ޗެޕްޓަރ އެކެއް – އަކްމަލްގެ އައުން
އުމުރުން ވިހި އަހަރުގެ ރާޔާއަކީ އޭނާއާއެކު އެންމެންވެސް ވަގުތުތައް ހޭދަކުރަން ބޭނުންވާ ލޯބިލޯބި ޒުވާނެކެވެ. އޭނާއަކީ ޒަމާނީ ފެޝަނަށް ލޯބިކުރާ، މޮޑެލްކުރާ ކުއްޖެކެވެ. ލައި އުޅެނީ އެންމެ ޒަމާނީ އެންމެ މޮޑާރން އަންނައުނެވެ. އޭނާގެ އާއިލާގައި ތިބެނީ ހަމައެކަނި އެއްބަނޑުއެއްބަފާ ދައްތައަކާ ޅިޔަނެކެވެ.
ޝޫޓިން ނިންމާފައި ރާޔާގެ ކާރަށް އަރާ ސްޓާޓްކޮށްލަމުން ބާރަށް ދުއްވާލީ އޭނާގެ ގެއާ ދިމާއަށް ދިއުމަށެވެ. ހުޅުމާލޭ ފޭސް ދެއަކުން ފޭސް އެކެއްގައި ހުންނަ އޭނާގެ ގެ ކައިރިއަށް ކާރު މަޑުކޮށްލާ ކާރުން ފައިބާ މަގުގެ އަރިމަތީގައި ހުރި ބޮޑު ގަހެއްގެ ދަށުގައި މަޑުކޮށްލިއެއެވެ. ޖެހެމުންދިޔަ ވަޔާއެކު އޭނާގެ ފަންފަން ދިގު އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައިރު އޭނާގެ އަތުގެ އިނގިލިތަކުން އިސްތަށިގަނޑުގައި އަތުން ފުނާއަޅައިލިއެވެ. ކުއްލިއަކަށް ރާޔާގެ މޫނުމައްޗަށް ހިތްގައިމު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކާރުގެ ފަހަތު ސީޓް ދޮރުހުޅުވާލައި ސީޓްމަތީގައި ހުރި އޭނާގެ ސާމާނުތައް ނެގިއެވެ.
♫⋆。♪ ލޯތްބަށްމަގޭ އޮތް އިތުބާރު ކޮބާހޭ؟
ޚިޔާލުތަކާ ކުރި ހުވާތައް ކޮބާހޭ؟
ޚިޔާލުތަކެއް ހުވައެއް މަ ކުރިންހޭ؟
ދޫރޫ ރުރޫ ރުރޫ ރަރާރީ ♫⋆。♪
ރާޔާގެ ރީތި އަޑުން މި ލަވަ ކިޔަމުން ކާރު ތަޅުލާފައި ގެއާދިމާއަށް ހިނގައިގަތެވެ.
***~~~***
ގޭގެ ތަޅު ހުޅުވައިލަން ތަޅުދަނޑި ޖެހި ވަގުތު ދޮރު އެތެރެއިން ދޮރު ހުޅުވާލާފައި ނިކުތީ އޭނާގެ ދައްތަ ނާޔާއެވެ.
”ނިކަން ބަލާލަބަލަ އައިސް މީނދަ މީހެއް؟“ ރާޔާ އެތެރެއަށް ވަނުމާއެކު އޭނާގެ ދައްތަ ނާޔާ ބުންޏެވެ. އޭރު ސޯފާގައި އިށީންދެލައިގެން އިން އަކްމަލް، ހިތްގައިމު ހިނިތުންވުމަކާ އެކު ރާޔާއަށް ނިތްއަރުވައިލި އެވެ.
ރާޔާ ވެސް ހިނިތުންވެލިއެވެ. އަކްމަލް ސޯފާއިން ތެދުވެ ރާޔާއާ ކައިރިއަށް ޖެހިލައި ރާޔާގެ ގައިގައި ބައްދާލިއެވެ.
”އާދެވިއްޖެ ދޯ އަކްމަލް ގަނޑާ…… ހާދަ މިސްވިއޭ ލޯބިގަނޑާ.“ އަކްމަލްގެ ގައިގައި ބައްދާލައިގެން ހުރެ ރާޔާ ބުންޏެވެ.
”މަވެސް ހަމަ އެހާ ވަރަށް ތި މީހުން މިސްވިޔޭ، ލޯބިގަނޑާ!“ އަކްމަލް މިހެން ބުނެލަމުން ރާޔާގެ ގައިން ދޫކޮށްލިއެވެ. ދެމީހުން ގޮސް ކާމޭޒުދޮށުގައި އިށީންދެ އަނގަތަޅަން ފެށިއެވެ. ދެމީހުންނަށް ކާން ހަދައިދީފާ ނާޔާ އެތަނުން ހިނގައްޖެއެވެ.
