ޕާކިސްތާން ޑްރާމާ “އޭކް އޯރް ޕާކީޒާ” ދައްކަން ފަށައިފިއެވެ.
މިރޭ ހަރް ޕަލް ޖީއީއޯ ޓީވީއިން ދައްކަން ފެށި މި ޑްރާމާގައި ދައްކުވައިދެނީ ޕާކީޒާ ނަމަކަށް ކިޔާ ޒުވާން އަންހެންކުއްޖެއްގެ ވައިރަލްވާ ވީޑިއޯއެއްގެ ސަބަބުން އޭނާ ކުރިމަތިލާންޖެހޭ ކަންތައްތަކެކެވެ. އެ ވީޑިއޯގެ ސަބަބުން ކައިވެނިކުރަން މަޖުބޫރުވެ، މުޖުތަމަޢުން ދިމާވާ ގޮންޖެހުންތަކާއި އަމިއްލަ ޢިއްޒަތާއި އިންސާފު އަދި އަމިއްލަ ނަފުސުގެ ހިތްވަރަށްޓަކައި ކުރާ ހަނގުރާމަ މި ޑްރާމާގައި ދައްކުވައިދޭނެއެވެ.
ސެހެރް ޚާން އާއި ނަމީރް ޚާން އިސް ރޯލުތަކުން ފެނިގެންދާ “އޭކް އޯރް ޕާކީޒާ” ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި އަމްނާ އިލްޔާސް، ގޯހަރް ރަޝީދު، ހީނާ ޚްވާޖާ ބަޔާތު އަދި ނޫރުލް ޙުސައިން ފަދަ ތަރިން ހިމެނެއެވެ. ބީ ގުލްގެ ވާހަކައަކަށް ކަޝިފް ނިސާރް ޑައިރެކްޓްކޮށްފައިވާ މި ޑްރާމާ ޕްރޮޑިއުސްކުރީ ކަޝްފު ފައުންޑޭޝަނުންނެވެ.
ކޮންމެ ހަފުތާއެއްގެ ބުދަ އަދި ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައި ދައްކާ ގޮތަށް ހަމަޖައްސާފައިވާ “އޭކް އޯރް ޕާކީޒާ” ގެ އެޕިސޯޑްތައް ހަރް ޕަލް ޖީއީއޯގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް ބަލައިލެވޭނެއެވެ.
