އިންސާނާގެ ދިރިއުޅުމަކީ ތަފާތު އިހުސާސްތަކާއި ތަޖުރިބާތަކުން ފުރިގެންވާ ދަތުރެކެވެ. އޮފީސް މާހައުލުގައްޔާއި، މަގުމަތީގައްޔާއި، އަދި ގެއިން ބޭރުގައި އުޅޭއިރު ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. ނަމަވެސް، މިއަދުގެ މުޖުތަމައުން ފެންނަ ވަރަށް ހިތާމަވެރި އެއް ކަމަކީ، ބޭރުގެ މާހައުލުން ލިބޭ ހިތްހަމަނުޖެހުންތަކާއި ފިއްތުންތަކުގެ ރުޅި، އެކަމާ އެއްވެސް ގުޅުމެއް ނެތް މީހުންނަށް ބޭލުމެވެ. މިއީ އާއިލީ ގުޅުންތަކާއި އިޖުތިމާއީ އަދަބުތަކަށް އޭގެ ސަބަބުން ނޭދެވޭ އެތަކެއް އަސަރެއް ކުރާ ކަމެކެވެ.
ގިނަ ފަހަރަށް މިފަދަ ހާލަތްތައް ދިމާވަނީ ކަމުގެ ހަގީގަތް ބެލުމެއް ނެތި، އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ކޮންޓްރޯލް ގެއްލުމުންނެވެ. އޮފީހުގައި ދިމާވާ މައްސަލައެއްގެ ސަބަބުން ނުވަތަ މަގުމަތީގައި ދިމާވާ ކަމެއްގެ ސަބަބުން މީހާ ހުންނަނީ ނަފްސާނީ ގޮތުން ބަލިކަށިވެފައެވެ. މި ހާލަތުގައި ގެއަށް ވަދެވުމާއެކު، އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިން ކުރާ ކުޑަކުޑަ ކަމަކުން ވެސް ކެތްތެރިކަން ކޮޅުންލައި، ބޭރުގައި ހުރި ހުރިހާ ރުޅިއެއް އެމީހުންގެ ބޮލަށް އޮއްސާލެވެއެވެ. މިއީ އެއްވެސް އިންސާފެއް ނެތް، އަދި އަނެކާގެ އިހުސާސްތަކަށް ބެލުމެއްނެތި ކުރެވޭ ވަރަށް ދެރަކަމެކެވެ. އެކި މީހުންގެ ނަފުސާނީ ދުޅަހެޔޮކަން ހުންނާނީ އެކި މިންވަރަށެވެ. ތިމާ އަންނަ ރުޅީގައި އަނެކާއަށް ބުނެވޭ ބަހަކުން އަނެކާގެ ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑު ބަދަލެއް އައިސް ދާއިމީ ބައްޔެއްގެ ގޮތުގައި އެކަން ތަހައްމަލުކުރާ ފަހަރުވެސް އާދެ އެވެ.
އިސްލާމީ ނަޒަރަކުން ބަލާއިރު، ރުޅި ކޮންޓްރޯލްކުރުމަކީ އީމާންކަމުގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ގަދަފަދަ މީހަކީ، މީހަކާ ހިފައިގަނެގެން ގަދަވާ މީހާއެއް ނޫނެވެ. ނަމަވެސް، ވަރުގަދަ މީހަކީ ރުޅި އަންނަ ހިނދު އެ ރުޅީގެ މައްޗަށް ގަދަވެގަންނަ މީހާއެވެ.”
އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ކެތްތެރިކަން އިސްކުރުމަށެވެ. ރުޅި އަންނަ ހިނދު މާތް الله ހަނދުމަކުރުމަށާއި، ކޮޅަށް ހުރި ނަމަ އިށީނުމަށް، އަދި އިށީނދެ ހުރި ނަމަ އޮށޯތުމަށް އިރުޝާދު ދެއްވާފައިވަނީ އެ ރުޅީގެ ސަބަބުން ކުރެވިދާނެ ނޭދެވޭ ކަންކަމުން ސަލާމަތްވުމަށެވެ. މިގޮތުން ރުޅި އަންނަ ހިނދު އިށީނުމަށާއި، ވުޟޫ ކުރުމަށާއި، “أعوذ بالله من الشيطان الرجيم” ކިޔުމަށް ދީނުގައި އިރުޝާދު ދީފައިވަނީ މިފަދަ ނުބައި އަމަލުތަކުން ސަލާމަތްވުމަށެވެ.
އޮފީސް މާހައުލުގައި ދިމާވާ ކަންކަން އޮފީހަށް ދޫކޮށްލުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ. ގެއަށް ވަންނައިރު ހިނިތުންވުމާއެކު ވަނުމަކީ އިސްލާމީ ރީތި އަދަބެކެވެ. ކަމުގެ ހަގީގަތް ނޭނގި، އަނެކާގެ މައްޗަށް ބާރު ފޯރުވައި ހަޅޭއްލެވުމަކީ އޭގެ ސަބަބުން ދާއިމީ ހިތްހަމަނުޖެހުން އުފެދޭނެ ކަމެކެވެ. މީހަކާ ދިމާލަށް ބަހެއް ބުނުމުގެ ކުރިން ނުވަތަ އަމަލެއް ހިންގުމުގެ ކުރިން، އެކަމުގެ ސަބަބުން އަނެކާގެ ހިތަށް ކުރާނެ އަސަރާމެދު ވިސްނާލަންޖެހެއެވެ.
ރުޅިއަކީ ޝައިތާނާގެ ފަރާތުން އަންނަ އެއްޗެކެވެ. ބޭރުތެރޭގެ މައްސަލަތައް އާއިލީ މަސްލަހަތުގެ ތެރެއަށް ވެއްދުމަކީ ބުއްދިވެރިންގެ އަމަލެއް ނޫނެވެ. ކޮންމެ މީހަކީ ވެސް އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން ދަންނަ، ކެތްތެރިކަން އިސްކުރާ މީހަކަށް ވާންޖެހެއެވެ. އޭރުން މުޖުތަމައުގައި އަމާންކަން ގާއިމުވެ، އާއިލީ ގުޅުންތައް ބަދަހިވެގެންދާނެއެވެ.
