ހަންފޮޅުމަކީ އެއްވެސް އިންޒާރަކާ ނުލައި ދިމާވާ އަދި ވަރަށް ބޮޑަށް އުނދަގޫވާ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ބޮލުގެ ހަންގަނޑުގެ މައިކްރޯބަޔޯމް ނުވަތަ ޕީއެޗަށް ކުޑަ ބަދަލެއް އައި ނަމަވެސް ހަން ފޮޅުމާއި ކެހުމާއި ހިރުވުން ފަދަ ކަންކަން މެދުވެރިވެއެވެ. ބޭސްވެރިކަމުގެ ޝޭމްޕޫތަކަކީ ނަތީޖާ ފެންނަ އެއްޗިއްސަށް ވިޔަސް ބައެއް ގުދުރަތީ ބާވަތްތަކަކީ ފަންގަސްއާ ދެކޮޅަށް މަސައްކަތްކުރާ އަދި ހަންގަނޑަށް ފަރުވާދޭ ބާރުތައް އެކުލެވިގެންވާ އެއްޗިއްސެވެ. ތިރީގައި މިވަނީ ހަންފޮޅުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް ދިރާސާތަކުން ދައްކާ ހަތަރު ފަރުވާއެކެވެ:
1. ކާށިތެޔޮ
އިންޑިއާގެ އަންހެނުންގެ މެދުގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި ގަވާއިދުން ކާށިތެޔޮ ބޭނުންކުރުމަކީ ބޮލުގެ ހަންގަނޑުގައި ހުންނަ ކުދި ދިރުންތަކަށް ހެޔޮ ބަދަލެއް ގެނުވައި ހަންފޮޅުން ކުޑަކޮށްދޭ ކަމެކެވެ.
ބޭނުންކުރާނެ ގޮތް:
– އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް “ވާޖިން” ނުވަތަ “ކޯލްޑް-ޕްރެސްޑް” ކާށިތެޔޮ ބޭނުންކުރާށެވެ.
– ކުޑަ މިންވަރެއް ބޮލުގެ ހަންގަނޑުގައި ހާކައި މަޑުމަޑުން މަސާޖުކުރާށެވެ.
– 20-30 މިނެޓު ވަންދެން ބެހެއްޓުމަށްފަހު މައިލްޑް ޝޭމްޕޫއަކުން ރަނގަޅަށް ދޮވެލާށެވެ.
– ހަފުތާއަކު 1 ނުވަތަ 2 ފަހަރު ބޭނުންކުރާށެވެ. މާ ގިނައިން ބޭނުންކުރުމުން ބޯ މާ ތެޔޮވެ ހަންފޮޅުން އިތުރުވެދާނެއެވެ.

2. އެލޯވެރާ
ދިރާސާތަކުން ދައްކާގޮތުގައި އެލޯވެރާ އެކުލެވޭ ބާވަތްތަކަކީ ފަންގަސްގެ ސަބަބުން ދިމާވާ ހަންފޮޅުން ކޮންޓްރޯލްކުރުމުގެ ބާރު ހުރި އެއްޗެކެވެ.
ބޭނުންކުރާނެ ގޮތް:
– ތާޒާ އެލޯވެރާ ފަތަކުން ޖެލް ނަގައިގެން ބޭނުންކުރާށެވެ.
– ބޮލުގެ ހަންގަނޑުގައި ތުނިކޮށް ހާކާށެވެ.
– 20-30 މިނެޓު ބެހެއްޓުމަށްފަހު ދޮވެލާށެވެ.
– ރަނގަޅު ނަތީޖާއެއް ހޯދުމަށް ހަފުތާއަކު 2 ނުވަތަ 3 ފަހަރު ބޭނުންކުރާށެވެ.
3. ޓީ ޓްރީ އޮއިލް
މިއީ އޮސްޓްރޭލިއާގެ ގަހަކުން ނަގާ ގުދުރަތީ ތެލެކެވެ. ދިރާސާތަކުން ދައްކާގޮތުގައި 5 އިންސައްތަ ޓީ ޓްރީ އޮއިލް ހިމެނޭ ޝޭމްޕޫ ބޭނުންކުރުމުން ހަންފޮޅުން 41 އިންސައްތަ ކުޑަވެ ކެހުމާއި ތެޔޮކަން ކުޑަކޮށްދެއެވެ.
ބޭނުންކުރާނެ ގޮތް:
– މިއީ ވަރަށް ބާރުގަދަ ތެލަކަށްވާތީ ސީދާ ބޮލުގައި ނުހާކާށެވެ. އޭގެ ބަދަލުގައި ޝޭމްޕޫއާ އެއްކޮށްލާށެވެ.
– 100 މިލިލީޓަރުގެ ޝޭމްޕޫ ފުޅިއަކަށް 5-10 ތިކި ތެޔޮ އަޅާށެވެ.
– ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ގަށާލާށެވެ.
– ބޮލުގައި 1-2 މިނެޓު މަސާޖުކުރުމަށްފަހު ދޮވެލާށެވެ.
4. ނީމް (ހިތިފަތް)
ހިތިފަތުގެ ޕޭސްޓަކީ ހަންފޮޅުން ކުޑަކުރުމަށް ވަރަށް ކާމިޔާބު ފަރުވާއެކެވެ. ގިނަ ބަޔަކަށް މި ފަރުވާގެ ސަބަބުން ހަންފޮޅުން ވަރަށް ބޮޑަށް ކުޑަވެފައިވެއެވެ.
ބޭނުންކުރާނެ ގޮތް:
– ވަރަށް ހިމުންކޮށް ހިތިފަތް މުގުރައިގެން ފެނަށް ނުވަތަ އެލޯވެރާ ޖެލްއާ އެއްކޮށްގެން އޮމާން ޕޭސްޓެއް ހަދާށެވެ.
– ސީދާ ބޮލުގެ ހަންގަނޑުގައި ހާކާށެވެ.
– 15-20 މިނެޓު ވަންދެން ބަހައްޓާށެވެ.
– އެއަށްފަހު ރަނގަޅަށް ދޮވެލާށެވެ.
އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމަށް މި ފަރުވާތަކާއެކު ބޯ ސާފުކޮށް ބެހެއްޓުމާއި ގަވާއިދުން ޝޭމްޕޫ ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. މި ފަރުވާތަކުންވެސް ރަނގަޅު ނުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އިރުޝާދުދެމެވެ.
ސަމާލުކަމަށް: މިއީ ހަމައެކަނި މައުލޫމާތު ފޯރުކޮށްދިނުމަށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމަކީ ސިއްހީ މާހިރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ.
