ރާއްޖޭގެ އޯޓީޓީ ޕްލެޓްފޯމުތައް ކަަމަށްވާ މީޑިއާނެޓް އަދި ބައިސްކޯފު މެދުވެރިކޮށް ފިލްމީ އަދި މިއުޒިކީ ފަންނާނުން އުފައްދާ އުފެއްދުންތަކުގެ ޚަބަރާއި މަޢުލޫމާތު މުނިއަވަސް އޮންލައިން އިން އަލުން ގެނެސްދޭން ފަށަން ނިންމައިފިއެވެ.
އޯޓީޓީ ޕްލެޓްފޯމުތަކަށް ތައްޔާރުކުރާ ފިލްމީ އަދި މިއުޒިކީ މަސައްކަތްތަކުގެ ޚަބަރުތައް އަލުން ގެނެސްދޭން ފެށުމަށް މުނިއަވަސް އޮންލައިން އިން ނިންމީ، ފިލްމީ ދާއިރާގެ ގިނަގުނަ މަސައްކަތްތަކެއްގެ ޚަބަރުތައް ގެނެސްދިނުން ހުއްޓާލާފައި ނުވަތަ މެދުކަނޑާލާފާ ބޭއްވުމަށް މުނިއަވަސް އިން ބޭނުން ނުވާތީއެވެ.
އޯޓީޓީ ޕްލެޓްފޯމުތަކަށް އުފައްދާ އުފެއްދުންތަކުގެ ޚަބަރުތައް ގެނެސްދިނުން މުނިއަވަސް އޮންލައިން އިން ހުއްޓައިލީ 07 ޑިސެމްބަރު 2022ގައެވެ.
އޯޓީޓީ މަންސަތަކުގައި ރިލީޒްކުރާ ފިލްމީ އަދި މިއުޒިކީ ޚަބަރުތައް ގެނެސްދިނުން މުނިއަވަސްއިން ހުއްޓާލީ މުނިއަވަސްއަށް ސްޕޮންްސާ ދިނުމަށް ވާހަކަދެކެވި، އެގްރީމެންޓް ތައްޔާރުކޮށް ސޮއިކުރުމުގެ މަރުހަލާއާ ހަމައަށް ދިއުމަށްފަހު ވާނުވާއެއް މުނިއަވަސްއަށް އެންގުމެއްނެތި ރާއްޖޭގެ އޯޓީޓީ ޕްލެޓްފޯމަކާއި ކޭބަލްޓީވީގެ ޚިދުމަތްތައް ދެމުން އަންނަ މީޑިއާނެޓުން ހިންގި ދަށުދަރަޖައިގެ އަމަލަށްފަހުގަ.
ކަން މިހެން އޮތް ނަމަވެސް، ފަންނުވެރިންނަށް މިކަމުގެ ގެއްލުން ލިބެން އަޅުގަނޑުމެން ބޭނުން ނުވާތާ ކުރިން ހިފަހައްޓަމުން އައި އުސޫލު ބަދަލުކޮށް، އަލުން އެފަދަ ޚަބަރުތައް ގެންނަން މި ނިންމީ.
މުނިއަވަސްގެ އެޑިޓޯރިއަލް ބޯޑުގެ ނިންމުން ހިއްސާކުރަމުން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ ފަންނާނުން ކުރާ މަސައްކަތްތައް އެންމެ ސައްޙަކޮށް، އެންމެ އަވަހަށް ގެނެސްދެމުން އަންނަ މި މުނިއަވަސް އޮންލައިން އިން ހިލޭސާބަހަށް ހަތް އަހަރު ރާއްޖޭގެ އޯޓީޓީ މަންސަތަކުން ނެރޭ އުފެއްދުންތައް ޕްރޮމޯޓްކޮށްދިނުމުގައި ހަރަކާތްތެރިވަމުން އަންނަނީ އެއްވެސް މާލީ މަންފާއެއް ނުލިބޭ ހާލުގައެވެ. ދާއިރާގެ ކުރިއެރުމަށް އޮތް ލޯތްބަކާއި ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ.
އަސްލު އަޅުގަނޑުމެން ބޭނުމެއް ނުވޭ ފިލްމީ އަދި މިއުޒިކީ ޚަބަރުތައް ނުގެނެސްދީ ތިބޭކަށް. މުނިއަވަސްއަކީ ދިވެހި ފަންނާނުންގެ މަސައްކަތްތައް ޕްރޮމޯޓްކުރުމަށް ހިންގާ އޮންލައިންއަކަށްވާތީ ވީހާވެސް ބޮޑު ކަވަރޭޖެއް ދޭން އަޅުގަނޑުމެން ބޭނުންވޭ.
މުނިއަވަސްގެ އެޑިޓޯރިއަލް ބޯޑުން ބުނެއެވެ.
