ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ނޭދެމޭ ވަކިވުމެއް… – ފަހު ބައި
މުނިއަވަސް ގްރެފިކްސް

“އަވަހަށް ދޭ.. ގޮސް މަންމަ ކައިރީ ބުނޭ.. އެކަން ކާމިޔާބެއް ނުވިއޭ.” ސުވައިލާގެ ދެފައި ތަޅުލެވުނު ކަހަލަ އެވެ. ކުއްލިއަކަށް ހުއްޓެވުނެވެ. ކުރިން އުފެދުނު ބޮޑު ސުވާލު އަނެއްކާ ވެސް އުފެދުނެވެ.

“މަންމާ! ބުނެފީމެއްނު ސުވައިލާއަކީ ވަރަށް ރަނގަޅު ކުއްޖެކޭ.. އޭނާއާ ދިމާއަށް އެއްޗެތި ނުކިޔާ. އޭނާގެ މަންމައާ ނުބެހޭ. މަންމަ ކިތަންމެ ވަރެއް ކުރިޔަސް ތިޔަށް ޖަވާބު ދޭކަށް އޭނާއެއް ނާންނާނެ. އޭނާ ވަނީ މީގެ އެތައް އަހަރެއް ކުރިން ނިޔާވެފަ.” ހިތްހަމަނުޖެހުނު ނަމަވެސް އަނާން މަސައްކަތްކުރީ އޭނާގެ މަންމަ ހަމައަކަށް އަޅުވާށެވެ. ސުވައިލާ ދިފާއުކުރާށެވެ.

“އަޅުގަނޑު މިތަނުގައި މަޑުކުރާކަށް ނޫޅެން.. އެކަމު އެއް ސުވާލުގެ ޖަވާބު ސުވާލު ސާފުކޮށްލަދިނިއްޔާ ވަރަށް ރަނގަޅު. އެއީ.. އަނާންގެ މަންމަ އަޅުގަނޑުގެ މަންމަދެކެ ތިހާ ރުޅިއެއް ތިޔަ އަންނަނީ އަޅުގަނޑުގެ މަންމަ ކީއްކޮށްގެންތޯ ބުނެލަދިނުން.” ސުމީތާއާ ދިމާއަށް ސުވައިލާ ބަލައިލި އެވެ.

“ކޮން އަޅުގަނޑެއް މަޅުގަނޑެއް ކިޔާކަށް.. މާ މާތްވާން އުޅޭނެ ކަމެއް ނެތް. ނުކުމޭ މިގެއިން.” ސުމީތާގެ ރުޅިގަނޑު މަޑުވާގޮތެއް ނުވި އެވެ. އޭނާ މަސައްކަތްކުރީ ސުވައިލާއާ ދިމާއަށް ދާށެވެ.

ސުވައިލާ މަޑުމަޑުން ގޮސް އެގެއިން ނުކުތެވެ.

ލިފްޓުން ނުކުމެގެން ރޮމުންރޮމުން އައި ސުވައިލާގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ތަނެއްގައި ޖެހުމުން ނެވެ. އައިލެއް ބާރުކަމުން ޖެހިފައި ކޮންމެވެސް ވަރަކަށް ފަހަތަށް ވެސް ޖެހިލި އެވެ. އަވަސްއަވަހަށް އިސް އުފުލާލަމުން ކުރިޔަށް ބަލާލި ވަގުތު އެތަނުގައި ހުރި މީހާއާ ސުވައިލާގެ ހަތަރުކަޅި ހަމަވި އެވެ.

ފުރަތަމަ ފެނިލުމުން ވެސް އެއީ އަނާންގެ ބައްޕަކަމުގައި ސުވައިލާ އަމިއްލައަށް ނިންމި އެވެ.

“ވަރަށް ބޮޑަށް މަޢާފަށް އެދެން.” ސުވައިލާ މަސައްކަތްކުރީ އަވަހަށް އެތަނުން ދާށެވެ. ދިމާވި ކަންތަކުގެ ސަބަބުން އޭނާގެ ހިތަށް ކޮށްފައިވާ އަސަރު މާބޮޑެވެ. އިތުރު ހިތާމައަކާއި ހިތްދަތިކަމެއް ލިބުމުގެ ކުރިން ރަނގަޅު ވާނީ އަވަހަށް އެތަނުން ދިއުން ކަމުގައި ސުވައިލާގެ ހިތް ބުނަމުން ދިޔަ އެވެ.

