ކޮންމެ ގުޅުމަކީވެސް އުތުރި އެރުންތަކާއި ހީނަރުކަމުގެ ދުވަސްތަކެއް ތަޖުރިބާކުރަންޖެހޭނެ ކަމެކެވެ. ދެމަފިރިންގެ ދެމެދުގައި އުފެދޭ ދެބަސްވުންތަކަށް ހައްލު ހޯދުމުގައި ސުލްހަވެރި ގޮތްތަކެއް ވަގުތުން ވަގުތަށް އިޚްތިޔާރު ނުކުރެވިއްޖެނަމަ، ކަންތައްތައް ގޯހުން ގޯހަށް ދިއުމަކީ ވަރަށް ގާތް ކަމެކެވެ. ވަކިން ޚާއްސަކޮށް، ބައިވެރިޔާގެ ފަރާތުން ފެންނަ ބައެއް އާދަތައް ބަދަލުކުރުމަށް ދެކޮޅުހަދައި، ގޮތްދޫނުކުރުމުގެ ސަބަބުން ކައިވެނީގެ ގުޅުމަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބެއެވެ. ގިނަ ފަހަރަށް މިފަދަ ގުޅުންތައް ކެނޑިގެންދަނީ އެއްދުވަހުން އަނެއްދުވަހަށް އުފެދޭ ނަފްސާނީ ދުރުކަމެއްގެ ސަބަބުންނެވެ. އަންހެނުންގެ ނަޒަރުގައި، ފިރިހެނުންގެ ކިބައިގައި ހުންނަ ބައެއް ނޭދެވޭ އާދަތައް އިސްލާހު ނުކޮށް ގިނަދުވަސް ވުމަކީ، އިތުބާރާއި ލޯތްބާއި ގާތްކަން ފުނޑުފުނޑުވެ، އެކަނިވެރިކަމާ ދިމާލަށް އެމީހުން ދާންޖެހޭ ސަބަބެކެވެ.
އަންހެނުންގެ ނަޒަރުގައި ފިރިހެނުން އެކަނިވެރިކަމާ ދިމާލަށް ގެންގޮސްދޭ 15 އާދައަކީ:
1- އިހުސާސްތައް ފާޅުނުކުރުން: ބައިވެރިޔާއަށް އިހުސާސްތައް ހިއްސާނުކުރުމާއި، އަބަދުވެސް ނަފްސާނީ ގޮތުން ދުރުގައި ހުރުމަކީ ގުޅުން ބަލިކަށިވާ ކަމެކެވެ.
2- ވާހަކަދައްކަން ދެކޮޅުހެދުން: މައްސަލަތައް ހައްލުކުރުމަށް ވާހަކަދެއްކުމުގެ ބަދަލުގައި ހަނުހުރުން ނުވަތަ ވާހަކަދައްކަން ދެކޮޅުހެދުމަކީ ގުޅުމުގެ ފާރު ބޮޑުވާ ކަމެކެވެ.
3- އަމިއްލަ އެދުން އިސްކުރުން: ހުރިހާ ކަމެއްގައިވެސް ހަމައެކަނި އަމިއްލަ ބޭނުންތަކާއި އަމިއްލަ ހިތްހަމަޖެހުމަށް އިސްކަންދިނުމެވެ.
4- ބައިވެރިޔާގެ އަގު ވަޒަންނުކުރުން: ބައިވެރިޔާ ކޮށްދޭ ކަންތައްތަކަކީ އޭނާގެ މައްޗަށް ލާޒިމް ކަންތައްތަކެއް ކަމަށް ދެކި، ޝުކުރުވެރިވުމެއް ނެތި އުޅުމެވެ.
5- ޒިންމާ އުފުލަން ދެކޮޅުހެދުން: އަމިއްލައަށް ކުރެވޭ ކުށްތައް ގަބޫލުނުކުރުމާއި، ކޮންމެ ކަމެއްގައިވެސް އަނެކާއަށް އިނގިލި ދިއްކުރުމެވެ.
