ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި މަދަހަ ކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޢަލީ ރަމީޒްގެ “ވިނަވި – 1” މަދަހަ އަލްބަމްގައި ހިމެނޭ “ތިޔައޭ ރަސޫލަކީ” މަދަހައަކީ ރީތި މަދަހަތަކުގެ ތެރެއިން އެއް މަދަހައެވެ. މަޝްހޫރުކަމާއި މަޤުބޫލުކަން ލިބިފައިވާ މަދަހައެކެވެ.

މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފަޟްލަވަންތަކަމުން ހިތްގައިމު އަޑެއް ދެއްވާފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒްގެ މި ހިތްގައިމު މަދަހަ ރިލީޒްކުރިތާ 23 އަހަރު ފަހުން އަނެއްކާވެސް ޢަލީ މިވަނީ މި މަދަހައިގެ މުޅީން އައު ވާޝަންއެއް އެހުންތެރިންނަށް ހަދިޔާކޮށްފައެވެ.

“ތިޔައޭ ރަސޫލަކީ” މަދަހައިގެ އައު ވާޝަންއެއް ނެރެފައި މިވަނީ މަދަހަ ކިޔުމުގެ ‘ޓަޗް’ ހުރިތޯ ޗެކްކޮށްލުމަށް ޢަލީ ރަމީޒް ކިޔައި ރެކޯޑްކުރި ކުޑަކުޑަ ކްލިޕެއް ދޫކޮށްލި ހިސާބުން އެހުންތެރިންގެ އެދުމުގެ މަތިންނެވެ.

“ތިޔައޭ ރަސޫލަކީ” މަދަހައިގެ އައު ވާޝަން ކިޔާފައިވަނީ ކުރީގެ މަދަހަ ކިޔާފައިވާ ސްޓައިލަށް ބައެއް ބަދަލުތައް ގެނެސްގެންނެވެ. ހިތްގައިމު ބަދަލުތަކެކެވެ.

އާދަމް ޙަލީމް އަދުނާންގެ ޅެންވެރިކަން ހިމެނޭ މި މަދަހައިގެ ރެކޯޑިން، މިކްސިން އަދި މާސްޓަރިން ހެދީ ‘ހޭވައްލާ ސްޓޫޑިއޯ’ ގައެވެ. މަދަހަ ކިޔުމުގެ އިތުރުން ވީޑިއޯ އެޑިޓިން ހެދީވެސް ޢަލީ ރަމީޒެވެ. މަދަހައިގެ ވީޑިއޯގައި ފެންނަ މަންޒަރުތައް ކުރެހީ ސިރޫ އެވެ. ދިވެހިބަހާއި އިނގިރޭސި ބަހުން ސަބްޓައިޓްލް ހިމަނާފައިވާ މި ވީޑިއޯ އެޑިޓިންގެ މަސައްކަތްވެސް ވަރަށް ހިތްގައިމުކަން ފާހަގަކޮށްލެވެއެވެ.

ލަވަކިޔުން ހުއްޓައިލި ފަހުންވެސް ޢަލީ ރަމީޒް ވަނީ ގިނަ ޢަދަދެއްގެ މަދަހަތަކެއް އޭނާގެ އަޑުން ރެކޯޑްކޮށް ނެރެފައެވެ. އެ މަދަހަތައްވެސް ވެފައިވަނީ ދިވެހީން އެންމެ ގިނައިން އަހައި އުޅޭ މަދަހަތަކަކަށެވެ. އެގޮތުން، ފަތިހުފަރިވި މާތައް، މަންމާ، ތިޔައޭ ރަސޫލަކީ، ފަދަ މަދަހަ ތަކަކީ އޭނާ ކިޔައިފައިވާ މަދަހަ ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ، އަސަރުގަދަ މަދަހަތަކެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.