“އެ މަންޖެ ބޭނުންތަ؟” ވަޖުދީ ބަލައިލީ އަސީލްގެ މޫނަށެވެ. އެ މޫނުމަތިން ކޮންމެވެސް މުހިންމު ކަމެއް ދެނެގަންނަން މަސައްކަތްކުރި ކަހަލައެވެ.
ވަޖުދީ ދެއްކި ދިމާއިން އަސީލް ހިނގައިގަތެވެ. ބިރުގަނެ ޖެހިލުންވެގެން ފަސްޖެހިގެން އެކަން ވާކަށް ނެތެވެ. އޭނާގެ ހުވަފެން ހަޤީޤަތަކަށް ހެދެން އޮތީ ކެތްތެރިކަމާއިއެކު ހިތްވަރު ވެސް ކޮށްގެންނެވެ. މިވަގުތު އެހެން ގޮތެއް ނެތެވެ.
އަސީލް ދޫކޮށްލުމަށްފަހު ވަޖުދީ ހިނގައްޖެއެވެ.
ބިރުގަނެ ޖެހިލުންވި ނަމަވެސް އަސީލް ހިތްވަރު ކުރިއެވެ. ޚިޔާލުގެ މިސްރާބު މުޅިން އެހެން ދިމާއަކަށް ބަދަލުކޮށްލިއެވެ. މިކަން ވެއްޖެނަމަ އޭނާގެ އެ ޚިޔާލުތައް ހަޤީޤަތަކަށް ހެދިދާނެއެވެ. އެދުވަހަކުން އޭނާ ވާނީ އެންމެ އުފާވެރި މީހާއަށެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައެވެ. އަސީލް ހުރީ ލޯ މަރާލައިގެންނެވެ. އެހިސާބުގައި ހިނގަމުންދިޔަ ކަންކަމެއް ވާނުވާއެއް އޭނާއަކަށް ނޭނގެއެވެ.
ޖެހިލި މަޑުމަޑު ވައިރޯޅިއާއެކު ފަރުހަކި ޒާތުގެ ކުނި ވަހެއް މުޅި ހިސާބަށް ފެތުރުނެވެ. ކިތަންމެ ހިތްވަރެއް ކުރި ނަމަވެސް ނޭވާލާން އުނދަގޫވުމުން އަސީލް ލޯ ހުޅުވާލިއެވެ. ޝައުޤުވެރިކަމާއެކު މަޑުމަޑުން ވަށައިގެން ހޯދާލިއެވެ. މުޅި ގޮނޑުދޮށް ވަނީ ރެދަން ލާފައެވެ. ކަނޑުން މައްޗަށް އެރި އަލިފާންކަންޏެއް ވިއްސައިގެން އައިސް ނިކަގަހު ތެރެއަށް ޖެހުނެވެ. އަސީލް ހުރީ ވާނުވާގައެވެ.
ގޮނޑުދޮށަށް ފައިބާން ދިޔަ ސުވައިލާ، އަސީލްގެ ލޮލުގައި އަޅައިގަތީ އިރުކޮޅެއް ފަހުންނެވެ. ސުވައިލާ ފެނުމާއިއެކު އަސީލްގެ ކެތްތެރިކަން ކޮޅުންލިއެވެ. ވަޖުދީ ދެއްކި ހުރިހާ ވާހަކައެއް ހަނދާން ނެތުނެވެ.
މުޅި ހިސާބަށް ފެތުރިފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އެ ދެމީހުން ފިޔަވައި އެހެން އެއްވެސް މީހަކު އެހިސާބުގައި ނެތްކަން އަސީލަށް ޔަޤީނެވެ. ދުރުން ބަލާ މީހަކަށް އެތަނުގައި ބަޔަކު ތިބިކަން އެނގޭވަރަށްވުރެ އެހިސާބު އަނދިރިއެވެ. މާބޮޑު ނިވާކަމެއްނެތް ރަތްކުލައިގެ ކުރު ޓީޝާޓަކާއި ޖީންސްބުރިއެއް ލައިގެން ހުރި ސުވައިލާއަށް ބަލަހައްޓައިގެން ހުރުމަކީ އަސީލަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ.
