ދެމީހުން ވެސް ތިބީ ފުރުސަތަކަށް ފެންބޮވައިގެންފައެވެ. އެންމެ ސިކުންތެއް ވެސް ބޭކާރު ކޮށްލާކަށް ބޭނުމެއް ނުވިއެވެ.

އިޝާނަމާދުން ފައިބައިގެން މަންމަމެން ގެއަށް ދިޔައިރު ވެސް ދަނީންއާ ދިމައެއް ނުވިއެވެ. ރާފިއު ކުޑަކޮށް ހާސްވާގޮތް ވިއެވެ. ރައިހާނާގެ ވާހަކަތަކުން އެނގުނުގޮތުގައި އިރުއޮއްސޭންވީއިރު ގެއަށް ދިޔަގޮތަށް ދަނީންގެ ޚަބަރެއް ނުވެއެވެ.

ދަނީން ކޮބައިތޯ ބަލަން ރާފިއު ފޯނުކުރިއިރު ދަނީން އެގެއަށް އަންނަނީއެވެ. އޭނާ ބުނިގޮތުން ރައްޓެއްސަކާއި ދިމާވެގެން އެ ގެއަށް ދެވުނީއެވެ. އޭރު ދިޔަގޮތަށް އެގޭގައި އިނީއެވެ.

ރޭގަނޑަށް ކައިގެން ގެއަށް އައި މަގުމަތީ އެ މާގަނޑުގެ ވާހަކަ ރާފިއު ދެއްކިއެވެ. ދަނީންގެ ކިބައިން ފެނުނީ ހައިރާންކަމެވެ. ކޮންމެވެސް ވަރަކަށް ކަންބޮޑުވުން ވެސް ފާޅުވިއެވެ. އޭނާ ބުނިގޮތުން އޭނާ އެމާގަނޑު އެއްލާލީ އެމީހުންނަށް ގެއްލުމެއް ދޭން މީހަކު ކޮށްފައިވާ ކަމެއްކަމަށް ބަލާފައެވެ. އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާތީ އެއީ ބައްޕަ ކޮށްފައިވާ ކަމެއްކަން ނޭނގޭ ކަމަށް ވެސް ބުންޏެވެ.

ދަނީން ބޭނުންވި ކަންތައް ވިއެވެ. މަޢާފަށް އެދުނީތީ މަޢާފް ވެސް ލިބުނެވެ. އިތުރަކަށް އެވާހަކައެއް ނުދައްކައެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީއާއެކުވަމުން ދިޔައެވެ.

ހަނދުމަހެއްގެ އަށާރަ ވިލޭރެއެވެ. އޭނާގެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ރާފިއުމެން ގެއަށް ތަކުރު އައެވެ.

ގިފިލިތެރޭގައި އިންދި މާގަނޑުމަތިން ރާފިއު ހަނދާންވީ ތަކުރު ފެނުނީމަ އެވެ.

” މާގަނޑު ކޮބާ؟ އެއަށް އެއްވެސް ބަދަލެއް އައިތަ؟ ” ގޯތިތެރެއަށް ވަދެގެން އައި ތަކުރު މަޑުކޮށްލީ ގޯތިތެރޭހުރި ޖޯލިފަތި ކައިރީގައެވެ. އެތަނުގައި ތަކުރާއި ރާފިއު ފިޔަވައި އެހެން އެއްވެސް މީހަކު ނެތެވެ.

” އެވާހަކަ ދައްކަން ހަނދާން ނެތިފަ މިހުރީ …. އެހެން ބަޔަކު ކޮށްފައިހުރި ކަމެއްކަމަށް ހީކޮށް ދަނީން އޭތި އެއްލާލައިފި. އަހަރެން ވެސް ހަނދާން ނެތުނީ އޭނާ ކައިރީ އެވާހަކަ ދައްކަން …. ދެން ކިހިނެތް ހަދާނީ؟ ” ރާފިއުގެ ކިބައިން ފާޅުވީ ހާސްކަމާއި ކަންބޮޑު ވުމެވެ.

” ތި ކުރީ ވަރަށް ދެރަ ކަމެއް …. މިހާރު މިއޮތީ ވަގުތު ވެސް ވަރަށް ކުޑަތަންވެފަ. ” ތަކުރު ވާހަކަ ދެއްކީ އުޑާއި ދިމާއަށް ބަލާލަމުންނެވެ.

