ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ކާމިޔާބު ފިލްމު ސީރީޒް “ދްރިޝްޔަމް” ގައި އޭނާގެ އަނބިމީހާ އަދި ކުޅަދާނަ ބަތަލާ ކާޖޯލް މަސައްކަތްކުރިނަމަ، އެ ފިލްމު ނުވެސް ހެދުނީސް ކަމަށް ބުނެ އަޖޭ މަޖާޒީ ގޮތަކަށް ވާހަކަދައްކައިފިއެވެ.
އަޖޭ މިހެން ބުނެފައިވަނީ ނެޓްފްލިކްސް އިން ދައްކާ “ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯވ” ގައި ބައިވެރިވެ، އޭނާގެ ފިލްމު “ދްރިޝްޔަމް” އާ ގުޅޭގޮތުން ވާހަކަދައްކަމުންނެވެ. ކަޕިލް ޝަރުމާގެ ޝޯވގައި މަޖާ މިޒާޖެއްގައި ވާހަކަދައްކަމުން އަޖޭ ބުނީ، ފިލްމުގައި އޭނާގެ އަނބިމީހާގެ ރޯލު ކާޖޯލް ކުޅުނުނަމަ ފުރަތަމަ ފިލްމު ވެސް ވުޖޫދަށް ނައީސް ކަމަށެވެ. އަޖޭގެ މި ޖަވާބާ ގުޅިގެން ޝޯވގެ ބެލުންތެރިންނާއި ހާޒިރީންގެ މެދުގައި ބޮޑު ހުނުމެއް އުފެދިގެން ދިޔައެވެ.
“ދްރިޝްޔަމް” އަކީ އާއިލާއެއްގެ ޙައްޤުގައި މީހަކު ކުރާ ވަރުގަދަ ހަނގުރާމައެއް ދައްކުވައިދޭ ސަސްޕެންސް ތުރިލާ ފިލްމެކެވެ. މީގެ ފުރަތަމަ ދެ ބަޔަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި ސީރީޒްގެ ތިންވަނަ ފިލްމު ނެރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ހިންދީ “ދްރިޝްޔަމް 3” ގެ ޚާއްސަ ކަމަކީ، ކުރީގެ ދެ ފިލްމާ ޚިލާފަށް މިއީ މަލަޔާޅަމް ފިލްމުގެ ރީމޭކަކަށް ނުވެ، މުޅިން އައު އަދި އަމިއްލަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމަކަށް ވުމެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
އަޖޭ ދޭވްގަން އާއި ކާޖޯލް އަކީ ހަޤީޤީ ދިރިއުޅުމުގައި ވެސް އަދި ސްކްރީންގައި ވެސް އާންމުންގެ ބޮޑު ލޯތްބެއް ހޯދާފައިވާ މަޤުބޫލު ދެމަފިރިންނެވެ.