ހުރިހާކަމެއް ހަނދާން ނެތުނު ކަހަލައެވެ. މަޑުމަޑުން ސުވައިލާއާ ގާތްވެލަމުން އަތުގައި ހިފިއެވެ. ހަމަ އެސިކުންތުގައި ކަހަލަ ގޮތަކަށް ގަޔާއި ކައިރިއަށް ދަމައި ވެސް ލިއެވެ. ސުވައިލާ ހުރީ އެފަދަ ކަމަކަށް ވިސްނައިގެން ނޫން ކަމަށްވާތީ ވިއްސައިގެން ކަހަލަ ގޮތަކަށް އައިސް އަސީލްގެ ގައިގައި ޖެހުނެވެ. އަސީލް ބައްދާލިއެވެ. ދުރަށް ޖެހިލުމަށް ސުވައިލާ މަސައްކަތްކުރި ނަމަވެސް އެފުރުސަތެއް ނުލިބުނެވެ. އަސީލް ހުރީ އެވަރު ވިސްނައިގެންނެވެ.
ސުވައިލާ ދެއްކި ވާހަކަތަކާއި ކުރި އާދޭސް އަސީލަކަށް މުހިންމެއް ނުވިއެވެ. އެތައް ދުވަހެއްގެ މަސައްކަތުން ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ ހުރީ ކެތް މަދުވެފައެވެ.
އަނގުރު އަލިފާންފަދަ ގަދަ ރަތް ކުލައިން ސުވައިލާގެ ދެލޯ ދިއްލުމާއިއެކު، އަނގައިގެ ދެމިޔަކަނުން ދިގު ދެދަތް ނުކުތެވެ. ދަތުގެ ކޮޅެކޭ ތޫނު ކައްޓެކޭ އެއްގޮތެވެ.
ކުއްލިއަކަށް ވަރަށް ބާރަށް ސުވައިލާ ބައްދާލުމާއިއެކު އަސީލް ދިޔައީ ސިއްސައިގެންނެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު ސުވައިލާގެ ހަށިގަނޑުގައި އަތް އުނގުޅަމުން ލޯ މަރާލިއެވެ.
އަސީލްގެ ކަރުގައި ސުވައިލާ ތުންފަތް ޖައްސާލަމުން ބާރުކޮށްލިއެވެ. ތޫނު ދިލަ ތަދެއް ކުއްލިއަކަށް އިޙުސާސްވި ނަމަވެސް އަސީލް އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ ހުރީ ކެތްމަދުވެފައެވެ. ސުވައިލާގެ ފަރާތުން ކުޑަވެސް އެއްބާރުލުމެއް ލިބުނީ މިހާރުއެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައެވެ. އަސީލްގެ ހުރިހާ ސަމާލުކަމެއް ވެސް ހުއްޓިފައި ހުރީ ލިބިފައިވާ ފުރުސަތަށެވެ. އެއީ އޭނާ އެންމެ ބޭނުންވި ފުރުސަތެވެ. ލިބިފައިވާ ފުރުސަތުން އެންމެ ސިކުންތުކޮޅެއް ވެސް ގެއްލުވާލާކަށް ހިތެއް ނޭދުނެވެ.
ހޭވެރިކަންވީއިރު އަސީލް އޮތީ ނިކަގަސްދަށުއެވެ. ވަށައިގެން ހޯދާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިރުއެރުމުގެ ނިޝާންތައް އުދަރެހުންނާއި ރަށުތެރޭން ފެންނަމުން ދިޔައެވެ.
