ތުއްތުކުދިންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަކުރުމަކީ މުޖުތަމަޢުގައި ހަރުލާފައިވާ ނުބައި އާދައެއްކަމަށް އަޅުގަނޑުމެން އެންމެންވެސް އެއްބަސްވަމު އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުން އެކުދިން ރައްކާތެރި ކުރުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ޖިންސީ ގޯނާކުރުމަކީ ކޮބައިކަން އެކުދިންނަށް ބުނެދިނުމެވެ. އެކުދިންގެ ހަށިގަނޑުގައި ދުރުހިލޭ މީހުންނާއި އަދި ގާތް މީހުންވިޔަސް އަތްލައިގެން ނުވާނެ ތަންތަނާއި ގޮތްތައް ހުންނަކަން އެކުދިންނަށް ބުނެދިނުމެވެ. ނަމަވެސް މިކަންކަން އެކުދިންނަށް ބުނެދިނުމަކީ ބެލެނިވެރިންނަށް ވެސް ފަސޭހަ ކަމެއް ނޫނެވެ.

އަޅުގަނޑުމެން މައިންބަފައިން، ދަރިންނަށް ކިޔައިދޭން ޖެހޭ މުހިންމު ބައެއް ވާހަކަތައް ކިޔައިދިނުމަށް ފަސްޖެހެވެއެވެ. ޚާއްޞަކޮށް ކުދިންގެ ހަށިގަނޑުގެ ޖިންސީ ގުނަންތަކުގައި އެކަށީގެން ނުވާގޮތަށް އަތްލުމާއި ބީހުމަކީ ކޮބައިކަން ބުނެދީ، އެފަދަ ކަންކަމުން ކުދިން ރައްކާތެރިވުމަށް ކުރާނެ ކަންތައްތައް ކިޔައިދިނުމަށް ފަސްޖެހެވެއެވެ. ނަމަވެސް ބޮލީވުޑް ގެ މަޝްހޫރު ފިލްމީ ތަރި އާމިރުޚާން މިވަނީ ކުޑަކުދިންގެ ހަށިގަނޑުގައި އަތްލައިގެން ނުވާނެ 3 ތަނެއް ހުންނަކަމާއި އެތަންތަނަކީ ކޮބައިކަމާއި އެފަދަ ތަނެއްގައި އަތްލައިފި ނަމަ ކަންކުރަންވީ ގޮތް ވަރަށް މޮޅަށް، ވަރަށް ޝައުޤުވެރިވާނެ ގޮތަކަށް ކުޑަކުދިން ތަކަކަށް ބޮޑު އޯޑިއަންސެއްވެސް ހިމެނޭ ޕްލެޓްފޯމެއްގައި، ޓީވީ ޝޯއެއްގައި ކިޔައިދީފައެވެ.

ތުއްތުކުދިންނާއި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތް ކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުން އަންނަ އާމިރުޚާން ގެ މިވީޑިއޯ މީސްމީޑިޔާގައި ވައިރަލް ވެފައިވާއިރު، މިއީ ހަމަ ކޮންމެ ބެލެނިވެރިޔަކުވެސް ބަލައިލަން ވަރަށް މުހިންމު ވީޑިއޯ އެކެވެ. އަދި ހަމަ އެހެންމެ އަޅުގަނޑުމެން ބެލެނިވެރިންގެ ހާޒިރުގައި ތުއްތުކުދިންނާއި ކުޑަކުދިންނަށް ވެސް ދައްކައިލަން ރަނގަޅު ވީޑިއޯ އެކެވެ. އަދި މިއީ ސްކޫލްތަކުގައިވެސް ކުދިންނަށް ކިޔަދިނުން މުހިންމު ވާހަކަތަކެއް އެކުލެވޭ ވީޑިއޯ އެކެވެ.

ނުރައްކާތެރި 3 ސަރަހައްދެއް ކުދިންގެ ގައިގައި ހުންނަކަމަށާއި އެއިން ސަރަހައްދެއްގައި ދުރުހިލޭ މީހެއް އަދި ހިލޭ މީހެއްވިޔަސް، ގޯސް ގޮތެއްގައި އަތްލައިފި ނަމަ ކަން ކުރަން ވީ 03 ގޮތް ވެސް ސްޓާޕްލަސް އިން ދައްކާ ‘ސަތުޔަމޭޭވް ޖަޔަތޭ’ ޝޯ ގައި އާމިރުޚާން ކިޔައިދެއެވެ. މި ޝޯ އަކީ 2012 ގައި ޓެލެކާސްޓް ކޮށްފައިވާ ޝޯ އެއް ނަމަވެސް މިދިޔަ އަހަރު ޕާސްކިސްތާނުގެ ތުއްތު ކުއްޖެއް ކަމަށްވާ ޒައިނަބަށް ދިމާވި ހާދިސާއަށް ފަހުން، މި ވީޑިއޯ އާއްމުކުރުން އިތުރުވެގެން ގޮސްވައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.