” ދެން ނޯއްނާނެތަ އެހެން ގޮތެއް؟ … ކޮންމެ ގޮތަކުން ނަމަވެސް އަހަރެން ބޭނުން މިކަމުން ސަލާމަތްވާން. ” މަޑުމަޑުން ރާފިއުއަށް ބުނެވުނެވެ.

” އެހެން ގޮތެއް އޮތްތޯ އަހަރެން ބަލާނަން. އެކަމު …. ދެން އަނެއްކާ ވެސް ޖެހޭނީ މަޑުކުރަން. ހަނދުމަހުގެ ފުރަތަމަކޮޅު ރެއެއްގެ އިރުއޮއްސޭ ވަގުތާއި ދިމާކުރަން ޖެހޭނީ. އެގަޑީ މިގޭ އެންމެން ތިބެން ޖެހޭނެ ގޭގަ. އެއްވެސް މީހަކަށް ބޭރަކަށް ނުދެވޭނެ. ދެރޭ ފަހުން އަހަރެން އަންނާނަން …. ސަމާލުވެ ތައްޔާރުވެގެން ތިބޭތި. ” ކަންތައް ކުރަންވީ ގޮތް ކިޔައިދެމުން ތަކުރު އަނެއްކާ ވެސް މައްޗަށް ބަލާލިއެވެ.

ދަނީނާއި ޝަމާއިލް އެމީހުންގެ އާދައިގެމަތިން، އެމީހުންގެ ލޯބީގެ މަންޒިލް ކަމުގައިވި ފަޅުގޭގައި ބައްދަލު ކުރަމުންދިޔައެވެ. ލިބެމުންދިޔަ އިޝްގީ މަސްތީ އުފަލާއި ހިތްހަމަ ޖެހުމުގެ ސަބަބުން ދަނީން ހުރީ އުފަލުންނެވެ. ޝަމާއިލާއިއެކު ހޭދަކުރެވޭ ވަގުތު މަދުވެ ބައެއް ފަހަރު ޝަކުވާ ވެސް ކުރެއެވެ. ކައިވެނިކުރަން ވެސް އެތައް ފަހަރަކު އެދެފިއެވެ.

” ކައިވެނި ކުރެވޭނީ ބައްޕަ އޯކޭ ވީމައެއްނު. މަ ވެސް އެބަ ޓްރައިކުރަން ބައްޕަ އޯކޭވޭތޯ. އެކަމު …. މަށަކަށް ހިޔެއް ނުވޭ ބައްޕަ ގަބޫލުވާނެހެނެއް ދުވަހަކު ވެސް. މިހާރު ވެސް އެއުޅެނީ އަހަރުމެން ދެމީހުން ދުރު ނުކުރެވިގެން. އަދިވެސް އެތަކުރު ދާނެ. މާ ކަންތައް ބޮޑުވަންޏާ އަހަރެންނަށް ޖެހޭނީ އެހެން ގޮތަކުން ކަންނޭނގެ އޭނާ މައިތިރިކުރަން. ” ޝަމާއިލްގެ ކިބައިން ފެނުނީ ހިތްހަމަ ނުޖެހުމެވެ. އޭނާއާ ދަނީން ދުރުކުރަން ތަކުރު މަސައްކަތް ކުރާތީ އެކަން ހުއްޓުވަން އެހެން މަގެއް އިޚްތިޔާރުކުރަން ޖެހިދާނެކަމުގެ އިންޒާރު ވެސް ދިނެވެ.

ޝަމާއިލްގެ ވާހަކަތައް ހުރިގޮތުން ދަނީން ކަންބޮޑުވިއެވެ. ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް އަތުންފައިން ގޯހެއް ނުހެދުމަށް އެދުނެވެ. އެހެން ވެއްޖެނަމަ އެކަމުގެ ގެއްލުން މާބޮޑުވާނެއެވެ. ރާފިއުއާއި ވާހަކަ ދައްކައިގެން އެކަން ހުއްޓުވޭތޯ ދަނީން މަސައްކަތް ކުރާނެއެވެ. ދަނީނަށް އެކަން ކާމިޔާބު ވާނެއެވެ.

އިޝާނަމާދަށް ދާން ރާފިއު ގެއިން ނުކުތްއިރު ދަނީން އައިސް ގެއަށް ވަންނަނީއެވެ.

” ދަރިފުޅާ! ކޮންތާކުން ތިއައީ؟ ބައްޕަ ބުނީމެއްނު މިގަޑީ ބޭރަށް ދިއުން ރަނގަޅެއްނޫނޭ. ” ދަނީން ފެނުމާއިއެކު އޭނާއަށް ގޮވާލަމުން ރާފިއު ވާހަކަ ދެއްކިއެވެ.

