ސާފް ވިމެންސް ފުޓްސަލް ޗެންޕިއަންޝިޕްގައި ދިވެހިރާއްޖެ ކުޅުނު ތިންވަނަ މެޗުން ވެސް ބަލިވެއްޖެއެވެ.
މިއަދު ހަވީރު ޕާކިސްތާނާއި ދިވެހިރާއްޖެ ބައްދަލު ކުރި މެޗުން ދިވެހިރާއްޖެ ބަލިވީ 3-1 އިންނެވެ. މެޗަކަށްވުރެ މެޗެއްގައި ދިވެހިރާއްޖޭގެ ޓީމުން ކުޅުން ރަނގަޅުކުރަމުން އަންނައިރު، މިމެޗްގައި ދިވެހިރާއްޖެއިން ވަނީ 1-1 އިން އެއްވަރު ވެސް ކޮށްފައެވެ.

ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯޅަ އެސޯސިއޭޝަން
މެޗްގެ ފުރަތަމަ ލަނޑު ޕާކިސްތާނުން ޖެހީ 3 ވަނަ މިނިޓްގައެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމުން ވެސް ތަނަވަސްކުރި މިމެޗް ދިވެހިރާއްޖެއިން އެއްވަރުކުރީ 9 ވަނަ މިނިޓްގައެވެ. ޕާކިސްތާނު ހާފުގެ މެދެއްހާ ހިސާބުން ދިވެހިރާއްޖެއަށް ލިބުނު ހިލޭ ޖެހުން އެއްފަހަރުން ގޯލްތެރެއަށް ވައްދާލައި ރާއްޖެއަށް ލަނޑު ޖަހައިދިނީ މަރިޔަމް ނޫރާއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕާކިސްތާނުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ.
ޕާކިސްތާނުން އެޓީމުގެ ތިންވަނަ ލަނޑު ޖެހީ ފަހު ހާފުގެ ތިންވަނަ މިނިޓްގައެވެ. ދިވެހިރާއްޖެ ޓީމުގެ ކީޕަރ ސާއިގާ ވަނީ މިމެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ދިވެހިރާއްޖެ މިމުބާރާތުގައި ކުޅޭ ހަތަރުވަނަ މެޗްގައި ބައްދަލުކުރާނީ ސްރީލަންކާއާއެވެ. މިމެޗް އޮންނާނީ 21 ވަނަ ދުވަހު ހަވީރު 18:00 ގައެވެ.
