އެޓަރނަލް ޕިކްޗަރސްގެ ދިވެހި ފިލްމު “ލަސްވިޔަސް” ޕްރިމިއާކޮށްފި އެވެ. މި ފިލްމު ޕްރިމިއާކުރީ މިމަހު 12 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައެވެ. ފިލްމުގެ ފުރަތަމަ ޝޯއަށްފަހު ބެލުންތެރިން މިވަނީ ހިތްހަމަޖެހިގެން ބަލައިލެވޭނެ މޮޅު ދިވެހި ފިލްމެއް ބަލައިލުމުގެ ފޮނި އިހްސާސްތަކާއެކު ފިލްމުގެ މަސައްކަތްތަކަށް ތަޢުރީފުކުރަން ފަށާފައެވެ.
“ލަސްވިޔަސް” ޕްރިމިއާ ހަފުލާގައި ފިލްމުގެ ކާސްޓާއި، ޕޮރޮޑިއުސަރުންގެ އިތުރުން ޓެކްނިކަލް ޓީމުގެ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. ޓެޑްރީ ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކޮށްފައިވާ މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުން ލަސްވެގެން ދިޔަ ކަންކަމަށް ޓެޑްރީ އަލިއަޅުވައިލާ ވާހަކަދެއްކިއެވެ.
ޓެޑްރީގެ އިތުރުން ފިލްމުގެ އަނެއް ދެ ޕްރޮޑިއުސަރުން ކަމަށްވާ މައްލާ އަޙްމަދު ނާސިރު އަދި އިބްރާހީމް ރަޝީދު (ޓީވީ އިއްބެ) ވެސް މި ހަފުލާގައި ވާހަކަދެއްކިއެވެ. މައްލާ ބުނީ ބެލުންތެރިންނާ ހަމައަށް ފިލްމު ގެނައުން ލަހެއްނުވާ ކަމަށާ ނަމަވެސް ދެރިޔާއަށް ފަހު ފިލްމެއް ނުއުފައްދާ ޓެޑްރީ ވަރަށް ލަސްކޮށްފި ކަމަށެވެ. އިއްބެގެ ވާހަކައިގައި އަލިއަޅުވައިލީ ފިލްމު “ލަސްވިޔަސް”ގެ މަންޒަރުތައް އަކުރުންއަކުރަށް، ފިލިންފިއްޔަށް، މަންޒަރުން މަންޒަރަށް އެންމެ ފުރަތަމަ ފަހަރަށް ޓެޑްރީ ކިޔައިދިން ގޮތުގެ ވާހަކަތަކާއި އެ ކިޔައިދިން ގޮތަށް ނުވަތަ އެއަށް ވުރެން ފުރިހަމައަށް ފިލްމުގެ ކޮންމެ މަންޒަރެއްވެސް ގެނެސްދީފައިވާ ކަމަށެވެ.
“ލަސްވިޔަސް” ބެލުމަށްފަހު ބެލުންތެރިންގެ އިތުރުން މި ފިލްމުގެ ބައެއް ކާސްޓުންނާއި ފިލްމީ ދާއިރާގެ ބައެއް ފަންނާނުންވެސް މި ފިލްމުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައިވެއެވެ.
މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހީމް ފިލްމީ ދާއިރާއަށް ނުކުންނަ މި ފިލްމު “ލަސްވިޔަސް”ގައި އަހްމަދު އީސަ (އާނަންދު) އާއި ވާޝިޔާ މުހައްމަދު ލީޑް ރޯލުތަކުން ފެނިގެންދާއިރު ފައުޒިއްޔާ ހަސަން އާއި ރީކޯ މޫސާ މަނިކު ވެސް މި ފިލްމުން ފެނިގެންދެއެވެ. އިތުރަށް ފެނިގެންދާ މުހިންމު ތަރިންގެ ތެރޭގައި އަހުމަދު އިފްނާޒް ފިރާގު އަދި ތާތި އާދަމް، ޖިމީ، ކުޑަ ހައްޖަ، އަޙްމަދު އާސިމްގެ އިތުރުންވެސް ގިނަ ތަރިންތަކެއް ފެނެއެވެ.
ކެންސަރު ޖެހިފައިވާ ކުޑަ އަންހެން ކުއްޖެއްގެ ހަޔާތުގެ ވަށައިގެން އެނބުރޭ ހާދިސާތަކެއް ދައްކުވައިދޭ “ލަސްވިޔަސް”އަކީ 1994 ވަނަ އަހަރު “ދެރިޔާ” އަށް ފަހު ޓެޑްރީ މިހާތަނަށް ޑައިރެކްޓް ކުރި ހަމައެކަނި ފީޗާ ފިލްމެވެ. ނަމަވެސް ޓެޑްރީ ޑައިރެކްޓްކޮށް ގެނެސްދިން ހޭލުންތެރިކުރުމުގެ ޑްރާމާ ސީރީޒަކާއި އެހެނިގެން މުހިންމު އަދި ހިތްގައިމު މަސައްކަތްތައް އަބަދުވެސް ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!