މުޅި ދުނިޔޭގައިވެސް ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެއް އެޕްލިކޭޝަން ކަމަށްވާ އިންސްޓަގްރާމަކީ ރާއްޖޭގެވެސް ޒުވާން ޖީލުގެ މެދުގައި އެންމެ މަޤުބޫލު އެޕްތަކުގެ ތެރެއިން އެއް އެޕެވެ. މި އެޕްލިކޭޝަން ބޭނުންކޮށްގެން އަމިއްލަ ވިޔަފާރި، އަމިއްލަ ބްރޭންޑެއް ނުވަތަ ޚިދުމަތެއް އިޝްތިހާރުކޮށްލުމުގެ އިތުރުން މަޖާ، ސީރިއަސް ފިލްޓަރުތައް ވެސް ބޭނުންކޮށްލެވެއެވެ. “ކަންބަޅި” ޓީމުން މިފަހަރު މިއޮތީ ވަރަށް ކޫލް “ކަންބަޅި” ފިލްޓަރެއް ތައްޔާރުކޮށް، އާއްމުކޮށްފައެވެ.

01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާއަށް އައިފިލްމްސްގެ “ކަންބަޅި” ގެންނަން ތައްޔާރުވަމުން އަންނައިރު، މި ފިލްމު ޕްރޮމޯޓްކުރުމަށް ފިލްމުގެ ޓީމުން އަންނަނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދިވެހި ފިލްމީ ދުނިޔޭގައި މީގެ ކުރިން ނުކުރާ ބައެއް ކަންކަން ތަޢާރަފުކުރަމުންނެވެ.

“ކަންބަޅި” ފިލްމުގެ އިންސްޓަގްރާމް ފިލްޓަރުންގައިވެސް ކަންބަޅީގައި ހިމެނޭ ކަޅުކުލައިގެ ދެ ދަޅައިގެ އިތުރުން ފިލްމުގެ ޓައިޓްލްވެސް ހިމަނާފައެވެ.

މި ލިންކް ބޭނުންކޮށްގެން ފިލްޓަރ ބޭނުންކޮށްލެވޭނެއެވެ. ޓްރައިކޮށްލުމަށްފަހު ޕޯސްޓްކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟

ލިންކް: https://www.instagram.com/ar/1038798890509740/

“ކަންބަޅި” ފިލްމަކީ ބިރުވެރި ފިލްމެކެވެ. އައިފިލްމްސްގެ އެހާ ދިގުނޫން މާޒީއަށް ބަލައިލާއިރު، ބިރުވެރި ޖޮންރާގެ ފިލްމީ މަސައްކަތްތައް އުފެއްދުމުގައި އެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ދިވެހި ފިލްމީ ދާއިރާގެ އުފެއްދުންތަކުން މީގެ ކުރިން ދައްކާފައި ނުވާފަދަ ތަފާތު އުކުޅުތަކެއް ދައްކާފައެވެ. އެގޮތުން ދިރާގުން ހިންގި އޯޓީޓީ ޕްލެޓްފޯމު މެދުވެރިކޮށް ނެރުނު “ބިރުވެރި ވާހަކަ” ސީރީޒްގެ “މަސްދަތުރު – 02″ން ދައްކުވައިދީފައި ވަނީ ރާއްޖޭގެ ފިލްމީ ތާރީޚުގައި ބެންޗްމާކް މަސައްކަތެކެވެ. އެ އެޕިސޯޑުން ‘ބިރުވެރި ވާހަކަ’ އެ މަޚުލޫޤެއްގެ ވަށައިގެން ދައުރުވާ މަޚުލޫޤު ދައްކައިލި މަންޒަރުން އައިފިލްމްސް އަދި އައިފިލްމްސްގެ ގިނަ މަސައްކަތްތަކުގެ ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްކުރާ އޯކޭޒް އިންކްގެ ހުނަރުވެރި، މޮޅު މަސައްކަތް ފެނިގެންދެއެވެ.

ފާހަގަކޮށްލެވުނު އެޕިސޯޑުން ފެންނަ މަޚްލޫޤް ތައްޔާރުކޮށްފައިވަނީ ދިވެހީންގެ އަމިއްލަ މަސައްކަތުންނެވެ. މާނައަކީ ބޭރު ގައުމެއްގެ ބަޔަކު ތައްޔާރުކޮށްފައިވާ ގްރީން ސްކްރީން ނުވަތަ ފިލްޓަރެއް ބޭނުންކޮށްގެނެއް ނޫނެވެ. އެ އެޕިސޯޑުން ފެނިގެންދާ މަޚްލޫޤަކީ ދިވެހި ފިލްމަކުން ފެންނަ ފުރަތަމަ އަމިއްލަ އެނިމޭޓެޑް ކްރީޗަރ އެވެ. އެ ކްރީޗަރ ސިފަބަދަލުކޮށްލަނީ އެފްއެކްސް އަދި ޖީއެފްއެކްސްގެ އެހީގައި މޯފިން ފީޗާ ބޭނުންކޮށްގެނެވެ. ކްރީޗާގެ ފެންވަރުރަނގަޅު މޭކަޕް ކޮށްފައިވަނީ އައިފިލްމްސްގެ މޭކަޕް އާޓިސްޓް ރުޠުބާއެވެ.

ފިލްމު “ކަންބަޅި” ވެސް ލިޔެ ޑައިރެކްޓްކުރަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ. އިއްލެގެ އިތުރުން އިފްނާޒް މި ފިލްމު ޑައިރެކްޓްކުރުމުގައި ހަރަކާތްތެރިވެއެވެ.

ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ނުޒުހަތު ޝުއައިބް، ރަވީ ފާރޫޤް، ވާޝިޔާ މުޙައްމަދު، ޝަރަފުއްދީން އަބްދުﷲ އަދި އަޙްމަދު އިފްނާޒް ފިރާޤްގެ އިތުރުން ސާރާ ބިންތު މުހައްމަދު ފާރިޤް އެވެ.

ފިލްމު “ކަންބަޅި“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.