ކޮންމެ އަހަރެކޭވެސް އެއްގޮތަށް އަހަރުގެ ފަހުކޮޅަކީވެސް ބޮލީވުޑްގެ އައިކޮނިކް ސުޕަރސްޓާ ޝާހްރުކްޚާން ބޮޑު ސްކްރީނަށް އެނބުރި އަންނަ ދުވަސްވަރެކެވެ. ހަމައެގޮތަށް މިއަހަރުގެ ފަހުކޮޅުވެސް ވެގެންދާނީ ޝާހް ރުކް ޚާންގެ ފިލްމެއް ބެލުންތެރިންނަށް ފެނިގެންދާނެ ދުވަސްކޮޅަކަށެވެ.
ޝާހް ރުކް ޚާން ލީޑުރޯލުން ފެނިގެންދާ “ކިންގް” ނެރެން ހަމަޖެހިފައިވަނީ 24 ޑިސެންބަރ 2026ގައެވެ. މިއަހަރު ފަހުކޮޅުގައި ނެރެން ހަމަޖެހިފައިވާ މިފިލްމު ވެގެންދާނީ ފުރިހަމަ ޖޯޝާއެކު 2026 ނިންމާލައި 2027 އަށް މަރުހަބާ ކިޔާ ފިލްމެއްގެ ގޮތުގައެވެ. މިކަން އަންގާ އިއުލާން ކޮށްފައިވަނީ ޑައިރެކްޓަރ ސިދާތު އާނަންދު އާއި ޝާހް ރުކް ޚާން ފެނިގެންދިޔަ ފިލްމު ޕަތާންގެ 3 ވަނަ އަހަރީދުވަސް ފާހަގަ ކުރުމުގެ ގޮތުން މީސްމީޑިއާގައި އާންމުކޮށްފައިވާ ޓްރެއިލާ އިންނެވެ. ހަމައެގޮތަށް ޝާހް ރުކް ޚާން ވެސް ވަނީ 24 ޖަނަވަރީ 2026ގައި އޭނާގެ އިންސްޓާގްރާމްގައި މިފިލްމުގެ ޓްރެއިލާ ޕޯސްޓްކޮށްފައެވެ.
ފިލްމުނެރޭ ތާރީޚާއެކު، ފިލްމުގެ މޭކާސް ވަނީ، ޝާހް ރުކް ޚާންގެ “ކިންގް”ގައި އޭނާގެ ކެރެކްޓަރުން ފެނިގެންދާނެ ކަންތައްތައް ފުންކޮށް ވިޝުއަލައިޒްކުރުމަށް ބެލުންތެރިންނަށް ހުށައަޅާފައެވެ. ފިލްމުގެ ބަސްމަގާއި ޚިޔާލީ ދުނިޔޭގެ ވިޝުއަލްތަކުން ވަނީ ބެލުންތެރިން އިތުރަށް ޝައުގުވެރިކުރުވާފައެވެ. އެހެންކަމުން ބެލުންތެރިން ތިބީ 24 ޑިސެންބަރަށް އިންތިޒާރުގައިކަން ފާހަގަކޮށްލެވެއެވެ.
ޓީޒަރއިން ފުރަތަމަ ފެނިގެންދާގޮތުގައި ސުނޯ ފަރުބަދައިގެ ކޮޅުގައި ހުއްޓިގެން ހުރެ ވީހާވެސް ބާރަށް ހަޅޭއްލަވައިގަންނަ މަންޒަރު ފެނިގެންދެއެވެ. އަދި އޭނާގެ ހުދުގަމީހުގައި ލޭތިކި ހުރި މަންޒަރުވެސް ފެނިގެންދެއެވެ. އެމަންޒަރަށްފަހު ދެން ދައްކުވައިދެނީ ބިއްލޫރި ސީލިންގ ތަޅާލާ މަންޒަރެވެ.
24 ޖަނަވަރީ 2026ގައި، ޝާހް ރުކް ޚާންގެ އިންސްޓާގްރާމްގައި ވަނީ މިފިލްމުގެ ޓްރެއިލާ ޕޯސްޓްކޮށްފައެވެ. އެޕޯސްޓުގެ ކެޕްޝަންގައިވަނީ “#ކިންގް އިޒް ރެޑީ ޓު ރޯއަރ” ” #އިޓްސްކިންގްޓައިމް” #ކިންގްޑޭޓްއެނައުންސްމެންޓް” ފަދަ ލިޔުންތައް ބޭނުންކޮށްފައެވެ. އެޕޯސްޓުގެ ކޮމެންޓުތަކަށް ބަލާލިއަސް ފޭނުން ތިބީ މިފިލްމަށް އިންތިޒާރުގައިކަންވެސް އެނގިގެންދެއެވެ.
ކިންގް ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިދިޔައަހަރުގެ ނޮވެންބަރު މަހުގެ ދެވަނަ ދުވަހު ޝާހް ރުކް ޚާންގެ އުފަންދުވަހާއި ދިމާކޮށެވެ.
ރެޑް ޗިލީސް އެންޓަރޓެއިންމެންޓް އާއި މާފްލިކްސް ޕިކްޗާސް އާއި ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ޝާހް ރުކް ޚާންގެ މިފިލްމުގައި އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާންވެސް ފެނިގެންދާނެއެވެ. މިއީ އެދެބަފައިންގެ ފުރަތަމަ އެކުގައި ކުޅޭ ފިލްމެވެ. ހަމައެގޮތަށް މިފިލްމުގެ މިއުޒިކް ކޮންޕޯސަރެއްގެ ގޮތުގައި އަނިރުދް ރަވީޗަންދަރު ފެނިގެންދާއިރު، މިފިލްމުގެ އެކްޝަން އަދި ޖަޒުބާތީ ބީޓްތަކެއް އަޑުއިވިގެންދާނެކަމަށް ލަފާ ކުރެވެއެވެ.
ކިންގް އިން އެސް.އާރ.ކޭ ފެނިގެންދާނީ އަނދިރީގެ އެތެރެކަމުގެ ތެރޭގައި މައިގަނޑު ބައެއްގެ ގޮތުގައެވެ. ހަމައެގޮތަށް ސުހާނާ ފެނިގެންދަނީ ނުރައްކާތެރި މިޝަންތަކަށް ދަސްކުރާ ޕްރޮޓެޖީއެއްގެ ގޮތުގައެވެ. ހަމައެގޮތަށް ރާނީ މުކަރްޖީ، ދިޕިކާ ޕަޑްކޯން، އަބީޝެކް ބައްޗަން، އަނިލް ކަޕޫރުގެ އިތުރުން ގިނަ ކާސްޓުންތަކެއް ފެނިގެންދާނެއެވެ.
