ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ބަނގުލަދޭޝް އިން ހޯދައިފިއެވެ.
މިއަދު ދިވެހިރާއްޖެ ބަލިކޮށް ހޯދި 3 ޕޮއިންޓާއެކު ބަނގުލަދޭޝް ހޯދި ޕޮއިންޓްގެ އަދަދު ވަނީ 16 އަށް އަރާފައެވެ. ބަނގުލަދޭޝްއާ އެންމެ ގާތުން ވާދަކުރާ ބޫޓާނަށް ބާކީ އެއް މެޗު އޮތްނަމަވެސް 16 ޕޮއިންޓް ހަމަކުރުމުގެ ފުރުސަތެއް ނެތެވެ.

ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން
ދިވެހިރާއްޖެއާ ބަނގުލަދޭޝް ބައްދަލުކުރި މެޗު ބަނގުލަދޭޝް ކާމިޔާބުކުރީ ފަސޭހަކަމާއެކު 14-2 އިންނެވެ. މި މެޗަކީ މި މުބާރާތުގައި ދިވެހިރާއްޖެ ކޮޅަށް އެންމެ ގިނަ ގޯލު ވަތް މެޗެވެ. މި މެޗުގެ 4 ވަނަ މިނިޓްގައި ދިވެހިރާއްޖެެއިން ނެގި ލީޑު މާގިނައިރު ހިފަހައްޓައެއް ނުލެވުނެވެ. ފަހަތުން އަރައި އެއްވަރުކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަނގުލަދޭޝްއިން ވަނީ 6 ގޯލު ޖަހާފައެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ބަނގުލަދޭޝް ކުޅުންތެރިން ހުއްޓުވުމުގައި ދިވެހިރާއްޖެއަށް ނާކާމިޔާބުވަމުން ދިޔަތަނެވެ. ފަހު ހާފުގައި ބަނގުލަދޭޝް އިތުރު 8 ގޯލު ޖެހިއިރު، ދިވެހިރާއްޖެއިން ވެސް ގޯލެއް ޖެހިއެވެ.
