ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މުސާރަ ލިބޭއިރަށް ދަޅު ކޮބާހޭ ނާހަބަލަ!

ދިވެހިންގެ ތެރޭގައި މިހާރު “ދަޅުބުއިން” ނުވަތަ ރައްޓެހިންނަށް ސައިބޯން ދިނުން މިވަނީ ވަރަށް އާއްމު ކަމަކަށްވެފައެވެ. ވަޒީފާއެއް ލިބުނަސް، މުސާރަ ލިބުނަސް، މީހަކާ އިންނަން ރަން ކިޔަސް ނުވަތަ ދަރިޔަކު ލިބުނަސް “ދަޅު ކޮބާހޭ” އަހާލުމަކީ ސަމާސާގެ ގޮތުން ވިޔަސް ކުރެވޭ ކަމެކެވެ. ނަމަވެސް، މިއަދުގެ އިޤުތިސާދީ ހާލަތު ހުރި ގޮތުން، މުސާރަ ލިބޭ ދުވަހު މި ސުވާލު ކުރިމަތިވުމުން ގިނަ ފަރާތްތަކަށް ވަނީ ވަރަށް ތަކުލީފީ ކަމަކަށެވެ. ހާލަތު ކިޔައި ދޭންވެސް ގިނަފަހަރު ފަސްޖެހެއެވެ. އަހަރެންގެ އަތްމަތި ވަރަށް ދައްޗޭ ބުނަން ގިނަ މީހުންނަށް ނުކެރެނީއެވެ. އެހެންވެ ދަޅެއް ދެނީއެވެ. ނުދީ ނުވަނީއެވެ. ދަޅެއް ނުދީފިނަމަ އެ ނުދޭ މީހާއަށްވުރެ “މުއްބާރު” މީހެއް ނުހުންނާނެތީއެވެ.

ކޮންމެ މަހަކުވެސް މުސާރަ ޖަމާވިކަމުގެ މެސެޖު ފޯނަށް އައުމާއެކު ގާތް ރައްޓެހިންގެ ފަރާތުން “ދަޅު ކޮބާހޭ؟” ނުވަތަ “މިރޭ ކޮންތާކުންހޭ ކޮފީ ބޮނީ؟” ފަދަ މެސެޖުތައް އަންނަން ފަށައެވެ. މިއީ ބައެއް ފަހަރު މަޖަލަކަށް ކުރާ ކަމެއް ކަމުގައި ވިޔަސް، މުސާރަ ލިބޭ މީހާއަށް މިއީ ބޮޑު ނުތަނަވަސްކަމެއް ގެނުވާ ކަމެކެވެ. ސަބަބަކީ މުސާރަ ލިބުމުގެ މާ ކުރިން، އެ މުސާރައިން ކުރަންޖެހޭ ޚަރަދުތަކުގެ ލިސްޓު އޮންނަނީ ތައްޔާރުވެފައި ކަމަށްވާތީއެވެ. މުސާރަ ލިބޭ ދުވަހު އެތައް ބައިވަރު ތަނަކަށް ފައިސާ ދައްކާ މުސާރައިގެ ތިންބައި ކޮށްފަ އެއްބައި އޮންނަނީ ބެހިފައެވެ. ގޭގެ ކުލި ދެއްކުމާއި، ކަރަންޓް ބިލް ދެއްކުމާއި އަދި މިނޫންވެސް ޒަރޫރީ ބޭނުންތަކަށް ޚަރަދުވާ ފައިސާ ފޮނުވާފޮނުވާ، މީހާ ހުންނާނީ “ހުލިވެފައެވެ.”

މިހާރުގެ ބާޒާރުގެ ހާލަތަށް ބަލާއިރު، ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ގޭގެ ކުއްޔާއި، ފެނާއި ކަރަންޓު ބިލުތަކާއި، ކާބޯތަކެތީގެ އަގު ހުރީ އަތްނުފޯރާ ފަށުގައެވެ. މުސާރަ ލިބޭއިރު، އެ މުސާރައިގެ ބޮޑު ބައެއް ހޭދަވަނީ މިދެންނެވި ޒަރޫރީ ބޭނުންތައް ފުއްދުމަށެވެ. މިފަދަ ހާލަތެއްގައި، ރައްޓެހިން ގޮވައިގެން ރެސްޓޯރެންޓުތަކަށް ގޮސް ބޮޑެތި ޚަރަދުތައް ކުރުމަކީ އަމިއްލަ ނަފްސަށް ދެވޭ އަނިޔާއެކެވެ. އެހެންކަމުން، އިތުރު ބޭކާރު ޚަރަދުތައް ކުރަން ގިނަ މީހުން މިއަދު ފަސްޖެހެނީ އެއީ ދަހިކަމުންނެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައެވެ.

ދިރިއުޅުމުގެ ހަމަޖެހުމަށްޓަކައި ބޭކާރު ޚަރަދުތައް ކުރުން ހުއްޓާލުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. “ދަޅު ބުއިމުގެ” ނަމުގައި އެއްވެސް ބޭނުމެއް ނެތް ގޮތުގައި ކުރެވޭ ޚަރަދުތަކަކީ މަހުގެ ފަހުކޮޅު ސަލާންޖަހަން ޖެހުމުގެ އަސްލެވެ. އަހަރެމެން ދަސްކުރަންވީ ލިބޭ މިންވަރުން ފުއްދައިގެން އުޅުމަށެވެ. އަދި ރައްޓެހިންގެ މާލީ ހާލަތަށް އިޙްތިރާމްކޮށް، މުސާރަ ލިބޭ ދުވަހު “ދަޅު ކޮބާހޭ” އަހައި އެމީހުން އިތުރަށް ނުތަނަވަސް ނުކުރުމަށެވެ.

އެކުވެރިކަމަކީ ހަމައެކަނި ކޮފީއަކުން ނުވަތަ މުސާރަ ލިބޭ ދުވަހު ލިބޭ “ދަޅަކުން” މިންކުރެވޭނެ އެއްޗެއް ނޫނެވެ. އެކަކު އަނެކަކުގެ ދަތި ހާލަތު ދެނެގަނެ، ބޭކާރު ޚަރަދުތަކުން ދުރުހެލިވުމަށް އެހީތެރިވުމަކީ އަސްލު އެކުވެރިކަމެވެ. އެހެންކަމުން، މުސާރަ ލިބޭ ދުވަހު “ދަޅު ކޮބާހޭ” ނާހައި، އެމީހެއްގެ މާލީ ރޭވުންތަކަށް ހުރަސް ނޭޅުމަކީ އެންމެ ރަނގަޅު ގޮތެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top