އެހެން މީހަކަށް ފެނުމުގެ ކުރިން ގެއަށް ދިއުމަށް އަސީލް އިސްކަން ދިނެވެ. މިފަދަ ވަގުތެއްގައި އެކަނިމާއެކަނި އެތަނުން ފެނިއްޖެނަމަ ސުވާލު ކުރާނެ މީހުން ބައިވަރު ތިބޭނެކަން އޭނާއަށް އެނގެއެވެ. މަންމައާ ބައްޕަ ވެސް އެކަމާ ސުވާލު ކުރާނެއެވެ. މަންމަ ފަށައިފިނަމަ، މަންމައަށް ޤަބޫލު ކުރެވޭވަރުގެ ޖަވާބެއް ނުލިބެނީސް ހުއްޓައެއް ވެސް ނުލާނެއެވެ.
ވިސްނާ ވިސްނާ ވެސް ރޭގެ ނިމުން އައި ގޮތެއް އަސީލަކަށް ޔަގީނެއް ނުވިއެވެ.
އަސީލްގެ އުޅުމަށް ކުއްލި ބަދަލެއް އައެވެ. އޮއްސޭ އިރާއިއެކުހެން ކޮޓަރިއަށް ވަންނަ މީހާ ދެން ނުކުންނަނީ ހެނދުނުއެވެ. ކުރިން ކޮންމެވެސް ވަރަކަށް ރައްޓެހިންނާއިއެކު، ކޮފީތަކަށް ރޭގަނޑު ގޮސް އުޅުނު އުޅުން އެއްކޮށް ހުއްޓައިލިއެވެ. އެއީ އޭނާގެ މަންމަމެނަށް ޤަބޫލުކުރެވޭގޮތް ނަމަވެސް ކަންތައް އޮތީ އެހެނެއް ނޫނެވެ.
ކޮންމެ ރެއަކު ދަންވަރު އަސީލާއި ސުވައިލާ ބައްދަލުކުރާކަން އެ ދެމީހުނާއި ވަޖުދީ ނޫން އެހެން މީހަކަށް ނޭނގެއެވެ. ލިބިފައިވާ ރަނުގެ ފުރުސަތުގެ ސަބަބުން އަސީލަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ނުހަނު ބޮޑެވެ. އެކަން އެހެން މީހަކަށް އެނގޭކަށް އެކަކު ވެސް ބޭނުމެއް ނުވެއެވެ.
މެންދަމުން އަލިވެ ތިނެއް ޖަހާކަން ހާއިރެވެ. މަސް ކައްކާ ނިންމާލުމަށްފަހު، އުކާލަންޖެހޭ ތަކެތި ހިފައިގެން އަތިރިއަށް ނުކުތް އަދުލީ އާއި ޝިއުރާއަށް އަސީލް ފެނިއްޖެއެވެ. އެކަނިމާއެކަނި ހުރެގެން ބަނދަރު ބޭރުކޮޅާއި ދިމާއަށް ދިޔަ އަސީލްގެ ހަރަކާތްތައް ފެނުމުން ދެމީހުނަށް ވެސް ލިބުނީ ހައިރާންކަމެވެ. ކަންބޮޑުވުމާއި ހާސްކަން ޝިއުރާގެ ހިތަށް ވަތްއިރު އަސީލްގެ ހަރަކާތްތަކަށް އަދުލީ ދިން ސަމާލުކަން އިތުރުވިއެވެ.
އަސީލްގެ ހަރަކާތްތަކަށް ބަލާލުމުން އޭނާ ކޮންމެވެސް މީހަކާއި ވާހަކަ ދައްކާކަމާއި، އެ ދެމީހުންގެ ދެމެދުގައި ވަރުގަދަ ލޯބިވެތި ގާތް ގުޅުމެއް އޮތްހެން ހީވެއެވެ. ޝިއުރާ ގެއަށް ލުމަށްފަހު މައުޒޫމް ގޮވައިގެން އަދުލީ އައެވެ. އަސީލަށް ސިއްރުސިއްރުން މަޑުމަޑުން އެދިމާއަށް ދިޔައެވެ.
