ބާޒާރުގައި ހުންނަ އެތައް ބާވަތެއްގެ ކްރީމްތަކާއި، ސޯޝަލް މީޑިއާގައި އާންމުވާ “ސްކިންކެއަރ ރޫޓިން” ތަކުގެ ސަބަބުން، ރީތި ސާފު ހަންގަނޑެއް ހޯދުމަށްޓަކައި އަގުބޮޑު ތަކެއްޗާއި އުނދަގޫ މަރުހަލާތަކެއް ބޭނުންވާނެ ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ހަގީގަތަކީ މިއާ މުޅިން ތަފާތު ކަމެކެވެ. ހަމުގެ ފަރުވާ އަކީ އަގުބޮޑު، އުނދަގޫ ނުވަތަ މާ ގިނަ ތަކެތި ބޭނުންކޮށްގެން ކުރަންޖެހޭ ކަމެއް ނޫނެވެ. ހާއްސަކޮށް ރާއްޖެ ފަދަ ހޫނުގަދަ ގައުމެއްގައި މިއީ ވަރަށް އާދައިގެ ގޮތަކަށް ކުރެވިދާނެ ކަމެކެވެ.
ހަމަށް ފަރުވާދިނުމުގެ އަސްލު މަގުސަދަކީ ހަމައެކަނި ރީތިވުމެއް ނޫނެވެ. އޭގެ މައިގަނޑު ބޭނުމަކީ ހަމުގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ދެމެހެއްޓުމެވެ.
ދުވަހުން ދުވަހަށް ހަންގަޑަށް ފަރުވާދޭނެ ފަސޭހަ ގޮތްތަކެއް:
1. މޫނު ސާފުކުރުން:
ކޮންމެ ދުވަހަކުވެސް ހެނދުނާއި ރޭގަނޑު މޫނު ދޮންނަ އެއްޗަކުން (ޖެންޓްލް ކްލީންސަރ އަކުން) މޫނު ސާފުކުރާށެވެ. މީގެ ސަބަބުން މޫނުގައި އުފެދޭ ދަލާއި، ހިރަފުހާއި، މޭކަޕް ފަދަ ތަކެތި ފިލައިގެންދާނެއެވެ. މާ ބާރުގަދަ ސައިބޯނި ނުވަތަ ސްކްރަބް ބޭނުންކުރުމުން ދުރުހެލިވާށެވެ. ސަބަބަކީ އޭގެ ސަބަބުން ހަމުގެ ގުދުރަތީ ރައްކާތެރިކަން ގެއްލި، ހަންގަނޑު ހަލާކުވެ، ބަލިކަށިވާތީއެވެ. ގިނަގިނައިން މޫނު ދޮވުމަކީ ހަންގަނޑު ރީތިވާނެ ކަމެއް ނޫނެވެ. މާ ގިނައިން މޫނު ދޮވުމުން ހަންގަނޑުގެ ގުދުރަތީ ރައްކާތެރިކަން ގެއްލި، ހަންގަނޑު ހަލާކުވެ، ބިހި ނެގުމަށް މަގުފަހިވެއެވެ.
2. ވިޓަމިން ސީ ސީރަމް:
މިއީ ހަންގަނޑު އަލިކޮށްދީ، ހަމުގެ ކުލަ އެއްވަރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކޮންމެ ދުވަހަކު ހެނދުނު މޫނު ދޮވުމަށްފަހު މީގެ ކުޑަ މިންވަރެއް ބޭނުންކުރެވިދާނެއެވެ. މީގައި މުހިންމީ އޭގެ އަގުބޮޑުވުމަށްވުރެ، އެ މީހަކާ ގުޅޭ އެއްޗެއް ދާއިމީކޮށް ބޭނުންކުރުމެވެ.
3. މޮއިސްޗަރައިޒް ކުރުން:
ހުރިހާ ބާވަތެއްގެ ހަމަކަށްވެސް މޮއިސްޗަރައިޒަރަކީ މުހިންމު އެއްޗެކެވެ. ރާއްޖެ ފަދަ ހޫނު މާހައުލެއްގައި ބޭނުންކުރަން އެންމެ ރަނގަޅީ ލުއި (ލައިޓް ވެއިޓް) އަދި ތެޔޮކަން ކުޑަ ބާވަތްތަކެވެ. ހަންގަނޑު ތެޔޮ ނަމަވެސް ނުވަތަ ބިހި ނަގާ ހަމެއް ނަމަވެސް، މޮއިސްޗަރައިޒަރަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ހަންގަނޑުގައި ހުންނަންޖެހޭ ތެތްކަން ހުރުމުން، އިތުރަށް ތެޔޮ އުފެއްދުން މަދުކޮށްދެއެވެ.
މޮއިސްޗަރައިޒް ނުކުރުމަކީ ބިހި ނެގުން މަދުވުމުގެ ބަދަލުގައި، އިތުރަށް ބިހި ނެގުމަށް ދިމާވާ ސަބަބެކެވެ.
4. ލޮލުގެ ވަށައިގެންވާ ހަމަށް ފަރުވާދިނުން (އައި ކްރީމް):
ލޮލުގެ ވަށައިގެންވާ ނާޒުކު ހަންގަނޑަށް އައި ކްރީމެއް ބޭނުންކުރުމުން، ހަންގަނޑު ހިކުމުން ސަލާމަތްކޮށްދީ، ލޯ ކައިރި ކަޅުވުން, ރޫޖެހުން ދުރުކޮށްދެއެވެ. މީގައިވެސް ބޭނުންވަނީ އާދައިގެ، މާ ބާރުގަދަ ނޫން އެ މީހަކާ ގުޅޭ ފަރުވާއެކެވެ.
