ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަލާމާތާއި ފުރައްސާރައަށް ފަސްޖެހުމެއްނެތި ދިވެހި އަންހެން ޓީމު ކުރިއަށް
ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން

ފުޓްބޯޅަ ނުވަތަ ފުޓްސަލް ތެރެއަށް ދިވެހި އަންހެނުން ނުކުތުމާއިއެކު އެންމެ ފުރަތަމަ ވެސް އިވެން ފެށި އަޑަކީ “ތިއީ ފިރިހެން ކުޅިވަރެއް. ތިކުޅިވަރު އަންހެންވެރިން ކުޅޭކަށް ކަމަކު ނުދާނެ.” ވާހަކައެވެ. އެހެނަސް އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ ބައެއް ކުޅުންތެރިން ހިތްވަރާއިއެކު ކުރިއަށް ދިޔައެވެ.

“ކުޅޭތަން ފެނުނީމާ ބަލަން ތިބޭ މީހުން ވަރަށް އެއްޗެތި ގޮވާނެ ގޯލް ދާގަނޑު ފުރަގަހުގައި ތިބެގެން. އަޑުއަހަން ނުކެރޭ ޒާތުގެ ހަޑިހުތުރު އެއްޗެތި ގޮވާލާނެ.” ޤައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރ ލީޒާ މީގެ އަހަރުތަކެއް ކުރިން ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައިވާ ހަމައެކަނި މިބަސްކޮޅުން ވެސް މިކަން އޮތް ހާލަތު ވަރަށް ސާފެވެ. މިއީ އެންމެ ކުޅުންތެރިއެއްގެ ކުޑަކުޑަ ބަސްކޮޅެކެވެ. އާދެ ދިވެހި ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ގަދަ ހިތްވަރާއިއެކު މަސައްކަތްކުރަމުންދިޔަ ޤައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކީޕަރުގެ ކުޑަ ތަޖުރިބާއެކެވެ.

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިފްގައި ދިވެހިރާއްޖެ ކުޅުނު ހަތަރުވަނަ މެޗުން މިއަދު ބަލިވިއިރު އެންމެ ބޮޑަށް ފާހަގަވި ކަމަކީ މެޗަކަށްވުރެ މެޗެއް ދިވެހި ޓީމުން ކުޅުން ރަނގަޅުކުރަމުން އަންނަކަމެވެ. ދުވަހަކު ވެސް އިންޑޯ ދަނޑެއްގައި ފުޓްސަލް ކުޅެފައިނުވާ ދިވެހި އަންހެން ޓީމު ފުރަތަމަ މެޗުން ވީ ބޮޑު ބައްޔާއެކު މަލާމާތާއި ފުރައްސާރަކުރުން އިތުރުވިއެވެ. ސޯޝަލް މީޑިއާ އެކަމައިގެން އުތުރިއަރައިގަތެވެ. ތެދެކެވެ. ބަލިވުމުން ފާޑުކިޔުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް ފާޑުކިޔުމަކީ މަލާމާތާއި ފުރައްސާރަ ކުރުމެއް ނޫނެވެ.

ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން

މެޗަކަށްވުރެ މެޗެއް ދިވެހި ޓީމު އައީ ބައިކޮޅަށް ވަންނަ ލަނޑު މަދުކުރަމުންނެވެ. ފުރަތަމަ މެޗްގައި 1-11 އިން ބަލިވިއިރު، ދެވަނަ މެޗުގައި ދިވެހި ޓީމު ބަލިވީ 5-1 އިންނެވެ. ކުރީ 2 މެޗަށްވުރެ ރަނގަޅު ކުޅުމެއް ތިންވަނަ މެޗްގައި ރާއްޖެ ދެއްކިއެވެ. އެ މެޗުން ދިވެހިރާއްޖެ ބަލިވީ 3-1 އިންނެވެ. އެ މެޗްގައި ދިވެހި ޓީމު ވަނީ ފަހަތުން އަރައި 1-1 އިން އެއްވަރު ވެސް ކޮށްފައެވެ.

މިއަދު ހަވީރު ބޫޓާނާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗުން ދިވެހިރާއްޖެ ބަލިވީ 4-2 އިންނެވެ. މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ބޫޓާނުން ޖެހީ 6 ވަނަ މިނިޓްގައެވެ. އޭގެފަހުން ދިވެހިރާއްޖެއިން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފައެވެ. މިލަނޑު ޖަހައިދިނީ 9 ވަނަ މިނިޓްގައި ރާނިޔާ އިބްރާހިމްއެވެ. ދެވަނަ ފަހަރަށް ބޫޓާނުން ލީޑު ނެގީ 14 ވަނަ މިނިޓްގައެވެ. ބޫޓާންގެ 3 ވަނަ ލަނޑު ދެވަނަ ހާފުގެ 8 ވަނަ މިނިޓްގައި ޖެހިއިރު، އެ ޓީމުގެ 4 ވަނަ ލަނޑު ޖެހީ 14 ވަނަ މިނިޓްގައެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ދިވެހިރާއްޖެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 19 ވަނަ މިނިޓްގައި ކެޕްޓަން ފާތިމަތު ޝާލިޔާއެވެ.

ދިވެހިރާއްޖެ ކުޅޭ ފަސްވަނަ މެޗް އޮންނާނީ 23 ވަނަ ދުވަހުއެވެ. އެ މެޗްގައި ވާދަކުރާނީ ސްރީލަންކާއާއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top