ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ދިވެހި ޕްރިމިއާ ލީގް 2025-2026 ގެ 16 ވަނަ ހަފްތާގެ ކުޅުން ރޭ ނިމިއްޖެއެވެ. މި ހަފްތާގެ ކުޅުން ރޭ ނިމުނުއިރު ޓީމުތަކުން ހޯދާފައިވާ ނަތީޖާތަކާއި ޕޮއިންޓް ޓޭބަލަށް ބަލައިލާނަމެވެ.
ފުރަތަމަ މެޗު: އީގަލްސް ކައިރިން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
ފުރަތަމަ މެޗުގައި ބައްދަލުކުރީ ނިއުރޭޑިއަންޓާއި އީގަލްސްއެވެ. މާބޮޑު ވާދަވެރިކަމެއްނެތް މިމެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް ނިއުރޭޑިއަންޓު ވަނީ ދެވަނައަށް އެރުމަށް ކުރަމުންދާ ވާދައަށް އިތުރު ކުރިއެރުމެއް ހޯދާފައެވެ. 22 ޖަނަވަރީ 2026 ވަނަ ދުވަހު ހަވީރު އީގަލްސް އާއި ނިއުރޭޑިއަންޓް ވާދަކުރި މެޗް ނިއުރޭޑިއަންޓް ކާމިޔާބުކުރީ 8-4 އިންނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ނިއުރޭޑިއަންޓުން ލަނޑެއް ޖެހިނަމަވެސް އެ ލީޑު މާގިނައިރު ހިފެހެއްޓޭގޮތެއް ނުވިއެވެ. ހަ މިނިޓް ފަހުން އީގަލްސްއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ފަހަރަށް ނިއުރޭޑިއަންޓަށް ލީޑު ނަގައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޔާޔާ ބިލިޓީއެވެ. 34 ވަނަ މިނިޓްގައި އަލީ ފާސިރު (ސެންޓޭ) ޖަހައިދިން ލަނޑުން ނިއުރޭޑިއަންޓުން ފަރަގު ބޮޑުކުރިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލްހާޖީ ގެރޯ ވަނީ ނިއުރޭޑިއަންޓްގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އީގަލްސްއިން ޖެހި ދެވަނަ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-4 އިން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގައި ނިއުރޭޑިއަންޓްގެ ލަނޑުތައް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޢަލީ އަޝްފާގު (ދަގަނޑޭ) ދެ ލަނޑު، ޑަސިލްވަރ އެއް ލަނޑު، ސެންޓޭ އެއް ލަނޑެވެ. އީގަލްސްގެ ދެ ލަނޑު ޖެހީ އިބްރާހިމް މަހުދީ އާއި އަލީ ހާފިޒުއެވެ.
ދެވަނަ މެޗު: ބުރު ކައިރިން މޮޅު ނުވެވުމުން މާޒިޔާ އަނެއްކާ ވެސް އިންތިޒާރުގައި
ދެވަނަ މެޗުގައި ބައްދަލުކުރީ މާޒިޔާ ސްޕޯރޓްސް އާއި ބުރު ސްޕޯރޓްސްއެވެ. މި މެޗުން މޮޅުވެ ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން މާޒިޔާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މާޒިޔާ އާއި ބުރު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުން، މާޒިޔާއިން ކުރަމުންދާ އިންތިޒާރު އަނެއްކާ ވެސް މިވަނީ ދިގުލައިގެން ގޮސްފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ މާޒިޔާއިންނެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނިޓްގައި އޮބެންގް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި މާޒިޔާއަށް މި ގޯލް ޖަހައިދިނީ ނާއިޒް ހަސަން (ދާދު) އެވެ. މާޒިޔާއަށް ދޫ ދިނުމެއްނެތި ކުޅެމުންދިޔަ ބުރުން މި މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ 35 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހޮޖްސަން ޑިއާޒްއެވެ.
ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ކުޅެމުންދިޔަ މާޒިޔާއިން ވަނީ ފަހު ހާފުގެ ފަހުކޮޅު ވަރަށް ބޮޑަށް ކުރިއަށް ޖެހި އިތުރު ލަނޑެއް ޖަހަން މަސައްކަތް ކޮށްފައެވެ.