ފުރުސަތު ލިބުނުއިރު ދެމީހުން ވެސް ތިބީ ކެތްމަދުވެފައެވެ. ލޯތްބާއި އިޝްޤީ މަސްތީކަން ހައްދުން ނައްޓާފައެވެ. ލައިގެން ހުރި ކުރު ޓީޝާޓް ހިއްލާލަމުން ސުވައިލާ އޮށޯވެލުމާއިއެކު ޓީޝާޓް ބާލަމުން އަސީލް އޭނާއާ ދިމާއަށް ގުދުވިއެވެ. ހަރަކާތް އިތުރުވަމުން އިތުރުވަމުން ދިޔައިރު، އެހިސާބުގައި އެހެން ބަޔަކު ތިބިކަމެއް އެ ދެމީހުނަކަށް ނޭނގެއެވެ. އެފަދަ ހިލަމެއް ނުވެއެވެ.
އަތުގައި އޮތް ބައްތި ދިއްލާލަމުން އަސީލްއާ ދިމާއަށް މައުޒޫމް އަލިކޮށްލުމާއިއެކު އަސީލް ދިޔައީ ސިއްސައިގެންނެވެ. އަސީލަށްވުރެ ސުވައިލާގެ ހަރަކާތް އަވަހެވެ. އެމީހުނަށް އޭނާގެ ގޮތް އެނގުމުގެ ކުރިން އެތަނުން ދިއުމަށް އޭނާ އިސްކަން ދިނެވެ. ކުއްލިއަކަށް ކޮއްޕާލުމާއިއެކު އަސީލް ދިޔައީ ވިއްސައިގެންނެވެ.
ބިންމަތީގައި ޖެހުމާއިއެކު އަސީލްގެ ބޮލަށް ގޮތްތަކެއް ވިއެވެ.
އަސީލްގެ ހޭވެރިކަން ހުއްޓެވެ. ފެންފޮދެއް ބޯލަންދީ ބޮލަށް ފެންއަޅައި ކުޑަކޮށް މޮޑެލުމުން އޭނާ މަޑުމަޑުން ހަމައަކަށް އެޅުނެވެ.
އަދުލީމެން ކުރި ސުވާލަށް އަސީލް ދިން ޖަވާބު ދިމައެއް ނުވިއެވެ. އެކަމާއި ގުޅިގެން އޭނާ ދެއްކި ވާހަކަތައް ވެސް ދިމައެއް ނުވިއެވެ. އޭނާ ދޮގު ހަދަނީއެވެ. ސިއްރުން ކޮންމެވެސް ކަމެއް ކޮށްފައި އޮޅުވާލަން މަސައްކަތް ކުރަނީއެވެ. އެތަނުގައި ހުރީ އޭނާ އެކަންޏެވެ. އެތަނުގައި އެހެން މީހަކު ހުރިނަމަ އަދުލީމެނަށް ވެސް އޭނާ ފެންނާނެއެވެ.
“ކޮންމެހެން ސިއްރު ކުރާނެކަމެއް ނެތް.. ކަލޭ ތިހުރީ ހަކުރު ބޮއިގެން.” އަސީލް ދޮގު ހެދުމުން މައުޒޫމް ހިތްހަމަނުޖެހުނެވެ.
އަސީލް މަޑުމަޑުން ކޮޅަށް ތެދުވިއެވެ. ގެއާއި ދިމާއަށް ހިނގައިގަތްއިރު ގައިގައި މާބޮޑު ވަރެއް ނެތެވެ. ގުދުގުދުލަމުން ތުރުތުރު އަޅަމުން ކަހަލަ ގޮތަކަށް ގެއާއި ދިމާއަށް ދިޔަ އަސީލަށް މައުޒޫމް އާއި އަދުލީ އެހީވިއެވެ.