ދުވެފައި ކަހަލަ ގޮތަކަށް ލިފްޓުން ނުކުތް އަނާނަށް އެރުނީ އޭނާގެ ބައްޕަގެ ކުރިމައްޗަށެވެ. އޭރު ވެސް އިބާދުގެ ކަޅި އަމާޒުވެފައި ހުރީ ސުވައިލާއަށެވެ.

“ސުވައިލާ.. ސުވައިލާ.. މަޑުކޮށްބަލަ.” އަނާން މަސައްކަތްކުރީ ސުވައިލާ ހުއްޓުވާށެވެ.

“ސުވައިލާ.. ނަތީހާ..” އިބާދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ކުއްލިއަކަށެވެ. އެއާއެކު އަވަސްއަވަހަށް ގޮސް ސުވައިލާ ހުއްޓުވި އެވެ. އަނާނަށް އެހިސާބަށް އާދެވުނުއިރު، ސުވައިލާ ހުރީ ހައިރާންކަމާއިއެކު އިބާދަށް ބަލަހައްޓައިގެން ނެވެ. އޭރު ވެސް އޭނާގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔަ އެވެ.

ސުވައިލާގެ ކިބައިން އިބާދު ސާފުކުރަން ބޭނުންވި މަޢުލޫމާތު ސާފުކޮށް ނިމުނުއިރު، އިބާދުގެ ދެލޮލުން ކަރުން ފާއްދާލައިފި އެވެ.

“ދަރިފުޅާ! ބައްޕައަށް މަޢާފްކުރޭ. ބައްޕަ ކައިރިއަށް އާދޭ. ދެން ދުވަހަކު ވެސް ބައްޕަ ދޫކޮށްފައި ނުދާތި.” ސުވައިލާ އާއި އަނާނަށް ލިބުނީ ހައިރާންކަމެވެ. އިވުނީ އިވިދާނެކަމަށް ދުވަހަކު ވެސް ހީކުރެވުނުފަދަ ވާހަކަތަކެއް ނޫނެވެ. އެވާހަކަތައް ޤަބޫލުކުރާކަށް ފަސޭހައެއް ވެސް ނުވިއެވެ.

ސުވައިލާ އާއި އަނާން ތިބީ ހުއްޓުން އަރާފަ އެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ދެމީހުންކުރެ އެކަކަށް ވެސް ނުވިސްނުނެވެ. ވާންވީ އުފާކަމެއް ކުރަންވީ ހިތާމަކަމެއް ވެސް ނޭނގުނެވެ.

މިވެސް ކިޔާލަން:  ފިނިފެންމާ (މިނީ ސީރީޒް) – ހަވަނަ ބައި

އިބާދު ދެއްކި ވާހަކަތައް ޤަބޫލުކުރާކަށް ސުވައިލާއަކަށް ފަސޭހައެއް ނުވިއެވެ.

އިބާދުއަކީ ސުވައިލާގެ ބައްޕަކަން ސުވައިލާ ޤަބޫލުކުރީ އޭނާގެ ބޮޑުބޭބެއަށް ގުޅައިގެން އިބާދު ދެއްކި ވާހަކަތަކާއި ބޮޑުބޭބެ ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު އެވެ. އަދި އޭނާއަށް އިވިފައިހުރި ބައެއް ވާހަކަތަކުން ވިސްނުނު ބަލި ހަނދާންތަކަށް ވިސްނައިގެން ނެވެ.

ފުރަތަމަ ފަހަރަށް ވިޔަސް ބައްޕައާ ބައްދަލުވުމުން ސުވައިލާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ނުހަނު ބޮޑެވެ. އަދި އަނާންއަކީ އޭނާގެ އެއްބަފާ ކޮއްކޮކަން އެނގުނު ހިސާބުން ސުވައިލާގެ އުފަލާއި ހިތްހަމަޖެހުން އިތުރުވި އެވެ. ދެންމެއާ ޖެހެންދެން އެ ދެ ލޮލުން އޮހޮރެމުން ދިޔައީ ހިތާމަ އާއި ހިތްދަތިކަމުގެ ކަރުނަ ނަމަވެސް، މިހާރު އެ ދެ ލޮލުން އޮހޮރެމުން ދަނީ އުފަލާއި ހިތްހަމަޖެހުމުގެ ކަރުނަ އެވެ. އިބާދުގެ އެދުމަށް ފުރަގަސްދޭނެ ހިތްވަރެއް ސުވައިލާއަކަށް ނުލިބުނެވެ. އަނާން ވެސް ބޭނުންވީ އެމީހުނާއިއެކު ސުވައިލާ އަލުން ގެއަށް ވަންނާށެވެ.

ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ބައްޕައާ ކޮއްކޮގެ ފަހަތުން ސުވައިލާ ގޭތެރެއަށް ވަނެވެ.

ހިތްހަމަނުޖެހިފައި ސޯފާގައި އިން ސުމީތާ ތެދުވި އެވެ.

“އަނެއްކާ.. މިދެން ކިހާބޮޑު ކަމެއް. ބުނީމަ ވެސް އައީއޭ ދޯ؟ ގައިމު އެ ނަތީހާ ނިމުނު ގޮތަށް ކަލޭ ވެސް..” ސުމީތާ ބުނަން ފެށި ޖުމްލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވި އެވެ. ހިތްހަމަނުޖެހުމާއިއެކު އަތް ހިއްލާލަމުން އޭނާއާ ދިމާއަށް އައި އިބާދުގެ ރުޅިވެރިކަން ފެނިފައި ސުމީތާ ގަނޑުވި ކަހަލަ އެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ވެސް އޭނާއަކަށް ނޭނގުނެވެ.

ސުވައިލާ އާއި އަނާނަށް ބަލާލަމުން އިބާދު ވާހަކަ ދައްކަން ފެށި އެވެ.

ސުވައިލާގެ މަންމަ ނަތީހާއަކީ އިބާދުގެ ފުރަތަމަ އަނބިމީހާ އެވެ. އެގެއަށް ސުމީތާ ގެނައީ ނަތީހާ އެވެ. ނަތީހާ އާއި ސުމީތާ ދިމާވީ ނާސިންގ ކޯހުގައި އުޅެމުންދިޔަ ދުވަސްވަރު ކުލާހުން ނެވެ. ނުހަނު ދަތި ހާލުގައި މާލޭގައި އުޅެމުން ކޯސް ފުރިހަމަ ކުރަމުންދިޔަ ސުމީތާ ކުރި އާދޭހަށް ނަތީހާ އިޖާބަދީ ބޯހިޔާވަހިކަން ހަމަޖައްސައިދިނީ އުފަލުން ނެވެ. ގާތް ރައްޓެއްސަކަށް އެހީތެރިވުމުގެ ގޮތުން ނަތީހާ ކުރި ކަންތައް އިބާދު ވެސް ހިތްހަމަޖެހުމާއިއެކު ބަލައިގަތެވެ.

އިބާދު އާއި ގާތްކަން އުފައްދަން ސުމީތާ ކުރި މަސައްކަތް ކާމިޔާބުވީ އަހަރެއްހާ ދުވަހުގެ މަސައްކަތުން ނެވެ. އެއީ ސުވައިލާއަށް ނަތީހާ ބަލިވެއިން ދުވަސްވަރާއި ވިހައިގެން އުޅުނު ދުވަސްވަރު އެވެ.

ނުހަނު ސިއްރުން އިބާދު އާއި ސުމީތާ ތަރައްޤީކުރި ލޯބީގެ ކުޅިގަނޑު ނަތީހާއަށް ފަޅާއެރި އެވެ. ބޭނުންނަމަ ވަރިވެގެން ދިއުމަށް އިބާދު ދިން ފުރުސަތު ނަތީހާ ދޫކޮށްލީ ދަރިފުޅަށްޓަކަ އެވެ. މިއަދު އިބާދު ހުރި ހިސާބަށް އައުމުގައި އޭނާ ވީ ހިއްސާގެ ފައިދާ އޭނާ އާއި އޭނާގެ ދަރިފުޅަށް ވެސް ކުރަން ޖެހޭނެ ކަމުގައި އޭނާގެ ހިތް ބުންޏެވެ.

އިބާދު ދެވަނަ ކައިވެނި ކުރި އެވެ. ފިރިއެއްގެ ފަރާތުން އަނތްބަކަށް ލިބެންޖެހޭ ލޯތްބާއި އަޅާލުން، ބަފައެއްގެ ފަރާތުން ދަރިއަކަށް ލިބެން ޖެހޭ ބަފާވަންތަކަމުގެ ކުލުނާއި ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުލިބުނު ނަމަވެސް ނަތީހާ ކެތްތެރިވި އެވެ. އޭނާގެ ސަބަބުން ދަރިފުޅުގެ ކުރިމަގު ބަނަވާކަށް ނަތީހާ ބޭނުމެއް ނުވި އެވެ.

