ފަހަރަކު ޖޮންރާއެއް ތަޖުރިބާކުރަމުން، ކޮލިޓީ އުފެއްދުންތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދެމުން އަންނަ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) މިފަހަރު ގެނެސްދޭ ލޯބީގެ ތަފާތު ވާހަކައެއް ފެނިގެންދާ “ލޯބިން…؟” ފިލްމުގެ ޓައިޓްލް ލަވަ “ލޯބިން” ރިލީޒްކޮށްފިއެވެ. “ލޯބިން” ލަވައަކީ ހުރިހައި ގޮތަކުންވެސް ލޯބި ލަވައެއް ކަން ފާހަގަކޮށްލެވެއެވެ.
“ލޯބިން” ލަވަ ކިޔާފައިވަނީ އަމިއްލަ ރާގުތަކަށް، ޒަމާނީ ސްޓައިލްގައި ލަވަތައް ގެނެސްދެމުން އަންނަ ޝަންމޫން މުޙައްމަދު އަދި ޢާއިޝަތު މާއިން ރަޝީދު އެވެ. މިއީ މަޝްހޫރު މިއުޒީޝަން ޝަހީދު ލިގެސީގެ އަމިއްލަ ރާގަކަށް، އޭނާގެ އަމިއްލަ މިއުޒިކަށް ގެނެސްދީފައިވާ ލަވައެކެވެ. ލަވައިގެ ލިރިކްސް ހަދާފައިވަނީ އިއްލެ އެވެ.
“ލޯބިން” ލަވައިގެ ލޯބިކަން ފެނިގެންދަނީ ލަވައިން ފެންނަ ހިތްގައިމު މަންޒަރުތަކުންނެވެ. މީގެ އިތުރަށް، ފިލްމު “ލޯބިން…؟”ގެ ބަޠަލުން ކަމަށްވާ ތާތި އާދަމް އަދި އިފްނާޒްގެ ހިތްގައިމު، މަޑުމައިތިރި، އިން ހިފެހެއްޓިފައިވާ ލޯބީގެ މަންޒަރުތަކުންވެސް ލަވައިގެ ލޯބިކަން އިތުރަށް ލޯބިކޮށްދެއެވެ.
2025 އޯގަސްޓް 06 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރަން އަމާޒުހިފާފައިވާ ފިލްމު “ލޯބިން…؟” އަކީ ދިވެހި މުޖުތަމަޢަށް އެތަކެއް ފައިދާހުރި މެސެޖްތަކެއް ލިބިގެންދާނެ ފިލްމެކެވެ.
ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އިއްލެ ލިޔެ، ޑައިރެކްޓްކޮށްފައިވާ “ލޯބިން” ގެ ލީޑް ކާސްޓްގައި ހިމެނެނީ އިފްނާޒް ފިރާޤް، ތާތި އާދަމް، އަހުމަދު ޝާރިފް އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާ ހިމެނެ އެވެ.
މިއީ ‘އައިފިލްމްސް’، ‘އިންޖީނިއަސް ވިޝުއަލް ފެކްޓްރީ’ އަދި ‘ލައިޓްސް އައުޓް ޕްރޮޑަކްޝަން’ ގުޅިގެން އުފައްދާ ފިލްމެކެވެ.
