ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި މިއުޒިކަށް ޝަރަފުވެރި ނަމެއް ހޯދައިދީފައިވާ މަގުބޫލު ބޭންޑް ޓޫ އޮފް އަސްއިން ވޯލްޑް ޓުއާރއެއް ފަށަން ތައްޔާރުވެއްޖެ އެވެ. އެގޮތުން އެ ބޭންޑުން ”ޑްރީމް ބިޔޯންޑް ބޯޑާސް – ލައިވް އިން ކުއާލަލަމްޕޫރު“ގެ ނަމުގައި މެލޭޝިއާގައި ކޮންސަޓެއް ބާއްވަން ތައްޔާރުވެފައިވާ ކަމަށް ބުންޏެވެ.

ޓޫ އޮފް އަސް ބޭންޑުން ބުނި ގޮތުގައި މިއީ އެ ބޭންޑުގެ ވޯލްޑް ޓުއާގެ ފެށުމެވެ. އަދި މިއީ ރާއްޖެއިން ބޭރުގައި ދިވެހި ބޭންޑަކުން ބާއްވާ ފުރަތަމަ ކޮންސެޓަށް ވާނެކަމަށް ވެސް ޓޫ އޮފް އަސް އިން ބުންޏެވެ. ޓޫ އޮފް އަސްއިން ބުނީ މިއީ އެކި ހުވަފެންތަކާއި، ބުރަ މަސައްކަތާއެކު ހާސިލްވާ ކަމެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ޕާފޯމަންސެއް ނޫން ކަމަށާއި މިއީ އެތައް އަހަރެއްގެ ބުރަ މަސައްކަތް ކަމަށެވެ.

ވަރަށް އާދައިގެ ފެށުމަކުން، ބައިނަލްއަގުވާމީ ސްޓޭޖްތަކުގައި ވާދަ ކުރުމާ ހަމައަށް، ޓޫ އޮފް އަސްއިން ވަނީ ފަޚުރުވެރިކަމާ އެކު ގައުމު ތަމްސީލުކުރުމަށް އެތައް ގޮންޖެހުތަކެއް ކަޑައްތުކޮށް މަސައްކަތްކޮށްފައި ކަމަށްވެސް އެ ބޭންޑުން ބުންޏެވެ.

މި ކޮންސެޓަކީ ކޮންސިއާޖް ގްރޫޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ވިޒިޓް މޯލްޑިވްސްއާއި، އެސްއެސްޓީވީ، މީ-2 ފިލްމްސް، އައިލެންޑް ޕާފިއުމްސް، އަޒިޑޮން އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ ކޮންސެޓެކެވެ.

މި ކޮންސެޓް އޮންނާނީ އަންނަ މަހުގައެވެ. ކޮންސެޓް ބާއްވާނެ ތާރީޚެއް ފަހުން އިޢުލާނުކުރާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.