މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، އިންސްޓަގްރާމް ބޭނުންކުރާ 17.5 މިލިއަން މީހުންގެ ޒާތީ މަޢުލޫމާތު ހިމެނޭ ބޮޑު ޑޭޓާބޭހެއް އާންމުވެފައިވާ ކަމަށް ސައިބަރ ސެކިއުރިޓީ ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ފެންމަތިވި މި މައްސަލައިގައި، “ސޮލޮނިކް”ގެ ނަމުގައި ހަރަކާތްތެރިވާ ހެކަރަކު ވަނީ ޖެނުއަރީ 7 ވަނަ ދުވަހު “ބްރީޗް ފޯރަމްސް”ގައި މި މަޢުލޫމާތުތައް އާންމުކޮށްފައެވެ. ސައިބަރ ސެކިއުރިޓީގެ ދާއިރާގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ “މެލްވެއަރބައިޓްސް”އިން ވަނީ މި ޑޭޓާބޭސް އަކީ ހަގީގީ މަޢުލޫމާތުތަކެއްކަން ކަށަވަރުކޮށްދީފައެވެ.
ލީކުވި މަޢުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ:
– ޔޫޒަރނޭމާއި ފުރިހަމަ ނަން
– ވެރިފައިކޮށްފައިވާ އީމެއިލް އެޑްރެހާއި ފޯނު ނަންބަރު
– ޔޫޒަރ އައިޑީ އަދި ބައެއް މީހުންގެ އެޑްރެހުގެ ބައެއް މަޢުލޫމާތު
ނަމަވެސް، މި ލީކުވި މަޢުލޫމާތުތަކުގެ ތެރޭގައި އެކައުންޓްތަކުގެ ޕާސްވޯޑް ނުވަތަ ލޮގިން ކްރެޑެންޝަލްތައް ހިމެނިފައި ނުވާކަން ފާހަގަކުރެވެއެވެ.
މިކަމާ ގުޅިގެން އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި، މެޓާއިން ބުނެފައިވަނީ އެ ކުންފުނީގެ ސިސްޓަމަކަށް އެއްވެސް ފަރާތަކުން ވަދެފައި ނުވާ ކަމަށެވެ. އަދި މިދުވަސްވަރު ގިނަ އަދަދެއްގެ ޔޫޒަރުންނަށް ޕާސްވޯޑް ރީސެޓް ކުރުމަށް އެދޭ އީމެއިލްތަކެއް ލިބިފައިވަނީ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި، މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށްވެސް މެޓާ އިން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކުން އެމީހުންގެ އެކައުންޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޝައްކުކުރެވޭ ފަދަ އީމެއިލްތަކަށް ސަމާލުވުމަށް ސައިބަރ ސެކިއުރިޓީ މާހިރުން ވަނީ އިލްތިމާސްކޮށްފައެވެ.