” ރައްޓެއްސަކާއި ބައްދަލުކޮށްލާފަ. ” ދަނީން ޖަވާބުދިނީ ރާފިޢުއަށް ބަލާލަމުންނެވެ.

” އެހެންތަ؟ …. އަވަހަށް ވަދެ ވުޟޫކޮށްގެން ނަމާދުކުރޭ. ބައްޕަ ދާނަން ނަމާދުން ފައިބާގެން މާމަގެއަށް. އޭރަށް އަންނާތި. އޭރުން މާމައަށް ވެސް ފަސޭހަވާނީ. ” ރާފިއު ހިނގައިގަތީ ބޭރަށް ނުކުންނާށެވެ.

ރާފިއު ބުނިފަދައިން ކަންތައް ކުރުމަށް އެއްބަސްވަމުން ދަނީން ގޮސް ގޭތެރެއަށް ވަނެވެ. ޝަމާއިލް ދެއްކި ވާހަކަތައް އޭރު އޭނާ ހަނދާނެއް ނެތެވެ.

ރޭގަނޑުގެ ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ރަށުތެރޭގައި ރަސްކަން ކުރަމުންދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ޝަމާއިލް ދެއްކި ވާހަކަތައް ދަނީން ހަނދާންވީ ނިދާން އޮށޯތް ފަހުންނެވެ. އެކަނިމާއެކަނި ކޮޓަރީގައި އޮތް ދަނީން ވިސްނަމުން ދިޔައީ އެވާހަކަތަކާއިމެދުގަ އެވެ. އެހެންކަމެއް އޭނާގެ ޚިޔާލަށް ނުވެސް އައެވެ.

ކޮންމެ ސައުވީސް ގަޑިއިރަކުން ދުވަހެއް ފާއިތުވަމުން ދިޔައެވެ. ދުވަސްތައް ގުނާލަގުނާލަހުރި ރާފިއު ތައްޔާރުވަމުން ދިޔައީ ތަކުރާއިއެކު އޭނާ ފަށާފައިވާ މަސައްކަތަށެވެ. އެކަން ކާމިޔާބު ވެގެން ނޫނީ އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަންހެނުން މަރުވިގޮތަށް އޭނާއާ ދަރިފުޅު މަރުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ބަޔަކު އޭނާއާމެދު ހަސަދަވެރިވެގެން އެކަން ކުރާނަމަ އެކަން ކުރާ ބަޔަކު ހޯދަން ވެސް ޖެހެއެވެ.

އިރުއޮއްސުމުގެ ކުރިން ދަނީން ގޮވައިގެން ރާފިއު ގެއަށް އައެވެ. ގެއިން ބޭރަށް ނުގޮސް މަޑުކުރުމަށް އެދުނެވެ. ގޭގެ ހާލަތާއި ދިމާވެފައިވާ ނުރައްކަލުގެ ވާހަކަ ކޮންމެވެސް ވަރަކަށް ދެއްކިއެވެ. ޖުމޭނާގެ މަރުގެ ހާދިސާ ހަނދާންކޮށްދިނެވެ. މަސައްކަތް މިކުރަނީ އެ ނުރައްކަލުން ސަލާމަތްވާންކަން ވިސްނައިދިނެވެ. ލަސްވާ ކޮންމެ ސިކުންތަކީ ނުރައްކަލަށް ދެވޭ ފުރުސަތެއްކަމުގައި ބުންޏެވެ.

ޝަމާއިލާއި ބައްދަލުކުރަން ނުދެވުމުން ދަނީން ހިތްހަމަ ނުޖެހުނެވެ. އެ އުފަލާއި އަރާމާއި ހިތްހަމަޖެހުމަށް އެދި ގޮވަމުންދިޔަ ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ. ކޮންޓްރޯލުން ދޫވެދާނެހެން ހީވި އެތައް ފަހަރެއް ވެސް ދިޔައެވެ.

ކިތަންމެ ބޭނުންވިޔަސް ރާފިއުއާއި ދެކޮޅު ކަމެއް ކުރާކަށް ދަނީނަކަށް ނުކެރޭނެއެވެ. ނުވެސް ކުރާނެއެވެ. ކުރިން ކޮށްފައެއް ވެސް ނުވެއެވެ.

