އެސް.އެސް.ސީ އަދި ޖީ.ސީ.އެސް.އީ އޯލެވެލްގެ އިމްތިހާނު ކައިރިވަމުންދާ ވަރަކަށް ދަރިވަރުންގެ މޫނުމަތިން ހާސްކަމާއި، ބިރުގަންނަ މަންޒަރު ފެނުމަކީ ތަބީޢީ ކަމެކެވެ. މި އިމްތިހާނުތަކަކީ ގިނަފަހަރަށް ތަޢުލީމީ ދިރިއުޅުމުގައި ބޮޑެތި ބަދަލުތަކެއް ގެނުވައިދޭ އިމްތިހާނުތަކެވެ. މީގެ އިތުރުން އާއިލާތަކާއި، މުދައްރިސުންނާއި އަމިއްލަ ނަފުސަށް ކުރާ އުއްމީދު އާލާވާ އިމްތިހާނުތަކެވެ. އިމްތިހާނު ފެށެން ހަފްތާއަކަށް ވެފައިވާއިރު، ދަރިވަރުންގެ ޕްރެޝަރު ބޮޑުވެ، ހާސްކަން ތިބާގެ އެކުވެރިއަކަށް ވެގެން ދެއެވެ.
އާންމުކޮށް އިމްތިހާނުގެ ހާސްކަން ދިމާވާ ސަބަބަކީ، ތިމާ ނާކާމިޔާބު ވެދާނެކަމުގެ ބިރުގަތުމެވެ. ކުރާ އުއްމީދުތައް ގިނަވުމާއި، ފިލާވަޅުތައް ރިވައިސް ކުރުމަށް ލިބޭ ވަގުތު މަދުވުމެވެ. ދަރިވަރުން އެކަށީގެންވާ ވަރަށް ފިލާވަޅުތައް ފަރިތަކުރިތޯ، ނުވަތަ އިމްތިހާނުގެ ތެރޭގައި، ހުރިހާ ފިލާވަޅެއް ހަނދާން ހުރިތޯ މެދުނުކެނޑި ކަންބޮޑުވުމެވެ. އެކުވެރިންނާއި، ތިމާގެ އަމިއްލަ ނަފުސާއި އަޅާ ކިޔުމަކީވެސް، ދަރިވަރުންނަށް ޕްރެޝަރު ބޮޑުވާ ކަމެކެވެ. އެހެންކަމުން ދަރިވަރުންގެ ޤާބިލްކަމާމެދު ޝައްކު އުފެދިގެންދެއެވެ.
ހާސްކަމަކީ ހަމައެކަނި ސިކުނޑިއަށް އަސަރު ފޯރުވާ ކަމެއް ނޫނެވެ. އެއީ ތިބާގެ ހަށްޓައްވެސް އަސަރުކުރާ ކަމެކެވެ. ބައެއް ދަރިވަރުންނަށް ބޮލުގައި ރިއްސުމާއި، ނިދި މަދުވުމާއި، ކާޙިތް ނުވުން ފަދަ ކަންކަން ކުރިމަތިވެއެވެ. ހަމައެއާއެކު، މީހާ ރުޅިގަދަވެ، މޫޑަށް އަންނަ ބަދަލުތައް ފާހަގަކުރެވެއެވެ. ބައެއް ދުވަސްކޮޅު، ކިޔެވުމަށް ކުރާ ފޯކަސްވެސް ގެއްލިގެންދެއެވެ.
ބެލެނިވެރިންނާއި، މުދައްރިސުން ދަރިވަރުންގެ އިމްތިޙާނު ކައިރިވަމުންދާ ވަރަކަށް ލިބޭ އެއްބާރުލުން ބޮޑުވެގެން ދެއެވެ. އެހެންނަމަވެސް ބައެއްފަހަރު މި ހިތްވަރަކީ، ދަރިވަރުންނަށް ނުފޫޒު ފޯރުވާ ކަމަކަށް ވެގެން ދެއެވެ. ދަރިވަރުންގެ ނަތީޖާއަކީ، އެދަރިވަރުންގެ ތަޢުލީމީ ނިޒާމާޢި ގުޅިފައިވާ ކަމެއްކަމުގައި ވުމުން، ދަރިވަރުންގެ ހިތުގައި ބިރުވެރިކަމާއި ހާސްކަން އުފެދިގެން ދެއެވެ. މި ވިސްނުން މިގޮތަށް ހުރުމުގެ ސަބަބުން، މިއީ މުސްތަޤުބަލުގައި ހުރި ނިޔާއެއްކަމުގައި ވެގެން ދާނެއެވެ.
