ބޮލީވުޑް އެކްޓަރ ސަނީ ޑިއޯލްއަކީ 90ގެ އަހަރުތަކުގައި އެންމެ މަޤުބޫލު ތަރިންގެ ތެރޭގައި ހިމެނޭ އެކަކެވެ. ވަރުގަދަ ތަޅާފޮޅުންތައް ގިނަ ފިލްމުތައް އޭނާގެ ލިސްޓުގައި ގިނައެވެ. ގިނަ މީހުން އޭނާ ސިފަކުރަނީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ “ހަލްކް”ގެ ގޮތުގައެވެ.
ފިލްމުތަކުގެ ޝޫޓިންގެ ތެރޭގައި އެކި ކަހަލަ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. ބައެއް ފަހަރު އަނިޔާގެ މައްސަލަތަކާވެސް ކުރިމަތިވެއެވެ. މިފަހަރު މި ކިޔައިދެނީ ޝޫޓިންގ ތެރޭގައި ހިނގި އެފަދަ ކަމެކެވެ.
1990 އަހަރު ނުކުތް ސަނީގެ ބްލޮކްބަސްޓާ ފިލްމު “ގާޔަލް”ގެ ސީކުއެލް “ގާޔަލް ވަންސް އެގެއިން”ގެ ޝޫޓިންގައި ސައިފް ޢަލީ ޚާންގެ ކޮއްކޮ ސޯހާ ޢަލީ ޚާންގެ ސަބަބުން ސަނީ ޝޮކެއްގައި ހުރިކަން އެނގޭ ހެއްޔެވެ؟ އެ ފިލްމުގައި ސޯހާއަކީ ސައިކެޓްރިސްޓެކެވެ. އޭގެ މަންޒަރެއްގައި ސޯހާއަށް ޖެހެނީ ސަނީ ކޮންޓްރޯލުން ނެއްޓިގެންދާ ވަގުތު އޭނާ ހަމަބިމަށް ގެނައުމަށް އޭނާގެ މޫނުމަތީގައި ޖަހާށެވެ. އެވަގުތު ސޯހާއަށް ކެރެކްޓާއަށް ވަދެވިފައި ހުރިލެއް ބޮޑުކަމުން އޭނާއަށް ސަނީގެ މޫނުމަތީގައި ޖެހުނީ ވަރަށް ބާރަށް ކަމަށާއި ސަނީއާއި ސެޓުގެ އެންމެންވެސް ތިބީ ޝޮކެއްގައިކަމަށް ސެޓުގައި ހަރަކާތްތެރިވި މީހަކު ނޫހަކަށް ބުނެފައިވެއެވެ.
“އެކަން ސަމާލުކަމަށް އައީ ސަނީ އެކަން ފާހަގަކުރީމަ. އެހެން މީހުންނެކޭ އެއްގޮތަށް ސޯހާވެސް ހުރީ ޝޮކްވެފަ އެވާހަކަ ބުނީމަ. އެކަމަކު ސަނީއަކީ ވަރަށް ކޫލް މީހެއް. އޭނައަށް ސޯހާގެ ސިޗުއޭޝަން އަންޑަސްޓޭންޑް ވާތީ އޭނަ އެކަން އެހާ ބޮޑު ކަމަކަށް ނުހަދާ ދޫކޮށްލީ.” އެމީހާ ބުނެފައިވެއެވެ.
ސަނީއާއި ސޯހާގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތައް ކުޅުނު ތަރިންގެ ތެރޭގައި އޯމް ޕޫރީ، ޝިވަމް ޕާޓިލް، ރިޝަބް އަރޯރާ، ނޭހާ ޚާން، އާންޗަލް މުންޖާލް އަދި ނަރެންދުރަ ޖާ ހިމެނެއެވެ. ދަރްމެންދުރައާއި ޖޭ ދޭވް ބެނަރޖީ ޕްރޮޑިއުސްކޮށްފައިވާ “ގާޔަލް ވަންސް އެގެއިން” ޑައިރެކްޓްވެސް ކުރީ ސަނީ ޑިއޯލްއެވެ.