މިވެސް ކިޔާލަން:  ނާމާން ހިޔަނި – ފުރަތަމަ ބައި

ސުމީތާއާ ގުޅިގެން އުފާވެރި ދިރިއުޅުމެއް އުޅެވޭތޯ ކުރެވޭން ހުރި ހުރިހާ ކަމެއް ނަތީހާ ކުރި އެވެ. އެއިން އެއްވެސް ކަމެއް ބަލައިނުގަތީ ސުމީތާ އެވެ. ގާތް ރައްޓެއްސަކަށްވުރެ ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ދީގެން ގެންގުޅުނު ސުމީތާއަށް ނަތީހާގެ ބޭނުން ކެނޑިއްޖެ އެވެ. ބޭނުންވި ހިސާބަށް އާދެވުމުން އޭނާ ހުރީ ފުދި އިތުރުވެފަ އެވެ.

ސުމީތާ ބަލިވެއިނީ ސުވައިލާގެ އުމުރުން ދޮޅު އަހަރުގަ އެވެ. އަލަތު ދަރިފުޅަށް ބަލިވެ އިން ހިސާބުން، އެހެން މީހެއްގެ އެހީތެރިކަމާއި އެއްބާރުލުން ސުމީތާއަށް ނުހަނު ބޮޑަށް ބޭނުންވި އެވެ. އެމަޖެންސީގައި ދަރިފުޅު ނަގަން ޖެހުނުއިރު، ގިނަ އަދަދަކަށް ލޭ ވެސް ހޯދަން ޖެހުނެވެ. އެ ހުރިހާ ކަމެއް ކޮށްދިނީ ނަތީހާ އެވެ.

ވިހައި ގަދަވި ހިސާބުން އެ ހުރިހާ ކަމެއް ސުމީތާ ހަނދާން ނެތުނެވެ. އިބާދު ހުރީ އަނތްބެއްގެ ދަށު ފިރިއަކު ވާނެނަމަ ވާނެ ހުރިހާކަމެއް ވެ ނިމިފަ އެވެ. ނަތީހާ އާއި ސުވައިލާ އޭނާގެ ދިރިއުޅުމުން ބާކީކޮށްލިތާ އެތައް ދުވަހެއް ވެއްޖެ އެވެ.

އިބާދުގެ ދިރިއުޅުމުން ނަތީހާ ދުރަށް ދިޔައީ އިބާދު އެގޮތް ބޭނުންވާކަން ރަސްމީކޮށް އިއުލާންކުރި ހިސާބުން ނެވެ. ދަރިފުޅާއިއެކު ނަތީހާ އޭނާގެ ރަށަށް ދިރިއުޅުން ބަދަލުކުރި އެވެ. ދަރިފުޅަށްޓަކައި ކިތަންމެ ބޮޑު އުންމީދުތަކެއް ކުރި ނަމަވެސް، ހިލޭ މީހެއްގެ ހިޔާވަހިކަމުގައި އެފަދަ ހިތްދަތިކަމެއްގައި ދަރިފުޅު ގޮވައިގެން އުޅޭނެ ހިތްވަރެއް ނަތީހާގެ ނެތެވެ.

ލޯ މަތިން ގެއްލުނު ހިސާބުން ސުވައިލާ އާއި ނަތީހާގެ ނަން ވެސް އިބާދުގެ ހިތުން ފިލައިގެން ދިޔަ އެވެ. އޭނާގެ ހުރިހާ ވެސް ބަޔަކީ އަނާން އާއި ސުމީތާ އެވެ.

ސުމީތާ ބޭނުންވި ދިރިއުޅުން އޭނާއަށް ލިބުނެވެ. މިއަދާއި ހަމައަށް ވެސް އެކަން އޮތީ އެހެނެވެ. އެ ދިރިއުޅުން އޭނާއަށް ގެއްލޭކަށް އެ ތަނަވަސްކަމުން ސެންޓެއް ވެސް އޭނާއަށް ބީވާކަށް ހިތަށް ނޭދުނެވެ.

