ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އޮށްވަޅުގޮނޑި: ދިވެހިންގެ ސަގާފީ އަދި ފޯރިގަދަ ކުޅިވަރެއް
ދިވެހި އަންހެނަކު އޮށްވަޅުގޮނޑި ކުޅެނީ - ފޮޓޯ: ރީޝަމް ޢަލީ / މުނިއަވަސް

ދިވެހިރާއްޖެއަކީ މުއްސަނދި ސަގާފަތެއްގެ ވެރި، އަމިއްލަވަންތަ އާދަކާދަތަކެއް ގެންގުޅޭ ގައުމެކެވެ. މިގޮތުން ދިވެހިންގެ ކުޅިވަރުގެ ތާރީޚަށް ބަލާއިރު، “އޮށްވަޅުގޮނޑި” އަކީ ފާހަގަކޮށްލެވޭ ވަރަށް ޚާއްޞަ އަދި އެހާމެ ފޯރިގަދަ ކުޅިވަރެކެވެ. މިއީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަޤުބޫލު، ވިސްނުންތޫނުކަމާއި ހިސާބު ޢިލްމަށް ބިނާވެފައިވާ ގޭތެރޭގައި ކުޅޭ ކުޅިވަރެކެވެ.

އޮށްވަޅުގޮނޑިއަކީ އާންމުކޮށް ލަކުޑިން ތައްޔާރުކޮށްފައިވާ، ދެ ބަރިއަކަށް ވަޅުތަކެއް ކޮނެފައި ހުންނަ ދިގު ގޮނޑިއެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރެކެވެ. މި ގޮނޑީގައި ދެބަރިއަށް ޖުމްލަ 16 ކުދި ވަޅު ހުންނައިރު، ކޮންމެ ބަރިއެއްގެ ކޮޅުގައި “ގަނޑުވަރު” ނުވަތަ “ބޮޑުވަޅު”ގެ ނަމުން ނަންދެވިފައިވާ ބޮޑު ދެ ވަޅު ހުރެއެވެ. މި ކުޅިވަރު ކުޅުމަށް ބޭނުންކުރަނީ ބޮލި ނުވަތަ ކުދި އޮށެވެ. މިއީ ދެމީހުންގެ މެދުގައި ވާދަވެރިކަމާއެކު ކުޅެވޭ ކުޅިވަރެކެވެ.

ކާބަފައިންގެ ޒަމާނުގައި އޮށްވަޅުގޮނޑިއަކީ ހަމައެކަނި ވަގުތު ހޭދަކޮށްލުމަށް ކުޅުނު ކުޅިވަރެއް ނޫނެވެ. އެއީ އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ މުހިއްމު ވަސީލަތެކެވެ. މަސައްކަތްތައް ނިންމުމަށްފަހު، ހަވީރުގެ ވަގުތުތަކުގައާއި ރޭގަނޑު ގޭގޭގެ ބޮޑުއަށި މަތީގައި ނުވަތަ ހޮޅުއަށިތަކުގައި މި ކުޅިވަރު ކުޅުމަށް މީހުން އެއްވެ އުޅެއެވެ. ޚާއްޞަކޮށް ރޯދަމަހުގެ ހަވީރު ވަގުތުތަކުގައާއި ޢީދު ދުވަސްވަރު އަންހެންވެރިންގެ މެދުގައި މި ކުޅިވަރު ވަރަށް ފޯރިއާއެކު ކުރިއަށްދެއެވެ.

މީގެ އިތުރުން، މިއީ ކުދިންގެ ވިސްނުން ތޫނުކޮށް، އަވަހަށް ހިސާބު ހަދަން ދަސްކޮށްދޭ ތަޢުލީމީ ކުޅިވަރެއްގެ ގޮތުގައިވެސް ބެލެވުނެވެ.

އޮށްވަޅުކުޅުމަކީ ދިގު ތާރީޚެއްވެސް އޭގައި އޮތް ކަމެކެވެ. އެގޮތުން ދުނިޔޭގެ ހުރިހައި ހިސާބެއްގައިވެސް މިއީ ކުޅެއުޅޭ ކުޅިވަރެކެވެ. ޚާއްޞަކޮށް އެފްރިކާ، ކެރީބިއަންގެ ރަށްތައް، ދެކުނު އޭޝިއާ އާއި އިރުދެކުނު އޭޝިއާ ގައި މިއީ ވަރަށް ޢާއްމު ކުޅިވަރެކެވެ. މަންކާލާ އާއި ގުޅުންހުރި އެއްމެ ކުރީގެ ހެއްކެއް ފެންނާން ހުރީ އެޓްރިއާ އިންނެވެ. އާކިއޮލޮޖިސްޓުންނަށް އެ ސަރަޙައްދުން ވަނީ މީލާދީ ސަނަތުން 6 ވަނަ ޤަރުނާއި 7 ވަނަ ޤަރުނަށް ނިސްބަތްވާ އޮށްވަޅު ގޮނޑި ފެނިފަ އެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top