ފޮޓޯ: މާޒިޔާ އެފްބީ
ތިންވަނަ މެޗު: ޔުނައިޓެޑް ވިކްޓްރީ ކައިރިން ގްރީންއަށް މުހިންމު ތިން ޕޮއިންޓް
ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދާ ޔުނައިޓެޑް ވިކްޓްރީ އާއި ގްރީން ސްޓްރީޓްސް ވާދަކުރީ މިހަފްތާގެ ތިންވަނަ މެޗުގައެވެ. 8 ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި 10 ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ މި މެޗަށް ނުކުތްއިރު ކޮންމެ ޓީމެއް ވެސް އޮތީ މޮޅަކާއިނުލާ ސަލާމަތް ނުވެވޭ ހިސާބުގައެވެ. ލީގު އުސޫލު ކަނޑައަޅާފައިވާގޮތުން ލީގުގެ 9 ވަނަ ޓީމާއި 10 ވަނަ ޓީމު ދާނީ ދެވަނަ ޑިވިޝަނަށެވެ. 7 ވަނަ ޓީމާއި 8 ވަނަ ޓީމު ޖެހެނީ ރެލިގޭޝަންގެ ޕްލޭއޮފް ކުޅޭށެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ގްރީން ސްޓްރީޓްސް ކާމިޔާބުކުރީ 1-0 އިންނެވެ. މި މެޗުގައި ޖެހި ހަމައެކަނި ގޯލް ޖެހީ ފުރަތަމަ ހާފުގެ 22 ވަނަ މިނިޓްގައި އަންސަރު އިބްރާހީމް (އޮންކޮ) އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރީން ސްޓްރީޓްސް ވަނީ 11 ޕޮއިންޓް ހަމަކޮށްފައެވެ.
ހަތަރުވަނަ މެޗު: ވިކްޓްރީ ކައިރިން އޮޑިއަށް ފަސޭހަ މޮޅެއް
ދެވަނަ ބުރު ވަރުގަދަކޮށް ފެށި ވިކްޓްރީން ހިފެހެއްޓި ފޯމް ގެއްލި، ހިންދެމިނުލެވި އުޅެނިކޮށް އަނެއްކާ ވެސް ބަލިވެއްޖެއެވެ. އޮޑިއާ ދެކޮޅަށް ނުކުތްއިރު ފަސްވަނައަށް އެރުމުގެ ފުރުސަތު ވިކްޓްރީއަށް އޮތް ނަމަވެސް، ވިކްޓްރީއަށް މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. ތަފާތު މޮޅު ކުޅުމެއް ދެއްކި ފޯވާރޑް ލެޗްނީއަށް ބޯޅަތައް ސަޕްލައިކޮށްދިނުމުގައި ކާމިޔާބެއް ނުހޯދުނެވެ. ދެވަނަ މަގާމުގައި ހަމަޖެހިލުމަށް ތިން ޕޮއިންޓް މުހިންމުވެފައިވާ އޮޑިން މި މެޗު ކާމިޔާބުކުރީ 3-0 އިންނެވެ.
މި މެޗްގައި ޖެހި 3 ލަނޑު ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. އޮޑީގެ ފުރަތަމަ ލަނޑު 12 ވަނަ މިނިޓްގައި ކިއާނޫ މާސް ބުރައުން ބޮލުން ޖެހިއިރު، ދެވަނަ ލަނޑު 18 ވަނަ މިނިޓްގައި ޖަހައިދިނީ ޢަބްދުﷲ ލޫތު އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އޮޑީގެ ތިންވަނަ ލަނޑު ޖަހައިދިނީ މުޒްދާން ހަސަންއެވެ.
ފަސްވަނަ މެޗު: އިތުރު ވަގުތު ނިމެނިކޮށް ޖެހި ލަނޑުން ޓީސީއަށް މުހިންމު ތިން ޕޮއިންޓް
16 ވަނަ ހަފްތާގެ ފަހު މެޗްގައި ބައްދަލުކުރީ ލީގުގެ 7 ވަނައިގައިވާ ޓީސީ އާއި 9 ވަނައިގައިވާ ކުލަބް ވެލެންސިޔާއެވެ. ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދާ މި ދެޓީމުގެ ކުރިމަތިލުން ޓީސީން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ވެސް ފަހުކޮޅު ޓީސީއަށް މި މުހިންމު ލަނޑު ޖަހައިދިނީ ޕްރިންސްއެވެ. ޓީސީއަށް ލިބުނު ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ ސާފުކޮށްލަން މަސައްކަތްކުރި ވެލެންސިޔާގެ ޑިފެންޑަރުން ތެރެއިން ޕްރިންސަށް ލިބުނު ބޯޅަ އޭނާ ވަނީ އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ޓީސީ ވަނީ 16 މެޗުން 15 ޕޮއިންޓް ހަމަކޮށް ހަތްވަނައިގަ ހަމަޖެހިލާފައެވެ.
16 ވަނަ ހަފްތާގެ ކުޅުން ނިމުނުއިރު ގަދަ ހައެއްގައި ހިމެނޭ ޓީމުތަކަށް ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލައިލާއިރު، އެއްވަނައިގައި އޮތް މާޒިޔާއަށް 44 ޕޮއިންޓް، ދެވަނައިގައި އޮތް އޮޑި ސްޕޯރޓްސްއަށް 38 ޕޮއިންޓް، ތިންވަނައިގައި އޮތް ނިއުރޭޑިއަންޓަށް 33 ޕޮއިންޓް، ހަތަރުވަނައިގައި އޮތް ބުރަށް 28 ޕޮއިންޓް، ފަސްވަނައިގައި އޮތް އީގަލްސްއަށް 22 ޕޮއިންޓް އަދި ހަވަނައިގައި އޮތް ވިކްޓްރީއަށް 21 ޕޮއިންޓް ލިބިފައިވެއެވެ.