“ސުމީތާ ބޭނުންވި ކޮންމެ ފުރުސަތެއް ސުމީތާއަށް އަހަރެން ދިނިން. ބޭނުންވި ކޮންމެ ކަމެއް ކޮށްދިނިން. ކަލެއަށްޓަކައި އަހަރެން ނުކުރަނީ ކޮންކަމެއް؟ މިއަދު އަހަރެން މިހުރި ހިސާބަށް އަންނަން އަހަރެން ފެށި ދަތުރުގައި އަހަރެންނަށް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދިން އަހަރެންގެ އަލަތު އަނބިމިހާއާ ދަރިފުޅު ވެސް ދޫކޮށްލިން. އެމީހުނަށްޓަކައި މި ތަނަވަސްކަމުން ސެންޓެއްގެ މިންވަރު ވެސް އޭނާ ބޭނުމެއް ނުކުރި. އެވަރުން ވެސް ކަލެއަކަށް ނުފުދުނު. އެކަނިމާއެކަނި މި ވިޔަފާރިއާއިގެން އަހަރެން އުޅުނުއިރު ކަލޭ ހުރީ ރާއްޖޭން ބޭރުގައި އުފާކޮށް މަޖާކުރަން. ދުވަހަކު ވެސް ޝަކުވާއެއް ކުރިންތަ؟ އެކަމާ ހިތްހަމަނުޖެހިގެން އެއްޗެކޭ ބުނިންތަ؟ ނުބުނަން. އެއީ ކީއްވެގެން އެނގޭތަ؟ އަހަރެންގެ ދެވަނަ ދަރިފުޅު ނަމަވެސް އަހަރެން ކައިރީ ބެހެއްޓޭތޯ. އޭނާއަކީ ރަނގަޅު ދަރިއަކަށް ހެދޭތޯ.. އެކަމު އެކަން ކަލެއަށް ވިތަ؟ އަމިއްލައަށް ވިސްނާލަބަލަ. ކަލޭ ފެއިލް ވެއްޖެ. ނޭނގި ނަމަވެސް އޭނާގެ ކޮއްކޮއަށް ސުވައިލާ ވީ އެހީތެރިކަމުގެ ފައިދާ ފެނިއްޖެ. އޭނާ ކާމިޔާބު ހޯދައިފި. އެކަން ކުރި މީހާއަށް ތަޢުރީފު ކޮށްފަ، އޭނާ ފެނުނީމާ ކަލޭ ތިއައީ އަލިފާން ކަހަލަ ރުޅި. ތިއީތަ އިންސާފަކީ؟ އިންސާނުން ކޮށްދޭ ކަންކަމުގެ އަގު ވަޒަންކުރާ ގޮތަކީ؟ ފުދިއްޖެ. ފުދި އިތުރު ވެސް ވެއްޖެ. ދެން ނުވާނެ ކެތެއް. އަހަރެންގެ އަލަތު އަނބިމީހާ އާއި އަލަތު ދަރިފުޅު ތުއްތުއިރު ކަލޭގެ އަތުން ނެރެ ބޭރަށް ލީ ދޮރު އެހުރީ. އަހަރެން ގާތު އަހަރެންގެ އަލަތު ދަރިފުޅު ހުންނަން ނޭދެންޏާ ނުކުމެގެން ދޭ. ދަރިފުޅާ އަނާން.. ދަރިފުޅު ބޭނުން ގޮތެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ދަރިފުޅަށް އެބައޮތް. ބައްޕަ ނެތިން އެއްވެސް އެއްޗެއް ބުނާކަށް. އެކަމު.. މިއަދުގެ ފަހުން ސުވައިލާއަކަށް އެހެން ތާކަށް ނުދެވޭނެ. ދަރިފުޅުގެ ދިރިއުޅުން ފުރިހަމަކުރުމުގައި އެދުވަހު ބައްޕަގެ އިހުމާލު ކިތަންމެ ބޮޑަސް ދެން އެހެނެއް ނުވާނެ.” އިބާދު ބަލާލީ ސުވައިލާއާ ދިމާއަށެވެ. ހިތާމަ އާއި ހިތްދަތިކަމުން ފުރިފައިވާ އެ މޫނު ފެނުމާއިއެކު ސުވައިލާއަށް އަނެއްކާ ވެސް ރޮވުނެވެ.

