ކުރިއަރަމުން އަންނަ އުއްމީދީ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތުގެ އާ ވީޑިއޯ ލަވަ ‘ޝާހީ ރީތި މޫނޭ’ އަންނަ މަހު ނެރެން ނިންމާފައިވާކަމަށް ރިއްފަތު ބުނެފި އެވެ.

އަޙްމަދު އިސްމާޢީލް ގެ މުއްސަނދި ޝާއިރީ ޚިޔާލުން އަމުނާލާފައިވާ ބަސްތައް މިފަހަރުވެސް ލަވައެއްގެ ސިފައިގައި ނެގެސްދެނީ ރިއްފަތެވެ. ރިއްފަތު އަމިއްލައަށް ޕްރޮޑިއުސްކުރާ މި ލަވައިގެ މިއުޒިކް ރެކޯޑިން ހަދާފައިވަނީ ‘ކޮއްކޮ’ އެވެ.

ރިއްފަތު ބުނީ ލަވައިގެ ވީޑިއޯ މަސައްކަތް ކޮށްފައިވަނީ ‘މަނިކް އާރޓްސް’ އިން ކަމަށެވެ. އެގޮތުން ލަވައިގެ ސިނަމޮޓޮގްރަފީ، އެޑިޓިން އަދި ޑައިރެކްޝަން ހަދާފައިވަނީ މަނިކް އާރޓްސް (މަނިކް) އެވެ. ލަވައިން ފެނިގެންދާނީ ރިއްފަތު އަދި ނާޖީ އެވެ.

މި ހަފުތާގައި މި ލަވައިގެ ޓްރެއިލަރ ނެރުމަށް ނިންމާފައިވާއިރު ރިއްފަތު ބުނީ މި ލަވައިގެ ކޮސްޓިއުމް އަކީ ބޭރުން އޯޑަރުކޮށްގެން ގެނެސްފައިވާ ކޮސްޓިއުމެއް ކަމަށެވެ.

“މި ލަވަ ވެގެންދާނެ ރާއްޖޭގެ މިހާތަނަށް އެންމެ އަގުބޮޑު ކޮސްޓިމެއް ބޭނުންކޮށްގެން ހަދާ އެއް ލަވައަށް.” ލަވައިގެ ކޮސްޓިއުމާއިމެދު ރިއްފަތު ބުންޏެވެ. ލަވައިގެ ޝޫޓިން ވީޑިއޯ އަދި ފޮޓޯ ތަކާއި ލަވައިގެ ޕޯސްޓަރުން ރިއްފަތު ލައިގެން ހުންނަ ޝޭރްވާނީ އަކީ ތަފާތު ކޮސްޓިއުމެއްކަން ފާހަގަކޮށްލެވެއެވެ.

ރިއްފަތަކީ ކުރީގެ ރީތި ހިންދީ ރާގުތަކަށް ހިތްގައިމު ލަވަތަކެއް ގެނެސްދެމުން އަންނަ ފަންނާނެކެވެ. އެގޮތުން ‘ޝާހީ ރީތި މޫނޭ’ އަކީ ހިތްގައިމު ލަވައެއް ކަމަށްވާ ‘ތުހީ ވޯހ ހަސީހޭ’ ގެ ރާގަށް ކިޔާފައިވާ ލަވައެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.