އަސީލް އާއި ސުވައިލާގެ ގުޅުން އެގޮތުގައި، އެންމެނަށް ސިއްރުން ކުރިއަށް ދިޔައެވެ.
އުމުރުން ނަވާރަ ވަރަކަށް އަހަރުގެ ރޫބީއަކީ ރީތި ކުއްޖެކެވެ. ގައިގެ ކުލަ އެހާ އަލި ނޫނަސް ކަޅެއް ވެސް ނޫނެވެ. އިސްތަށިގަނޑު ފަންވެފައި ދިގެވެ. މޫނުމަތި އޮމާންވެފައި ލޮލާއި ކަޅިރަވަ ރީއްޗެވެ. މިހާރުގެ ޒުވާނުން އެންމެ ލޯބިކުރާ ކަހަލަ ލޫޅާފަތި ހިމަތޮޅި ހަށިގަނޑެކެވެ. ބޭނުންކުރާ ޒަމާނީ ހެދުންތަކާއިއެކު ރޫބީގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ.
ރޫބީ އާއި އަސީލް ދިމާވީ ހަވީރުކޮޅު، އަސީލްމެން ގެއިންނެވެ. ވާސިޔާ އާއި ކޮތަޅެއް ހަވާލުކުރަން ރޫބީ އެ ގެއަށް އައިއިރު އަސީލް އޮތީ ބޭރު ޖޯލިފަތީގައެވެ. ރޫބީއަށް އަސީލް ފެނުމާއިއެކު ހިނިތުންވެލިއެވެ. އަސީލް ވެސް ހިނިތުންވެލުމަކުން އޭނާއަށް ޖަވާބު ދިނެވެ.
ވާސިޔާ އާއި ކޮތަޅު ހަވާލުކޮށްފައި ރޫބީ ބޭރަށް ނުކުތްއިރު އަސީލް ހުރީ ބޭރު ދޮރުކައިރީގައެވެ. އަސީލްގެ ގައިގައި އުނގުޅިލަމުން ރޫބީ ބޭރަށް ނުކުތީ ވަކި މަޤުސަދެއްގައެވެ. އެކަން އޭނާއަށް ކާމިޔާބު ވެސް ވިއެވެ.
ރޫބީގެ އެ ބީހިލުމާއިއެކު އަސީލްގެ ހިއްސުތައް ހޭލައްވާލި ކަހަލައެވެ. އިޝްޤާއި މަސްތުން ފުރިގެންވީ ފުން ބަލައިލުމަކުން ރޫބީއަށް ބަލައިލިއެވެ. އެ ބަލައިލުމުގެ ފަހަތުގައި ފޮރުވިފައިވި ސިއްރު ކިތަންމެ ރަނގަޅަކަށް ވެސް ރޫބީއަށް ވިސްނުނެވެ.
“މިރޭ ނުވައެއް ޖަހާއިރު އޮޑިހަރުގެތައް ކައިރިއަށް.. ތައުޒަން ދޭންވާނެ.” ވަށައިގެން ހޯދާލަމުން ރޫބީ ވާހަކަދެއްކިއެވެ. އެ ސަރަހައްދުގައި އެ ދެމީހުން ފިޔަވައި އެހެން މީހަކު ނެތްކަން އޭނާ ޔަގީން ކުރިއެވެ.
“އޯކޭ.” ރޫބީގެ ވާހަކަ އޭނާއަށް ވަނީ ކުރިން އަޑުއިވިފައެވެ. ތަޖުރިބާކުރި މީހުންގެ ވާހަކައަށް ބަލާއިރު ފޮނިބޯލަން ހަމަ ވަރަށް ރަނގަޅެވެ. އެއްފަހަރުން ފުދޭވަރަށްވުރެ އަރާމެވެ. ހިތުން ފޮހެލަން ފަސޭހައެއް ނުވާނެއެވެ. ފުރުސަތަކަށް އެދިއެދި ތިބި މީހުނާއި އެކަމުން ސަލާމަތް ނުވެވުނު މީހުން ވެސް އެބަ ތިއްބެވެ.