މިވެސް ކިޔާލަން:  މީހޭ މަށަށް ދިން މަޤާމް – 1

“މަންމާ! އަހަރެންގެ ހިތުގައި މަންމައާމެދު އެއްވެސް ޝަކުވާއެއް ހިތްހަމަނުޖެހުމެއް ނެތް. ވެދިޔަ ހުރިހާ ކަމަކަށް މަޢާފް ވެސް ކޮށްފިން. އެކަމު އަޅުގަނޑުމެނާއިއެކު މަންމަ ހުރެއްޖެނަމަ ބައްޕައާ ކޮއްކޮގެ އިތުރުން އަޅުގަނޑު ވެސް ވަރަށް އުފާވާނެ. އަޅުގަނޑު މިއައީ މިތަނުން އެއްވެސް އެއްޗެއް ބޭނުންވެގެނެއް ނޫން. ތަޤުދީރު އަޅުގަނޑު މިތަނަށް ގެނައީ. ގަދަ ކީރިތިވަންތަ މާތް ﷲ ސުބުހާނަހޫ ވަތަޢާލާ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ. ބައްޕަ ހުއްދަ ދީފިނަމަ މިހާރު ވެސް އަޅުގަނޑު މިތަނުން ދާނަން. އަޅުގަނޑަކީ އެންމެ ތުއްތު އިރުއްސުރެ ވަރަށް ނިކަމެތި ހާލުގައި އުޅުނު މީހެއް. އެގޮތުގައި އަދިވެސް އުޅެވޭނެ. އެ ހިތްވަރާއި ކެތްތެރިކަން އަޅުގަނޑުގެ ހުންނާނެ.” ވާހަކަ ދައްކަމުން ދައްކަމުން ސޯފާއިން ތެދުވި ސުވައިލާ ދެލޯ ފޮހެލަމުން ސުމީތާއާ ދިމާއަށް ހިނގައިގަތެވެ.

ނޭވާ ހިފަހައްޓާލައިގެން އިން އަނާނަށް ފެނުނީ އޭނާ ހީކުރި ކަހަލަ މަންޒަރެއް ނޫނެވެ. ދެލޮލުން ފާއްދާލި އުފާވެރިކަމުގެ ކަރުނައާއެކު ފުންމައިގެން ކަހަލަ ގޮތަކަށް ކޮޅަށް ތެދުވެވުނެވެ. މަންމައާ ދިމާއަށް ދެވުނީ ކިހިނެއްކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ.

ސުވައިލާގެ ކިބައިން މަޢާފަށްއެދި ދަރިއެއްގެ ގޮތުގައި ސުމީތާ، ސުވައިލާ ބަލައިގެން ވާހަކަ ބުނި ހިސާބުން އިބާދަށް ވެސް ލިބުނީ ނުހަނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ. ޝުކުރުވެރިވާން ޖެހޭ ފަރާތަށް ޝުކުރު ދެންނެވުމަށް އިބާދު އަވަސްވި އެވެ.

ވިޔަފާރީގެ ސާޅީސް އިންސައްތަ ސުވައިލާއަށް ދޭން ނިންމީ ސުމީތާ އެވެ. އެކަމާއި ހިތްހަމަނުޖެހުނު ނަމަވެސް، ދޮންމަންމަ އާއި ބައްޕަ އަދި ކޮއްކޮގެ އެދުމުގެ މަތިން ސުވައިލާ އެކަން ޤަބޫލުކުރި އެވެ.

“އަހަރެން ބޭނުންވި ހުރިހާ ކަމެއް ވެއްޖެ. ކެތްތެރިކަމުގެ ފޮނި މީރުކަން އިޙުސާސްވެއްޖެ. ކިޔަވަން ބޭނުންވި ހިސާބަށް ކިޔެވިއްޖެ. ބައްޕަ އާއި މަންމަގެ ލޯބި ލިބިއްޖެ. ކޮއްކޮއެއް ލިބިއްޖެ. އަލްޙަމްދު ލިﷲ ޝުކުރު.” ނަމާދުކޮށް ނިމުނުގޮތަށް ސުވައިލާ އިނީ މުސައްލަ މަތީގަ އެވެ.

“އާމީން!” ކޮޓަރިއަށް ވަދެގެން އައި ސުމީތާ ލޯތްބާއި އޯގާތެރިކަމާއެކު ސުވައިލާގެ ބޮލުގައި ފިރުމާލި އެވެ.

(ނިމުނީ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top