5. ތުންފަތުގެ ފަރުވާ (ލިޕް ބާމް):
ތުންފަތަކީ ގިނަ ފަހަރަށް އަޅާނުލެވި ދޫކޮށްލެވޭ ތަނެކެވެ. ނަމަވެސް، އަވިންނާއި ވަޔާއި، ހިކުމުން ރައްކާތެރިވުމަށްޓަކައި ‘ލިޕް ބާމް’ އެއް ބޭނުންކުރުން މުހިންމެވެ. ހާއްސަކޮށް އަވިން ރައްކާތެރިކޮށްދޭ (އެސް.ޕީ.އެފް) ހިމެނޭ ބާވަތެއް ބޭނުންކުރުން ރަނގަޅެވެ.
6. ސަންސްކްރީން – އެންމެ މުހިންމު މަރުހަލާ:
ދިވެހިރާއްޖެ ފަދަ ގައުމެއްގައި ސަންސްކްރީނަކީ ކޮންމެހެން ބޭނުންކުރަންޖެހޭ އެއްޗެކެވެ. ގޭތެރޭގައި އުޅުނަސް ނުވަތަ ބޭރުގައި އުޅުނަސް، ކޮންމެ ދުވަހަކު ހެނދުނު އެސް.ޕީ.އެފް30 އަށްވުރެ މަތީގެ ސަންސްކްރީނެއް ބޭނުންކުރާށެވެ.

ކޮންމެ ދުވަހަކު ސަންސްކްރީން ބޭނުންކުރުމުން ތިރީގައިވާ ކަންކަމުން ރައްކާތެރިކޮށްދެއެވެ:
– އަވިން ހަންގަނޑު އެނދުން
– ހަންގަނޑު އަވަހަށް މުސްކުޅިވުން
– ހަމުގައި ލައްޖެހުމާއި ކުލަ ބަދަލުވުން
– ދިގު މުއްދަތުގައި ހަމަށް ލިބޭ ގެއްލުންތައް
މަދު ތަކެތި ބޭނުންކުރުން:
ސިއްހަތު ރަނގަޅު ހަންގަނޑެއް ހޯދުމަށްޓަކައި 10 މަރުހަލާގެ ފަރުވާއެއް ނުވަތަ އެތައް ބާވަތެއްގެ ސީރަމްއެއް ބޭނުންކުރާކަށް ނުޖެހެއެވެ. ހަގީގަތަކީ، މާ ގިނައިން ތަކެތި ބޭނުންކުރުމަކީ ފައިދާއަށްވުރެ ބޮޑަށް ގެއްލުންވާ ކަމެކެވެ. އަބަދު އުފެއްދުންތައް ބަދަލުކުރުމާއި، އެކި ބާވަތްތައް އެއްކޮށްގެން ބޭނުންކުރުމުން ހަންގަނޑު ހަލާކުވެ، މާލީ ގޮތުންވެސް ބޮޑު އިސްރާފަކަށް ވެއެވެ. ހަމުގެ ފަރުވާ ބިނާވެފައިވަނީ ބޭނުންކުރާ ތަކެތީގެ ގިނަ މަދުމިނަކަށް ނޫނެވެ. އެއީ ގަވާއިދުން ކުރާ ކަމަކަށް ހެދުމެވެ.
ގިނަގުނަ ސީރަމްތަކާއި އުފެއްދުންތަކުން ހަރުތައް ފުރާލުމުގެ ބަދަލުގައި، މަދު އެކަމަކު ހަމަށް އެންމެ އެކަށީގެންވާ ތަކެތި އިހްތިޔާރުކުރާށެވެ.
މޭކަޕް ބޭނުންކުރާނަމަ:
މޭކަޕް ބޭނުންކުރުމަކީ އަމިއްލަ އިޚްތިޔާރެކެވެ. ނަމަވެސް، ދުވަސް ނިމުމުން ރަނގަޅަށް މޭކަޕް ފިލުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މޭކަޕް ރަނގަޅަށް ސާފުނުކުރާނަމަ، ހަމުގެ ލޯވަޅުތައް ބެދި، ހަމުގެ ބަލިތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
ޑޮކްޓަރަރެއްގެ ލަފާ ހޯދުން:
ދާއިމީގޮތެއްގައި މޫނުގައި ބިހި ނެގުން، ލައްޖެހުން, ހިރުވުން ނުވަތަ އެނޫންވެސް ހަމުގެ މައްސަލައެއް ދިމާވާނަމަ، ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. އަމިއްލައަށް ބަލި ދެނެގަތުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ކަމާބެހޭ މާހިރުންގެ އެހީތެރިކަން ހޯދުން ބުއްދިވެރިއެވެ.
ދުުޅަހެޔޮ ހަމެއް ލިބެނީ ގިނަ ތަކެތި ބޭނުންކޮށްގެންނެއް ނޫނެވެ. އެއީ އާދައިގެ ދިރިއުޅުމުގެ އާދަތަކާއި، އަވިން ރައްކާތެރިވުމާއި، ބުއްދިވެރި ނިންމުންތަކުން ލިބޭ ނަތީޖާއެކެވެ.
އިތުރަށް ސަމާލުވުމަށް:
ގިނައިން ފެން ބޯށެވެ.
އަރާމު ނިދި ހޯދާށެވެ.
އަދި ހިނިތުންވުމާއެކު އުޅޭށެވެ.😊
