ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ޓިކްޓޮކް މުބާރާތެއް ކުރިއަށްގެންދިއުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.
18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، އިންތިޚާބުގެ އެކިއެކި މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، އިންތިޚާބާ ގުޅިގެން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމަށް ފަރުދީގޮތުން ބައިވެރިވުމަށް ހިތްވަރުދިނުމެވެ.
މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން، 2025 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 15:00 ގެ ނިޔަލަށް https://tinyurl.com/TikTokmubaaraaiyRegistration މެދުވެރިކޮށް ރަޖިސްޓަރކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތުގައި އަމިއްލަ ފަރުދަކަށްވެސް އަދި ޓީމެއްގެ ގޮތުގައިވެސް ބައިވެރިވެވޭނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރާ ފަރާތްތަކަށް ޓިކްޓޮކް ޕްލެޓްފޯމަށް އެންމެ އެކަށޭނަ ގޮތަށް، މަދުވެގެން 30 ސިކުންތާއި ގިނަވެގެން 90 ސިކުންތުގެ ދިގުމިނަށް ވީޑިއޯ ތައްޔާރުކުރުމަށް ހަތަރު މަޢުޟޫއެއް ދެވޭނެއެވެ.
އޭގެ ތެރޭގައި،
📹 ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތައް،
📹 އިންތިޚާބެއްގެ ތެރޭގައި ކޮށްގެންނުވާނެ ކަންކަން،
📹 ރަށު/ސިޓީ އަށް ޙާއްސަ އިންތިޚާބުތަކުގައި (ލޯކަލް ކައުންސިލްތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ) ވޯޓުލުމުގެ މުހިއްމުކަން އަދި
📹 އިންތިޚާބުގެ ދުވަސްވަރު ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމާއި އެކިއެކި މަސްދަރުތަކުން ލިބޭ މަޢުލޫމާތުގެ ޞައްހަކަން ކަށަވަރުކުރުމުގެ މުހިއްމުކަން ހިމެނެއެވެ.
މުބާރާތުގައި ވާދަކޮށް ހުށަހަޅާ ވީޑިއޯތަކުގެ ތެރެއިން، އެންމެ ގިނަ މާރކްސް ލިބޭ ވީޑިއޯތަކަށް ބަލައި، އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވޭނެއެވެ. މި ގޮތުން، އެއްވަނަ އަށް 5000 ރުފިޔާ، ދެވަނަ އަށް 3000 ރުފިޔާ، ތިންވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރކުރާ ޓީމުތަކުން ތައްޔާރުކުރާ ވީޑިއޯތައް، 2026 ޖަނަވަރީ 10 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު: https://tinyurl.com/TiktokmubaaraaiyGavaaidhu
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 ޑިސެމްބަރ 2025ޚަބަރު”ރަށުގެ ކުރިމަގު“ ޓިކްޓޮކް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
- 20 ޑިސެމްބަރ 2025ޚަބަރު”ލިލީ“ ގެ ”ހިތް ކަތިލިޔެ“ އެއްކޮށް ނެރެނީ
- 19 ނޮވެމްބަރ 2025ޚަބަރުކޮޅުނބު ކަޕް 2025 ނިންމާލައިފި
- 13 އޮކްޓޯބަރ 2025ޚަބަރުލަންކާގައި އެސްއެސްސީ ހެދި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި




