ކްރިއޭޓިވް ނެޓްވޯކުގެ އަލަތު ފީޗާ ފިލްމު ”ލިލީ“ ރިލީޒްކުރާނެ ތާރީޚާއެކު، ފިލްމުގެ މެއިން ކެރެކްޓަރ ’ލިލީ‘ ދައްކާލައިފިއެވެ. މިއަދު އާއްމުކޮށްފައިވާ ޓްރެއިލާއިން ލިލީ ދައްކާލާފައިވާއިރު، އެތަކެއް ސުވާލުތަކެއް އުފެދޭ ކަންތައްތަކެއް ފެނިގެންދެއެވެ.

އާއްމުކޮށްފައިވާ ކެރެކްޓަރ ޓްރެއިލާއިން އައިޝާ އަލީ ފެނިގެންދާ މަންޒަރުތަކުން ތަފާތު ގިނަ އިހްސާސްތަކެއް ދައްކުވައިދެއެވެ. ފިލްމުގެ ލީޑް ކެރެކްޓަރ އައިޝާ ނުވަތަ ’މުޅި ހިންނަވަރަށް މަޝްހޫރު ލިލީ‘ ދައްކާލާއިރު، އަށްޑިހައިގެ އަހަރުތަކުގައި ކަނބަލުން ޒީނަތްތެރިވުމަށް ބޭނުންކުރާ ބައެއް ސާމާނުތައް ފެނެއެވެ. އެގޮތުން އިހުގެ ރަތްފުށް ދަޅަކާއި، ފެހި ކޯލާވައްޓަރު ފުޅިއަކާއި ސްވޯން ބްރޭންޑްގެ ޒައިތޫނިތެޔޮ ފުޅިއެއް ފެނިގެންދެއެވެ.

އިހުގެ ގެއެއްގެ ބިތުގައި އަޅުވާފައި އޮންނަ ރޭޑިއޯއަކުން ’މާލިލީ ބަނަފުސާމާ‘ ލަވައިގެ އަޑު އިވިގެންދާއިރު އައިޝާ ގޮސް އިށީންނަ މޭޒުމަތީގައި ހުންނަ ދުންދަނޑި ޖަހާއެއްޗެއްގައި ހުންނަ ދުންދަނޑިތަކެއް ރޯކޮށްލާ ތަނާއި، އިހުގެ ދުފާފޮށްޓަކުން ދުވާ މަންޒަރުވެސް ފެނެއެވެ.

ކްރައިމް ތްރިލާ ފިލްމު ”ލިލީ“ގެ ލީޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާވެސް ހިމެނޭނެ އެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގު، އައިޝަތު އާރިފާ އަދި މުހައްމަދު ވަހީދު ވެސް މުހިންމު ރޯލުތަކަކުން ފެންނާނެ އެވެ. މީގެ އިތުރުން އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރު މުޅިން އަލަށް ދިވެހި ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ އެވެ.

‎ފިލްމުގެ މޭކަޕްތައް ކޮށްފައިވާނީ ޖަސްޓިން އެވެ. ޑައިރެކްޓާ އޮފް ފޮޓޯގްރަފީ އަކީ ސަމާހު އިބްރާހިމް އެވެ. އެނިމޭޝަންތަކުގެ މަސައްކަތް ކޮށްފައިވާނީ ހުސައިން އިހުސާން އެވެ. ފިލްމުގެ ނަން ފަރުމާކޮށްފައިވަނީ އަބްދުﷲ (އަބޯ) ޝަފީއު އެވެ. ބެކްސްކޯރިންގެ މަސައްކަތް ކޮށްފައިވާނީ ފަތުހުﷲ ޝަކީލް އެވެ. ޅެމާއި މެލޮޑީ މުހައްމަދު އަބްދުލް ޣަނީ ހަދާފައިވާއިރު ލަވައިގެ މިޔުޒިކްތައް ހަދާފައިވަނީ ހުސައިން ތައުފީގް އެވެ.

‎20 ނޮވެމްބަރުގައި ރިލީޒްކުރާ ފިލްމު ”ލިލީ“ އަކީ މުހައްމަދު އަރީޙް އުފައްދައި އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.