ވިދްޔާ ބާލަން އަކީ ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ބަތަލާއެވެ. 2003 ވަނަ އަހަރުގެ ބެންގާލީ ފިލްމު “ބާލޯ ޓޭކޯ” އިން ފިލްމީ ދާއިރާއަށް ވަން ވިދްޔާގެ ރިލީޒްވި ފުރަތަމަ ފިލްމަކީ މިއީ ކަމަށް ވިޔަސް އޭނާ ފުރަތަމަ ފިލްމެއްގެ މަސައްކަތް ކުރީ 2000 ވަނަ އަހަރު ސައިކޮލޮޖީގެ ދާއިރާއިން މާސްޓާސް ޑިގްރީ ނެގި ދުވަސްވަރުއެވެ.
ވިދްޔާ އެންމެ ފުރަތަމަ މަސައްކަތްކުރީ މޯހަންލާލް އާއެކު މަލަޔާލަމް ފިލްމު “ޗަކްރަމް” ގައެވެ. އެއާއެކު އިތުރު 12 ފިލްމުގައި ސޮއިކުރިއެވެ. ނަމަވެސް ފިލްމު އުފެއްދުމުގައި އެކިފަހަރުމަތިން ލަސްވަމުން ގޮސް އެ ފިލްމު ހުއްޓުނީއެވެ. އޭގެ ފަހުން ޝޫޓްކުރަން ފެށި ފިލްމުވެސް ހުއްޓުނީއެވެ. އެހިސާބުން އޭނައަކީ ބަދުނަސީބު މީހެއްކަމުގެ ލަގަބު އެ ފިލްމުގެ ޕްރޮޑިއުސަރާއި މަލަޔާލަމް ފިލްމު އިންޑަސްޓްރީއިން ދިނެވެ. ދެން އޭނާ ކުރިމަތިލީ ތަމަޅަ ފިލްމީ ދާއިރާއާއެވެ. ތަމަޅަ ފިލްމީ ދާއިރާގައިވެސް 2001 އިން 2003 އަށް އޭނާ ސޮއިކުރި ހުރިހާ ފިލްމަކުންވެސް އޭނާ ވަކިކުރިއެވެ.
ދާދި ފަހުން ވިދްޔާ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އޭނާ ފިލްމީ ކެރިއަރު ފެށުމަށް ކުރި ދަތި އުނދަގޫ ދަތުރުގެ ވާހަކަ ހިއްސާކޮށްފައެވެ.
“މޯހަންލާލް އާއެކީ ކުޅުނު ފިލްމު ހުއްޓުނު ފަހުންވެސް އަހަރެން އިތުރު ފިލްމެއް ކުޅުނިން. އެފިލްމުވެސް ހުއްޓުނީ. އެހިސާބުން މީހުން އަހަރެންނަށް ބަދުނަސީބު މީހެއްގެ ލަގަބު ދޭންފެށީ. އެއީ ވަރަށް ހިތްދަތި ކަމެއް. އެ ހިތްދަތިކަމުގައި 3 އަހަރުވި. އެ ރިޖެކްޓް ކުރުން އެހާ ވަރުގަދަވީމަ އަހަރެންގެ ހިތްވަރު އެލުނު. ހިތް ކުދިކުދިވި.”
ވިދްޔާ ބުނެފައިވެއެވެ.
ވިދްޔާ އިތުރަށް ބުނެފައިވަނީ އެ “ބަދުނަސީބު” ޓެގުގެ ސަބަބުން އޭނާ ލައްވާ ފިލްމުތަކަށް ސޮއި ކުރުވި ޕްރޮޑިއުސަރުން އޭނާ ފިލްމުތަކުން ވަކިކުރި ކަމަށެވެ. އަދި އޭނާ މަސައްކަތްކުރި ތަމަޅަ ފިލްމެއްގެ ޕްރޮޑިއުސަރު އޭނައާ ބައްދަލުކުރަން ދެކޮޅު ހެދިކަމަށާއި އޭގެ ދުވަސްކޮޅެއް ފަހުން އޭނާ އެ ފިލްމުން ވަކިކުރިކަން އެންގިކަމަށްވެސް ބުނެފައިވެއެވެ. އޭނާގެ މަންމައާއި ބައްޕަ ޕްރޮޑިއުސަރާ ބައްދަލުކުރުމުން އޭނަ ހިރޮއިންއަކާ ވައްތަރުވާނެ އެއްވެސް ސިފައެއް އެބަހުރިހޭ ޕްރޮޑިއުސަރު ބުނެފައިވާކަމަށާއި އެ ކޮމެންޓްގެ ސަބަބުން 6 މަސް ވަންދެން އޭނާ ލޯގަނޑުން އަމިއްލަ ސޫރައަށް ނުބަލާ ކަމަށްވެސް ވިދްޔާ ބުނެފައިވެއެވެ.
2005 ގައި ފިލްމު “ޕަރިނީތާ” އިން ބޮލީވުޑަށް ނުކުތް ނަމަވެސް އެ ފިލްމަކީވެސް ބޮކްސް އޮފީހުގައި މާ ރަނގަޅު ކާމިޔާބެއް ހޯދުނު ފިލްމެއް ނޫނެވެ. ނަމަވެސް އެ ފިލްމުގައި އޭނާ ދެއްކި ހުނަރާއެކު 2006 ގައި ރިލީޒްކުރި “ލަގޭ ރަހޯ މުންނާ ބާއީ” އިން އޭނާއަށް ފުރުސަތު ލިބުނެވެ. އޭނާގެ ކާމިޔާބު ކެރިއަރުގެ ފެށުމަކީ އެއީއެވެ.
“ލަގޭ ރަހޯ މުންނާ ބާއީގެ ފަހުން ކަންތައްތައް ބަދަލުވާން ފެށީ. އަހަރެންގެ ލުކްސް ކަމުނުގޮސްގެން އަހަރެން ފިލްމުން ވަކިކުރި ޕްރޮޑިއުސަރު އަހަރެންނާއެކު މަސައްކަތްކުރަން ބޭނުންވި.”
ވިދްޔާ ބުނެފައިވެއެވެ.
މިހާރު އުމުރުން 47 އަހަރުގެ ވިދްޔާގެ ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭ އެތައް ފިލްމެއް އެބަހުއްޓެވެ. އޭގެ ތެރޭގައި “ބޫލް ބުލައްޔާ”، “ދަ ޑާޓީ ޕިކްޗާ”، “ކަހާނީ”، “މިޝަން މަންގަލް” އަދި “ބޫލް ބުލައްޔާ 3” ހިމެނެއެވެ. ދެން ވިދްޔާ އެންމެ އަވަހަށް ފެނިގެންދާނީ މިއަހަރު ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވާ “ރާޖާ ޝިވާޖީ” އިންނެވެ.