މަޣުރިބު ނަމާދު ބަންގި ގޮވުމުގެ ކުރިން ތަކުރު އައެވެ. ބޭނުންވާ އާލާތްތައް ތައްޔާރުކޮށްގެން އައި ތަކުރު، ކޮތަޅުގެ ތެރެއިން ބޯކަށިކެޔޮ މާގަނޑެއް ނެގިއެވެ. އަރަބިއަކުން ކޮންމެވެސް ލިޔުންތަކެއް ލިޔެފައި އޭގައި ހުއްޓެވެ.

މާގަނޑު ފެނުމާއިއެކު ދަނީންގެ ހަނދާނަށްއައީ ޝަމާއިލް ދެއްކި ވާހަކަތަކެވެ. ޝަމާއިލްގެ ވާހަކަތަކާއި ރާފިއުގެ ވާހަކަތަކުގައި ފުށުއެރުންތަކެއް އެބަހުއްޓެވެ. އެކަމާއި ވިސްނާލަން ޖެހުނެވެ. ގަބޫލުކުރާނީ ކާކުގެ ވާހަކައެއްކަމާއިމެދު ސުވާލު އުފެދުނެވެ.

” ދަނީން! …. ގެއަށް ވަދެ ވުޟޫކޮށްގެން ޤުރުއާން ކިޔަވަންފަށާ ….. ފަށާނީ ބަގަރާ ސޫރަތުން. އަހަރެން ބުނުމުގެ ކުރިން ހުއްޓާ ނުލާތި. ރާފިއު މަޑުކުރޭ މިތާ ބޭރު. އަހަރެން ނުބުނަނީސް ދޮރު ނުހުޅުވާތި. ” ދަނީނާއި ރާފިއުއަށް ވަކިވަކިން ބަލާލަމުން ތަކުރު ވާހަކަ ދެއްކިއެވެ.

” ބޭބޭ! ތި އުޅެނީ ކީއްކުރަން؟ ” ތަކުރަށް ބަލާލަމުން ދަނީން އަހާލިއެވެ.

” ކޮއްކޯ! …. މި ގެ މިވަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރޭގަ. މިކަން ކޮށްގެން ނޫނީ ތި ދެބަފައިންނަށް ސަލާމަތެއް ނެތް. އަމާންކަމެއް ރައްކާތެރިކަމެއް ނެތް. އެކަން ކުރަން މިއުޅެނީ … އަވަހަށް ގޮސް ކިޔަވަން ފަށާ. ” ދަނީނަށް ވިސްނައިދޭ ފަދައަކުން ތަކުރު ވާހަކަ ދެއްކިއެވެ.

ތަކުރުގެ ވާހަކަތަކާއި ރާފިއުގެ ވާހަކަތައް ދިމާވެއެވެ. އެމީހުން އެއުޅެނީ ދަނީނާއި ޝަމާއިލް ދުރުކުރާކަށް ނޫނެވެ. ރާފިއުއާއި ދަނީންގެ ރައްކާތެރިކަމާއި ސަލާމަތް ހޯދާށެވެ. ޝަމާއިލަށް ކުށްހީއެއް ކުރެވުނީއެވެ. ދަނީންގެ ހިތަށް ހަމަޖެހުން ލިބުނެވެ.

މަޣުރިބު ނަމާދު ބަންގީގެ އަޑާއިއެކު މަސައްކަތް ފެށިއްޖެއެވެ. ދަނީން އިނީ ސިޓިންގރޫމްގައެވެ. އޭނާގެ ވާޖިބާއިގެން ކުރިޔަށް ދިޔައެވެ. ޤުރުއާން ކިޔަވާލުމުން ހިތަށް ލިބޭ އުފަލާއި ހަމަޖެހުން ދަނީންގެ ކިބައިން ފެންނަމުންދިޔައެވެ.

ތަކުރު އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. ރާފިއު ހުރީ ގިފިލީ ދޮރު ކައިރީގައެވެ. ތަކުރު ގޮވައިލާނެ އިރެއްގެ އިންތިޒާރުގައެވެ.

ވެރިވަމުންދިޔަ އަނދިރިކަމުގެ އަސަރު ގިފިލިތެރެއަށް ބޮޑެވެ. މާދުރުން އައިސްފައިވާ އައްޔެއްގެ އަސަރު ކޮންމެވެސް ވަރަކަށް ގިފިލިތެރެއަށް ފޯރާފައި ހުއްޓެވެ. ކުއްލިއަކަށް ވިދާލި ވިދުވަރާއިއެކު ބާރު ގުގުރިއެއް ޖެހިއެވެ. ވިއްސާރައިގެ އަސަރު އެއްވެސް ވަރަކަށް ފެންނާކަށް ނެތެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް