ކޮންމެ އިންސާނަކީވެސް އަމިއްލަ އިއްޒަތާއި ކަރާމާތެއް ލިބިގެންވާ މީހެކެވެ. މުޖުތަމަޢުގައި އުޅޭއިރު ތަފާތު މިޒާޖުގެ މީހުންނާ ބައްދަލުވެއެވެ. ބައެއް މީހުންނަކީ މަޑުމައިތިރި، ބަސްމަދު މީހުންނެވެ. އަދި އަނެއްބައި މީހުންނަކީ އަނގަގަދަ، ކޮންމެ ފަދަ އެއްޗެއްވެސް ބުނަން ފަސްނުޖެހޭ މީހުންނެވެ. މިފަދަ މާހައުލެއްގައި، މަޑުމައިތިރިކޮށް ހަނުހުންނަ މީހާއާ ދިމާއަށް ހިތަށް އައިހާ އެއްޗެއް ބުނުމަކީ ބައެއް މީހުންގެ އާދައެކެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ، ހަނުހުރުމަކީ އަނެކާއަށް ތިމާގެ ނަފްސަށް އިހާނެތިކޮށް ހިތުމަށް ދެވޭ ހުއްދައެއް ނޫން ކަމެވެ.
ހަނުހުރުމަކީ އިސްލާމްދީނާއި ދިވެހި ސަގާފަތުގައިވެސް ރިވެތި ސިފައެކެވެ. “ހަނުހުރުމަކީ ރަނެއްފަދަ އެއްޗެކޭ” ބުނެވޭ ބަހަކީ ބޭކާރު ވާހަކަ ދެއްކުމުން ދުރުހެލިވުމަށް ބާރުއަޅާ ބަހެކެވެ. ނަމަވެސް، މިއަދުގެ މުޖުތަމަޢުން ފެންނަނީ މިއާ ހިލާފު މަންޒަރެކެވެ. މީހަކު ހަނުހުންނަނީ އެމީހެއްގެ ކިބައިގައި ހުރި ބަލިކަށިކަމަކުން ނުވަތަ ބުނާނެ އެއްޗެއް ނޭނގިގެން ކަމަށް ބައެއް މީހުން ހީކުރެއެވެ. މި ހީކުރުމުގެ ނަތީޖާއަކަށް ވަނީ، އެމީހަކާ ދިމާއަށް މަލާމާތްކުރުމާއި، ހިތްދަތި ބަސްތައް ބުނުމަށް އެހެން މީހުންނަށް ފުރުސަތު ލިބުނު ކަމަށް ޤަބޫލުކުރެވުމެވެ.
ހަނުހުންނަ މީހާ އެ ހުންނަނީ ކެތްތެރިކަން އިސްކޮށްގެންނެވެ. އެއީ މައްސަލަ ބޮޑުކުރަން ބޭނުން ނުވާތީއެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް އިންތަކެއް ހުންނަންވާނެއެވެ. ތިމާގެ އަމިއްލަ ނަފްސުގެ އިއްޒަތަށް އުނިކަން އަންނަ ފަދަ ބަސްތަކެއް ރައްދުވާއިރު، އެކަމާ ދެކޮޅަށް ބަސް ބުނުމަކީ ކޮންމެ މީހެއްގެވެސް ޙައްޤެކެވެ. ހަނުހުރުމަކީ އަނިޔާވެރިކަމަށް ރުހުން ދިނުމެއް ނޫނެވެ. އަދި އެއީ އަނެކާއަށް ތިމާގެ އިހުސާސްތަކާ ކުޅުމަށް ދެވޭ “ލައިސަންސެއް” ވެސް ނޫނެވެ.
އަނެކުންގެ ބަސްމަދުކަމުގެ ނާޖާއިޒު ފައިދާ ނަގާ މީހުންނަށް ދަންނަވަން އޮތީ، ކޮންމެ ކެތްތެރިކަމަކަށްވެސް ނިމުމެއް އޮންނާނެ ކަމެވެ. ހަނުހުންނަ މީހާގެ ހިތުގައި ހުންނަ ޝުޢޫރުތައް ބޭރު ނުކުރި ނަމަވެސް، އެ ބަސްތަކުން ކުރާ އަސަރު ކުޑައެއް ނުވާނެއެވެ. އަދި އެފަދަ މީހުންނާ ދިމާއަށް ހިތަށް އައިހާ އެއްޗެއް ބުނުމަކީ ތިމާގެ އަޚުލާޤީ ފެންވަރު ދަށްކަން ހާމަވާ ކަމެކެވެ.
ހަނުހުރުމަކީ ބާރެކެވެ. އެއީ ބޮޑު ކެތްތެރިކަމެކެވެ. ނަމަވެސް އެއީ އަނެކުންނަށް ތިމާގެ މައްޗަށް ގަދަވެގަނެ، ހިތަށް އައިހާ އެއްޗެއް ކިޔަން ދެވޭ ތަޅުދަނޑިއެއް ނޫނެވެ. ކޮންމެ މީހަކުވެސް އަނެކާގެ ހަނުހުރުމަށް އިޙުތިރާމް ކުރަންޖެހެއެވެ. އަދި ތިމާގެ ދުލުން ބޭރުވާ ބަސްތަކަކީ އަނެކާގެ ހިތް ކުދިކުދިކޮށްލާ ބަސްތަކަކަށް ވެގެން ނުވާނެއެވެ. އިންސާނީ ކަރާމާތަކީ އެންމެންގެ މައްޗަށްވެސް ހަމަހަމަ އެއްޗެކެވެ.