”ރާޔާ….. ރާ އަށް ހިއެއް ނުވޭތަ ދުވަހެއް ދުވަހަކަށް ވުރެން ރާ ސަޅިވަމުން އަންނަހެނެއް؟ މި ބުނީ އާދަޔާޚިލާފަށް ރީތިވަމުން އަންހެނެއް؟“ ކުއްލިއަކަށް އަކްމަލް ބުނެލިއެވެ. އެވަގުތު އަކްމަލް އަށް ރާޔާ ލޯއަޅައިލިއެވެ.
”ތިބުނީ؟“ ތަށްޓަށް ޕާސްތާ އަޅަމުން ރާޔާ ސުވާލުކުރިއެވެ.
”މިބުނީ……“
އަކްމަލްގެ އަޑު މަޑުކޮށްލަމުން ރާޔާއާ ގާތަށް ޖެހިލައި ރާޔާގެ ކޯތާފަތާ ދަތްދޮޅީގައި އިނގިލިތައް ހިނގައިލަމުން ބުނަން ފެށި ޖުމްލަ ފުރިހަމަކުރިއެވެ.
”މި ބުނީ ތިހާ ރީތިވީމަ އަހަރެން ކީއްކުރަން؟…. ޖިންނީންނާ ރޫހާނީ މަޚްލޫޤުންގެ ނަޒަރުވެސް ތި ލޯބި މޫނުގެ ޖާދޫގަ ނުޖެހިއެއް ނުދާނެ. އެމީހުންވެސް ރާޔާ ދެކެ ލޯބިވާނެ!“ މަސްތުން ފުރިފައިވާ ވައި އަޑަކުން ރާޔާއާ ދިމާކުރަމުން އަކްމަލް ބުނެލިއެވެ.
”އަކްމަލް ގަނޑާ..!“ ދަތްކުނޑި ވިކައިލަމުން ރާޔާ ބުނެލިއެވެ. ހަމައެއާއެކު ތުއްތު ދެކުދިން ބާލީސް ފައިޓެއް ހިންގާހެން ދެމީހުން ތޮޅެން ފެށިއެވެ. ގޮނޑިން ތެދުވެ، އެކަކު އަނެކެއްގެ ގައިގައި ކޮއްޓަމުންގޮސް ތަޅުންގަނޑު މަތީގައި އަޅަފައި އޮތް ކާޕެޓްމައްޗަށް ދެމީހުން ވެއްޓިގަތެވެ. އިރުކޮޅަކުން އަކްމަލް އޮތީ ރާޔާގެ ގައިމައްޗަށްވާ ގޮތަށެވެ. އެވަގުތު އެ ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ.
”އެ ނުކުތީ ނާޔާއްތަ!“ ދުރަށް އިނގިލި ދިއްކޮށްލަމުން ރާޔާ ބުނެލިއެވެ. އެވަގުތު އަކްމަލްގެ ކަނާތްތިލަ ކާޕެޓްމަތީގައި ވިއްދާލަމުން އަނެއް ފަރާތަށް ބޯ އުފުލައިލާ ބަލައިލިއެވެ. ދަނޑިވަޅުގެ ބޭނުން ހިފަމުން އަކްމަލްގެ އަތްދޮށުން ދެމިގަތެވެ. ހެމުންހެމުން ތެދުވެގެން އޭނާގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ދެފަރާތަށް ބޯ ހޫރާލަމުން އަކްމަލް ހީނލިއެވެ.
***~~~***
ދަންވަރުގެ ހިމޭން ވަގުތެވެ. ރާޔާ ފިޔަވައި އެންމެން ތިބީ ހިމޭން ނިއްޖެއްގައި ނިދާފައެވެ. ރާޔާއަށް އިހްސާސްކުރެވެމުން ދިޔައީ އޭނާގެ އަތާއި މޫނާ އަދި ފައިގައިވެސް ކޮންމެވެސް އަތަކުން ފިރުމަމުން ދާހެންނެވެ. ކުއްލިއަކަށް އޭނާގެ ލޯ ހުޅުވައިލިއެވެ.
