރ އެވޯޑް ވެސް ލިބިފައިވެއެވެ.

ދިވެހި ފިލްމު “ހެހެސް” ކެމެރާ ކޮށްފައިވާ ދަބާ އަށް އެންމެ މޮޅު ސިނަމޮޓޯގްރާފަރ އެވޯޑް ލިބިފައިވާއިރު، ހަމަ މި ފިލްމުން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް އެވޯޑް ލިބުނީ ބަތަލާ ވާޝިޔާ މުހައްމަދު އަށެވެ.

މި ފެސްޓިވަލްގައި ބައިވެރިކުރި ހުރިހައި ފިލްމުތަކުގެ ލީޑް އެކްޓަރުންގެ ތެރެއިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނީ ހުނަރުވެރި އެކްޓަރު ޖުމައްޔިލް ނިމާލަށެވެ. ޖުމައްޔިލް އަށް މިއެވޯޑް ލިބުނީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކްރައިމް ތްރިލާ “ގޮށްރާޅު”ގައި އޭނާ ދައްކާފައިވާ ހުނަރުވެރި މޮޅުއެކްޓިންއަށެވެ.

މި އެވޯޑް ހަފުލާގައި ބައިވެރިވުމަށް އެމްއެސްޕީއޭގެ ފަރާތުން އިންޑިއާއަށް ގޮސްހުރި އެ ސޮސައިޓީގެ ޗެއާޕާސަން މުޙައްމަދު ރަޝީދު (ދަރާ) ބުނީ މި އެވޯޑްތައް ރާއްޖޭގެ ފަންނާނުންނަށް ހަވާލުކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ރާއްޖޭގައި ބާއްވާނެ ކަމަށެވެ.

ރާއްޖޭގެ ފަންނާނުން މި ހޯދި ޝަރަފުވެރި ކާމިޔާބީއަށްޓަކައި އެ ފަންނުވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

އެމްއެސްޕީއޭގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.