ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ޢަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު ”ޕަރީ: ޗެޕްޓަރ 1“ ގެ ވިޝުއަލް އިފެކްޓްސް އާއި ސައުންޑު މިކްސިންގ އިންޑިއާގެ މަޝްހޫރު ސްޓޫޑިއޯއަކުން ކޮށް ނިންމާލައިފިއެވެ.

ބައިނަލްއަޤުވާމީ މިންގަނޑަށް ފެތޭ ފެންވަރަކަށް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ”ޕަރީ“ ފިލްމަކީ ދިވެހި ފިލްމީ ތާރީޚުގައިވެސް، ދިވެހި ފިލްމެއްގެ ވީއެފްއެކްސް އާއި ސައުންޑް އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯއެއްގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފިލްމެވެ. އަދި މި ފިލްމުގެ ވީއެފްއެސް މަސައްކަތް ކޮށްފައިވަނީ ބަނގްލަދޭޝް އަދި ސްރީލަންކާގެ ވީއެފްއެސް ދެ ސްޓޫޑިއޯކުންނެވެ.

7.1 ސައުންޑާ އާއި ވީއެފްއެކްސްގެ ފުރިހަމަ މަސައްކަތާއެކު ފިލްމު ސިނަމާއިން ބަލާލާއިރު، ބިރުވެރިކަން ބެލުންތެރިޔާގެ ވަށައިގެން ހިނގާ ކަންތައްތަކެއްހެން ހީވާ ފެންވަރަކަށް ފެނިގެންދާނެކަމަށް ”ޕަރީ“ ގެ ޓީމުން ބުނެއެވެ.

ސްރީލަންކާގައި ބޮޑުބައެއް ޝޫޓްކޮށްފައިވާ ”ޕަރީ“ އަންނަ ޖެނުއަރީ މަހުގެ 7 ގައި އޮލިމްޕަސް ސިނަމާގައި އަޅުވަން ތާވަލުކޮށްފައިވާއިރު މިހާރު އޮލިމްޕަހުން ފިލްމުގެ ޓިކެޓް ލިބެން ހުންނާނެކަމަށް ”ޕަރީ“ ގެ ޓީމުން މައުލޫމާތު ދެއެވެ. އެގޮތުން އޮލިމްޕަހުގެ ޓިކެޓު ކައުންޓަރު ނަންބަރު 9331242 އިން ޓިކެޓް ލިބެން ހުންނަ ދުވަސްތަކުގެ ފަހުގެ މައުލޫމާތު ލިބޭނެ ކަމަށާއި މިފިލްމު އަތޮޅުތެރޭގެ ރަށްރަށުގައި އަޅުވަން ބޭނުންވާ ފަރާތްތަކުން 9331243 އަށް ގުޅުއްވުމަށްވެސް ”ޕަރީ“ ގެ ޓީމުން އެދެއެވެ.

އަޙްމަދު އަހުސަން އާއި ޢަލީ ސީޒަން ޕްރޮޑިއުސްކުރާ ”ޕަރީ“ ގެ ތަރިންގެ ތެރޭގައި ޢަލީ ސީޒަން، ރިޝްމީ ރަމީޒް، ޖުމައްޔިލް ނިމާލް، ޝީލާ ނަޖީބު އަދި ކުޑަކުއްޖެއްގެ ރޯލުން އަލަށް ތަޢާރަފުކުރާ މަރިޔަމް ލަމްޝާ ހިމެނެއެވެ. ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހީމެވެ. ޢަބްދުﷲ ޝިވާޒް (މާސްކޭ) ގެ ކުޅަދާނަ ސިނެމަޓޯގްރަފީ އިން ދައްކުވައިދިން މަންޒަރުތައް އެޑިޓްކުރީ ރިޝްމީ ރަމީޒާއި ޢަލީ ސީޒަންއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.