”ކާ… ކާކު؟“ ރާޔާއަށް ސުވާލުކޮށްލެވުނެވެ. ވަށައިގެން ހޯދާ ބަލައިލިއިރު އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އޭނާއަށް ހީވި ގޮތެއްކަމަށް ނިންމާފައި އަނެއްކާވެސް ނިދައިފިއެވެ. ނިދި ޖެހުނުތަނާހެން ހަމަ ކުއްލިއަކަށް ރާޔާގެ ގައިމަތީގައި އަޅާފައި އޮތް ބެޑްކަވަރު އޭނާގެ ގައިމަތިން ދަމާ ތިރިކުރާހެން ހީވާން ފެށިއެވެ. ކުއްލިއަކަށް ރާޔާއަށް ތެދުވެވިއްޖެއެވެ. އޭރު އޭނާގެ ގައިމަތީގައި މީގެ ކުޑައިރުކޮޅެއް ކުރިން އޮތް ބެޑްކަވަރު އޮތީ މުށިގަނޑުމަތީގައެވެ. ފުރާނައެއް ހުރި އެއްޗެއް ފަދައިން ބެޑްކަވަރު ހަރަކާތްތެރިވާން ފެށިއެވެ. އޮޅެމުން، އެނބުރެމުން ގޮސް މަޚުލޫޤެއްގެ ސިފަ ޖެހިއްޖެއެވެ. ހީވަނީ ކޮންމެވެސް މީހަކު އެ ބެޑްކަވަރުތެރެއަށް ވަދެ ހުރިހެންނެވެ. ރާޔާ އެނދުން ތެދުވެ ބެޑްކަވަރުގެ އެއްކޮޅުގައި ހިފައި އޭނާއާ ގާތަށް ދަމައިގަތެވެ. ބެޑްކަވަރު ތެރޭގައި އެއްވެސް މީހަކު ނެތެވެ.
”އެއީ… އެއީ ކޮން އެއްޗެއްބާ؟“ ގަތްފައިވާ ބިރާއި ލިބިފައިވާ ޝޮކާއެކު މާނޭވާ ލަމުން ރާޔާގެ އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ.
އެނދުގައި އޮށޯވެ ގައިމަތީގައި ބެޑްކަވަރު އަޅައި ހަމަޖެހިލެވޭތޯ މަސައްކަތް ފެށިއެވެ. ނަމަވެސް ހަމަ އެވަގުތު އަނެއްކާވެސް ބެޑްކަވަރު އޭނާގެ ގައިމަތިން ސޮހިގެން އެނދުގެ ފައިލާކޮޅާ ދިމާއަށް ކެހިގެން ގޮސް ވެއްޓިއްޖެއެވެ. މިފަހަރު އެ ބެޑްކަވަރު އޮތީ ބޮނޑިއަކަށް ގުޅަވެށިފައެވެ. ކުއްލިއަކަށް ފާޚާނައިގެ ދޮރުފަތް ހުޅުވިފައި ނިކަން ބާރަށް ލެއްޕިއްޖެއެވެ. އެވަގުތު އޭނާގެ ގައިމަތީގައި ކޮންމެވެސް ބަރު އެއްޗެއް ބޭއްވިކަމުގެ އިހުސާސްކުރެވުނެވެ.
ރާޔާއަށް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. ނޭވައެއް ނުލެވުނެވެ. މުޅި ނިއްކުރިން އޮށްދާ ހިއްލާލައިފިއެވެ. އެހީއަކަށް އެދި މީހަކަށް ގޮވޭތޯ މަސައްކަތްކުރިއެވެ. އޭނާގެ ދޫ ހަރަކާތްތެރިވިޔަސް، ދަތްދޮޅިއާ ތުންފަތަކަށް ހަރަކާތެއް ނައެވެ. މުޅި ހަށިގަނޑަށް އިހުސާސްކުރެވެމުން ދިޔައީ އާދަޔާޚިލާފު ބަރުކަމެކެވެ. އޭނާގެ ކަނދުރާ ދޮށަށް ހޫނު ނޭވާއެއްގެ ވައި އެޅެމުން ދިޔަކަމުގެ އިހްސާސްކުރެވެމުން ދިޔައެވެ. ނަމަވެސް އޭނާގެ އަރިމަތީގައި ނުވަތަ ގައިމަތީގައިވެސް އެއްވެސް މީހަކު ނެތެވެ. ރާޔާގެ ނޭވާ ފުންވާން ފަށައިފިއެވެ.
ރާޔާގެ ނިތްކުރިއާ، ކޯތާފަތާ، ނޭފަތާ، ތުންފަތާ އަދި ކަރުދޮށަށް ތެތް ބޮސްދިނުމެއްގެ އިހްސާސް ކުރެވެންފެށިއެވެ. ކުއްލިއަކަށް އޭނާގެ ކަންފަތްދޮށުގައި ވައި އަޑަކުން އެއްޗެއް ބުނާއަޑު އިވިއްޖެއެވެ. ނަމަވެސް އެތަނުގައި އެއްވެސް މީހަކު ނެތެވެ.
”ގުޑް ނައިޓް ދޫނިގަނޑާ!“
@muniavas SHAMHOORISH Returns – Some stories are endless even if you think they are over! ޝަމްހޫރިޝް އެނބުރި އައުން – ބައެއް ވާހަކަތަކަކީ ނިމިއްޖެ ކަަމަށް ހީކުރިއަސް ނިމުމެއް ނެތް ވާހަކަތެއް! #shamhoorish ♬ original sound – MUNIAVAS
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




