ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ “އެފްއޭއެމް ވިމެންސް ލީގު 2026” ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ކުޅުނު ދެވަނަ މެޗުން ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް ވެސް މޮޅުވެއްޖެ އެވެ.
މުބާރާތުގެ ހަތަރުވަނަ މެޗު ރޭ ކުޅެފައިވާއިރު މި މެޗުގައި ބައްދަލުކުރީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި މޯލްޑިވްސް ސޮކަރމޭޓްސް އެވެ. މިއީ މުބާރާތުގައި ދެ ޓީމު ވެސް ކުޅޭ ދެވަނަ މެޗެވެ. ނިއުރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗުން ބޮޑު ތަފާތަކުން އެ ޓީމު މޮޅުވެފައިވާއިރު، ސޮކަރމޭޓްސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބޮޑު ތަފާތަކުން ބަލިވެފަ އެވެ.
ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބިފައިވާއިރު، ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުން ފުރަތަމަ ކުރީ ނިއުރޭޑިއަންޓުން ނެވެ. މެޗުގެ 11 ވަނަ މިނިޓްގައި މަސުރާ ޕަރުވިން ކާމިޔާބުކޮށްދިން ލަނޑާއިއެކު ނިއުރޭޑިއަންޓުން މެޗުގެ ލީޑު ހޯދިއިރު، މި ލަނޑަކީ ނިއުރޭޑިއަންޓަށް ލިބުނު ކޯނަރު ގޯލު ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ކާވްކޮށްލައިގެން މަސުރާ ޖެހި ލަނޑެކެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ސޮކަރމޭޓްސްއިން، ލަނޑެއް ޖެހުމުގެ ކުރިން ނިއުރޭޑިއަންޓުން ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. 26 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސުމަޔާ މަޓްސުޝިމާ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ސަބީނާ ކާތުން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިޔާތެރެއިން ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ނިއުރޭޑިއަންޓެވެ. މި ހާފުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔަ އެވެ. ނިއުރޭޑިއަންޓުން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 60 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން މައިސާ އަބްދުލްހަންނާން އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ ސަބީނާ ކާތުން އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ނިއުރޭޑިއަންޓުން ހަ ޕޮއިންޓް ހަމަކުރިއިރު، މާޒިޔާ ވެސް ވަނީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހަމަކޮށްފަ އެވެ. ލީގުގެ އެއްވަނައިގައި މި ވަގުތު ނިއުރޭޑިއަންޓް އޮތީ ފައިދާ ލަނޑުގެ ތަފާތުން ނެވެ.
މި މުބާރާތުގެ ކުޅުން ދެން އޮންނާނީ 22 ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު ނިއުރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރާއިރު، އެރޭގެ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ އާއި މޯލްޑިވްސް ސޮކަރމޭޓްސް އެވެ.