6- މާބޮޑަށް ކޮންޓްރޯލް ކުރަން އުޅުން: ބައިވެރިޔާގެ ކޮންމެ ނިންމުމަކާއި އުޅުމެއް ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމަކީ މިނިވަންކަން ގެއްލި، ނުރުހުން އުފެދޭ ކަމެކެވެ.
7- ނޭދެވޭ ވިސްނުން ގެންގުޅުން: ހުރިހާ ކަމެއްގައިވެސް އަބަދު ނުރަނގަޅު ގޮތްތައް ފާހަގަކުރުމާއި ޝަކުވާކުރުމެވެ.
8- އަނެކާގެ ވާހަކަ އަޑުނޭހުން: ބައިވެރިޔާ ދައްކާ ވާހަކައަށް ސަމާލުކަން ނުދިނުމާއި، އޭނާގެ ޝުއޫރުތައް އަޑުއަހަން ބޭނުންނުވުމެވެ.
9- ވައުދުތަކަށް ފަސްޖެހުން: ގުޅުން ކުރިއަށް ގެންދިއުމަށް ނުވަތަ މުސްތަގުބަލާ މެދު ގޮތް ނިންމަން ޖެހިލުންވުމެވެ.
10- އިހުތިރާމް ކުޑަކުރުން: ބަހުން ނުވަތަ އަމަލުން ބައިވެރިޔާއަށް ދޭންޖެހޭ އިހުތިރާމާއި ގަދަރު ކުޑަކުރުމެވެ.
11- އަމިއްލަ ނަފްސު އިސްލާހު ނުކުރުން: އަމިއްލަ ކިބައިގައި ހުންނަ ނުބައި ސިފަތައް ބަދަލުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރުމެވެ.
12- ރުޅި ކޮންޓްރޯލް ނުކުރެވުން: ކުދިކުދި ކަންތައްތަކުގައިވެސް ރުޅިގަދަވެ، ހަޅޭއްލެވުމާއި ގޯސްކޮށް މުއާމަލާތް ކުރުމެވެ.
13- އިންތައް ނޭނގުން: ބައިވެރިޔާގެ އަމިއްލަ މިނިވަންކަމާއި ހުދޫދުތަކަށް ބޯނުލެމެވެ.
14- މާބޮޑަށް ބަރޯސާވުން: އަމިއްލަ ކަންކަމުގައިވެސް ބައިވެރިޔާއަށް މާބޮޑަށް ބަރޯސާވެ، ބައިވެރިޔާއަށް ނަފްސާނީ ބުރައަކަށް ވުމެވެ.
15- ބައިވެރިޔާގެ ބޭނުންތަކަށް ފަރުވާކުޑަކުރުން: ބައިވެރިޔާގެ ޖިސްމާނީ އަދި ނަފްސާނީ ބޭނުންތަކަކީ މުހިންމު ކަންތައްތަކެއް ކަމަށް ގަބޫލުނުކުރުމެވެ.
ނިންމުން:
ލޯތްބާއި ކައިވެނީގެ ގުޅުމަކީ ދެމީހުންގެ ދެމެދުގައި އޮންނަ ބަދަހި ފާލަމެކެވެ. މަތީގައި ބަޔާންކުރެވުނު އާދަތަކަކީ ކޮންމެހެން އިސްލާހު ކުރަންޖެހޭ ކަންކަމެވެ. މިފަދަ ނޭދެވޭ އާދަތަކުގައި ހިފަހައްޓައިގެން ތިބޭ ފިރިހެނުންނަށް، އެންމެ ފަހުން ޖެހެނީ އެކަނިވެރި ދިރިއުޅުމަކާ ކުރިމަތިލާށެވެ. ނަމަވެސް، ވަގުތު އޮއްވައި އަމިއްލަ ނަފްސަށް ބަދަލު ގެނެސް، ބައިވެރިޔާއަށް އިހުތިރާމާއި ލޯބި ދީގެން އުޅޭނަމަ، ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް އާރާސްތު ކުރެވިދާނެއެވެ. ގުޅުމެއް ދެމެހެއްޓޭނީ ދެފަރާތުންވެސް އެކަކު އަނެކަކަށްޓަކައި ބަދަލުވާން ތައްޔާރަށް ތިބެގެންނެވެ.
