ބޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ ޕުލްކިތު ސަމްރާޓް އާއި ވަރުން ޝަރްމާ ލީޑް ރޯލުން ފެނިގެންދާ “ރާހޫ ކޭތޫ” ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ.
ޕުލްކިތު އާއި ވަރުންގެ އިތުރުން ޝާލިނީ ޕާންޑޭ، ޗަންކީ ޕާންޑޭ، ޕިޔޫޝް މިޝްރާ، އަމިތު ސިއަލް، މަނޫ ރިޝީ ޗައްދާ އަދި ސުމީތު ގުލާޓީ މައިގަނޑު ރޯލުތަކުން ފެނިގެންދާ “ރާހޫ ކޭތޫ” އަކީ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މިއީ “ފުކްރޭ” ފްރެންޗައިޒްގެ ދެ ފިލްމަށްފަހު ޕުލްކިތު އާއި ވަރުން އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ.
މިއަދު މި ފިލްމުގެ ރަސްމީ ޓްރެއިލާ މީސްމީޑިއާގެ މަންސަތަކުގައި އާންމުކޮށްފައިވާއިރު ސިނަމާގައި ފޫހިނުވެ ތިބެ ބަލައިލެވޭނެ އަދި ރަނގަޅަށް ހީނލާ ސްޓްރެސް ފިލުވާލެވޭނެ ފިލްމެއްކަމަށް ޔަޤީންކުރެވެއެވެ. އޭގެ އިތުރުން މި ފިލްމަކީ “ފުކްރޭ” ކަމުދިޔަ ފަރާތްތަކަށް ކަމުދާނެ ހުރިހާ ރަހަތަކެއް އެކުލެވޭ ފިލްމަކަށް ވާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ޒީ ސްޓޫޑިއޯސް އާއި ބީލައިވް ޕްރޮޑަކްޝަންސް އިން އުފައްދާފައިވާ “ރާހޫ ކޭތޫ” ލިޔެ ޑައިރެކްޓްކޮށްފައިވަނީ ވިޕުލް ވިގްއެވެ. މި ކޮމެޑީ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 16 ގައެވެ.
