ދިވެހި ފިލްމު “ކަނބުލޮ” ލޯންޗުކޮށްފިއެވެ. މިއީ މިދިޔަ އަހަރު ކިޑް ޕްރޮޑަކްޝަން އަދި ސެޓަރން ސްޓޫޑިއޯއިން ގެނެސްދިން ކާމިޔާބު ފިލްމު “ކަމަނާ”އަށް ފަހުން، އެ ޓީމުން ގެނެސްދޭ ފިލްމެކެވެ.

ފިލްމާމެދު
މިއީ، ދިވެހި މުޖުތަމަޢުގައި ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ.

މިފިލްމުގައި ބުނެދެނީ، ކުޑަކުދިންނަށާއި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ މީހުންގެ ފަރާތުން އެމީހުންނަށް ދެމުންދާ އަނިޔާތަކަށް ކެތްކުރުމަށް މަޖުބޫރުކުރުވުމެވެ.

މުޖުތަމަޢުގައި އަބުރުވެރިންގެ ގޮތުގައި އުޅޭ މީހުން، ގޭތެރޭގައި ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކެވެ. އެކުދިންނަށް، ކުޑައިރުގައި އެ ލިބުނު އަނިޔާތަކުގެ ސަބަބުން ޒަވާޖީ ހަޔާތަށް ކުރާ އަސަރުތަކެވެ. ނުފޫޒުގަދަ މީހުން އަދުލުއިންސާފުގެ މައްޗަށް އަތްގަދަކުރާގޮތެވެ. ނިކަމެތި ކުދިންނަށް ކުރި ޖިންސީ އަދި ޖިސްމާނީ އަނިޔާގެ މައްޗަށް އިންސާފު ހޯދަން އަނިޔާ ލިބުނު ކުއްޖާ ކުރި ހިތްވަރުގަދަ މަސައްކަތެވެ.

މިއީ އަނިޔާވެރިކަމާއި، ހިތާމަޔާއި، ހިތްދަތިކަމުގެތެރޭން އުންމީދާއި ލޯތްބާއި އުފާވެރިކަންވެސް ދައްކުވައިދޭ ތަފާތު އެތައް ޖަޒުބާތުތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި މުޖުތަމަޢުގެ ކޮންމެ މަންމައަކާއި ބައްޕައެއްވެސް ބަލާލަން ރަނގަޅު ފިލްމެކެވެ.

ފިލްމުގެ ޓީމު

މި ފިލްމު ހުށަހަޅައިދެނީ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިންނެވެ.

ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު “ކަމަނާ”ގެ ޕްރޮޑިއުސަރު އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު އެވެ.

ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާއެވެ.

ޔަޝްފާ ޢަބްދުލް ޣަނީގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ.

ޔަޝްފާ ޢަބްދުލް ޣަނީގެ މި ވާހަކަ އަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ޤައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނު ވާހަކައެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.

2024 ވަނަ އަހަރު ނެރުނު ކަމަނާގެ ޑައިރެކްޓަރަކީވެސް ހުސެން މުނައްވަރު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.