އިނގިރޭސިވިލާތުގެ އެންމެ ބޮޑު ރިއަލިޓީ ޝޯ ”ބްރިޓެއިންސް ގޮޓް ޓެލެންޓް“ގެ 19 ވަނަ ސީޒަންގެ ހޮވެލީގައި ބައިވެރިވުމަށް ރާއްޖޭގެ މަޝްހޫރު ބޭންޑް ”ޓޫ އޮފް އަސް“ މި މަހުގެ 03 ވަނަ ދުވަހު ފުރަން ތައްޔާރުވެއްޖެއެވެ.

މި ބޭންޑް އިނގިރޭސިވިލާތުގެ ލަންޑަނަށް ދިއުމަށް މާލެއިން ފުރާނީ 3 ސެޕްޓެމްބަރ 2025 ގައެވެ. އެތަނުގެ އޮޑިޝަންތައް އޮންނާނީ ކެނިންގޓަންގެ ސަރީ ކައުންޓީ ކްރިކެޓް ކްލަބްގެ ދަ ކިއާ އޯވަލްގައެވެ.

ޓޫ އޮފް އަސް ބޭންޑުން މި މޭލުގަލާ ހަމައަށް ވާޞިލުވެފައި ވަނީ މިއަހަރުގެ ކުރީކޮޅު އިންޑިއާގެ މުމްބާއީގައި ބޭއްވި ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލްގައި ދެވަނަ ރަނަރަޕްގެ މަގާމު ހޯދި ތާރީޚީ ކާމިޔާބީއަށް ފަހުގައެވެ.

ދިވެހި އަޑުތަކާއި ބައިނަލްއަޤްވާމީ ރާގުތަކުގެ ތަފާތު ފިއުޝަން އާއި އެކު ހުށައަޅައިދޭ މި ގްރޫޕަކީ ސަގާފީ ފަޚުރާއި، ޒުވާނުން ބާރުވެރިކުރުމާއި، ދިވެހި ފަންނުވެރިން ބައިނަލްއަޤްވާމީ މައިދާނުގައި ބާރުވެރިކުރުވުމަށް މަސައްކަތްކުރަމުން އަންނަ ބޭންޑެކެވެ.

”ބްރިޓެއިންސް ގޮޓް ޓެލެންޓް ސްޓޭޖަށް ދިވެހިންގެ ދިދަ އުފުލައިލުމަކީ ހަމައެކަނި އަޅުގަނޑުމެންގެ ހުވަފެނެއް ނޫން، މިއީ މުޅި ގައުމުގެ ހުވަފެނެއް،

އަޅުގަނޑުމެން މި ދަތުރުވެސް މި ކުރަނީ އަމިއްލައަށް ފައިސާ ހޯދައިގެން، އެކަމަކު އަޅުގަނޑުމެންނަށް ތާއިދުކުރާ އަޅުގަނޑުމެންގެ އަގުވަޒަންކުރާ ޖަމިއްޔާތަކާއި ބައިވެރިންގެ އަގުހުރި އެއްބާރުލުމާއެކުގަ.

މިއީ މިއުޒިކަށްވުރެ މާ ބޮޑު ކަމެއް. މިއީ ދިވެހީންގެ ސަގާފަތާއި ހުނަރު ދުނިޔެއަށް ދައްކާލުން.“

* ޓޫ އޮފް އަސްގެ ލީޑަރު އަދުހަމް

މި ހޮވެލީގައި ބައިވެރިވެ ޓޫ އޮފް އަސް އިން ބޭނުންވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި މިއުޒިކްގެ ވިދުން ގަދަކޮށް، ޒުވާނުން މިކަމަށް އިތުރަށް ހިތްޖައްސުވައި ބޭރުގެ މަންސަތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.