އަސީލް އިންތިޒާރު ކުރަމުން ދިޔައީ ނުވައެއް ޖަހާނެ ވަގުތަކަށެވެ. ލިބުނު ފުރުސަތާއި މިރޭ ދިމާވުން ވެސް އެއީ އަސީލްގެ ނަސީބެވެ. އެހެން ނޫންނަމަ އޭނާއަކަށް އެ ފުރުސަތުގެ ބޭނުމެއް ނުހިފުނީހެވެ.
ނުވައެއް ޖެހުމުގެ ދިހަވަރަކަށް މިނިޓް ކުރިން ރޫބީ ބުނިތަނަށް އޭނާ ދިޔައެވެ.
އޭނާއަށް އަސީލް ފެނުނީ ގޮނޑުދޮށުން އަރައިގެން އަންނަނިކޮށެވެ. އޭނާއެކޭ އެއްފަދައިން އަސީލް ވެސް ހުރީ ގަޑިއަށް ފަރުވާތެރި ވެގެންނެވެ. ގަޑިޖެހުމުގެ ކުރިން އެތަނަށް އައިހެވެ.
އަސީލަށް ރޫބީ ފެނުމާއިއެކު އަތް ހިއްލާލަމުން ހަނާ އަޅާލިއެވެ. ރޫބީ އަވަސްއަވަހަށް އެދިމާއަށް ދިޔައެވެ. ރޫބީއާ ދިމާއަށް އައި އަސީލް ޓީޝާޓް ބާލައި ކޮނޑުމަތީ ބާއްވާލިއެވެ. އަސީލްގެ ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑު ފެނުމާއިއެކު ރޫބީގެ ހިތް އުފަލުން ފުރުނެވެ.
އަސީލް ދިއްކޮށްލި އަތުގައި ރޫބީ ހިފިއެވެ. އަސީލް އެދުނު ފަދައިން އޭނާއާ ގާތްވެލިއެވެ. އަސީލް ހުރީ ލަސްވެފައި ކަހަލައެވެ. ނުހަނު ލޯތްބާއި އޯގާތެރިކަމާއެކު ރޫބީ ގެނެސް ގައިގައި ޖައްސާލަމުން ބައްދާލިއެވެ. ގައިގައި އޮޅާލި އަތް ބޮލުން ފެށިގެން އުނަގަނޑުން ތިރިއަށް ހިންގާލިއެވެ. އެކަން ތަކުރާރު ވެސް ކޮށްލިއެވެ. ރޫބީގެ ކިބައިން ފެނުނީ އަސީލް އުންމީދުކުރި އެހީތެރިކަމާއި އެއްބާރުލުމެވެ.
އަސީލްގެ ގައިގައި ބައްދާލައިގެން ހުރި ރޫބީ ކުއްލިއަކަށް އަތް ނައްޓާލިއެވެ. އަސީލްގެ މޫނަށް ބަލާލުމަށްފަހު ދެވަނަ ފަހަރަށް އަސީލްގެ ގައިގައި ރޫބީ ބައްދާލީ އެކަން ޔަގީންކުރާށެވެ. އޭނާއަށް ވީ ހީއެއް ނޫނެވެ. އެއީ ޔަގީނެވެ. އަސީލްގެ ބުރަކަށީގައި އުންތަކެއް ކަހަލަ އެއްޗެއް ހުއްޓެވެ. ކަރަފާބޯވައިގެ އުންތަކެއް ކަހަލަ އުންތަކެކެވެ. ކޮންމެވެސް ވަރަކަށް އޮލަ ތެތްކަމެއް ވެސް ހުއްޓެވެ.
(ނުނިމޭ)