ކަން މިހެން އޮތުމާއެކު، ރަނގަޅު ގޮތެއްގައި ކަންކަން ރާވާލުމަކީ، ވަރަށް މުހިންމު ކަމެކެވެ. ވަގުތު ޖައްސާފައި ހުރިހާ ފިލާވަޅެއް ދަސްކުރުމުގެ ބަދަލުގައި ދަރިވަރުން މުހިއްމު ޓޮޕިކްތައް ރިވައިސް ކުރުމަށް އަޒުމު ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމައެއާއެކު، ކުރިއާލާ ޕާސްޓް ޕޭޕަރުތައް ހަދާ ފަރިތަކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން ޓައިމް ޓޭބަލް އެއް ހެދުމުގެ ސަބަބުން، ދަރިވަރުންގެ ކޮންފިޑެންސް އިތުރުވެގެން ދެއެވެ. އަދި ހަމައެއާއެކު ރިވިޝަން ކުރާއިރު، ޓައިމް މެނޭޖުކުރުމަށް ފަސޭހަތަކެއް ވެގެން ދެއެވެ.
އިމްތިހާނު މިހާ ކައިރިވާޢިރު، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން، ނިންޖަކީ މިހުރިހާ ކަމެއްގެ މައިގަނޑު އެއް އަސާސެވެ. ހަމައެއާއެކު، ސިއްހަތަށް ފައިދާހުރި ކާނާއާއި، ދޭތެރޭން ބްރޭކް ނެގުމަކީ ވަރަށް މުހިއްމު ކަމެކެވެ. އޭރުން އާވިސްނުމެއްގައި ފިލާވަޅުތައް ދަސްކުރުމަށް މަގުފަހިވެގެން ދެއެވެ. މާގިނައިން ފިލާވަޅުތައް ދަސްކުރަން އުޅުމުގެ ސަބަބުން ހާސްވާ މިންވަރު އިތުރުވެގެން ދެއެވެ. އެސް.އެސް.ސީ އަދި ޖީ.ސީ،އެސް.ސީ އޯލެވެލް ފަދަ ބޮޑު އިމްތިޙާނެއް ކައިރިވަމުން އަންނަ އިރު، ރަނގަޅު ވިސްނުމެއް ގެންގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިވަރުން ހަނދާން ބަހައްޓަންޖެހޭ ކަމަކީ އެދަރިވަރުން ކުރި އަގުހުރި މަސައްކަތެވެ. އަދި އަމިއްލަ ނަފުސުގެ ޤާބިލިއްޔަތަށް ބަރޯސާވުމެވެ. މިކަމުގެ ސަބަބުން އަހަރެމެން އެގަންނަ ބިރު، ކެރުންތެރިކަމަށް ބަދަލުވެ އަހަރެމެންނަށް ފަސޭހަކަމާއެކު އިމްތިހާނު ހެދިގެން ދެއެވެ.
ބެލެނިވެރިންގެ އެއްބާރުލުމުގެ ސަބަބުން، އަމިއްލަ ނަފުސަށް ކުރާ އިތުބާރުގެ މުހިންމުކަން އެނގިގެންދެއެވެ. ހަމައެއާއެކު، އެކުވެރިންނާޢި، މުދައްރިސުންގެ އެހީތެރިކަން ހޯދުމުގެ ސަބަބުން، ހާސްވާ މިންވަރު ކުޑަވެގެން ދެއެވެ. ދަރިވަރުންގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ސަބަބުން ދަރިވަރުންނަށް އެމީހުންގެ މުހިއްމުކަން އެނގިގެން ދެއެވެ. އިމްތިހާނުގެ މިދަތުރުގައި އެއްވެސް ކުއްޖަކީ އެކަނި މި އިމްތިޙާނުގެ ދަތުރުގައި އުޅޭ ކުއްޖެއް ނޫނެވެ. އަދި އެހީ ހޯދުމަކީ ހިތްވަރު އެލުވާލާ ކަމެއް ނޫނެވެ.
ކޮންމެ އިމްތިހާނެއްގައި ހާސްވުމަކީ ވަރަށް އާންމު ކަމެކެވެ. ޚާއްސަކޮށް އެސް.އެސް.ސީ އަދި އޯލެވެލް އިމްތިހާނުތަކުގައެވެ. ފަހި ރާވާލުމާއެކު، އަމިއްލަ ނަފުސަށް ޕޮޒިޓިވް މައިންޑުސެޓެއް އެކުލަވާލުމަށް ފަސޭހަވެގެން ދެއެވެ. އެކަމުގެ ސަބަބުން ހާސްވާ މިންވަރު ކުޑަވެ، ދަރިވަރުންގެ މުސްތަޤުބަލް ފަސޭހަކަމާއެކު ބިނާކުރަން މަގުފަހިވެއެވެ.
