ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ “އެފްއޭއެމް ވިމެންސް ލީގު 2026” ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ މެޗުގައި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި މޯލްޑިވްސް ސޮކަރމޭޓްސް ބައްދަލުކުރި މެޗުން މާޒިޔާ މޮޅުވެއްޖެ އެވެ.
މިރޭ ކުޅުނު މި މެޗަކީ ދެވަނަ ބުރުގައި ދެ ޓީމު ވެސް ކުޅޭ ފުރަތަމަ މެޗެވެ. ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު މާޒިޔާއިން ކާމިޔާބުކޮށްފައިވާއިރު ސޮކަރމޭޓްސް ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ މެޗެކެވެ. ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު މާޒިޔާއިން ކާމިޔާބުކުރީ 8-0 އިން ނެވެ.
މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުން މޮޅުވުމަށް ދެ ޓީމުން ވެސް ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގެ ކުރީކޮޅު މާޒިޔާއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. ފަސްވަނަ މިނިޓްގައި މާޒިޔާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޗިނޮންޔެރެމް މަކްލިއަންސް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު، ސޮކަރމޭޓްސްގެ ޑިފެންޑަރުންގެ ފަހަތަށް ވައްޓާލި ބޯޅައެއް ހިފައިގެން އޭރިޔާތެރެއަށް ވަދެ ކީޕަރުގެ އަތްމަތިން ގޯލުގެ ދުރުކަނަށް ވައްދާލައިގެން ނެވެ.
ލަނޑު ޖަހާނެ ފުރުސަތު ސޮކަރމޭޓްސްއަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ. ދެވަނަ ހާފަށް ނުކުމެ މާޒިޔާއިން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މި ހާފުގައި މާޒިޔާއިން އިތުރު ދެ ލަނޑު ޖެހި އެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސަފިނާ ރުޝަނިޔާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޒިޔާގެ ދެވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޗިނޮންޔެރެމް މަކްލިއަންސް އެވެ. މާޒިޔާއިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ ފަހުކޮޅު އެވެ.
3-0 އިން މާޒިޔާ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ސަފިނާ ރުޝަނިޔާ އެވެ.
މި މުބާރާތުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު ނިއުރޭޑިއަންޓާއި މޯލްޑިވްސް ސޮކަރމޭޓްސް ބައްދަލުކުރާއިރު، އެރޭ ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ދަ ގްރާންޑޭ އެވެ.
