އިންސާނީ މުޖުތަމަޢެއްގެ އަމާންކަމާއި ކުރިއެރުން ބިނާވެފައިވަނީ އެ މުޖުތަމަޢެއް ބަލަހައްޓަން ތިބޭ ވެރިންގެ ކިބައިގައި ހުންނަ ސިފަތަކެއްގެ މައްޗަށެވެ. ވެރިކަމަކީ ހަމައެކަނި މަގާމަކާއި ނުފޫޒެއް ނޫނެވެ. އެއީ އިސްލާމީ ގައުމެއް ނަމަ އިސްލާމީ ރިސާލަތާއި ގައުމިއްޔަތު އަޅުގަނޑުމެންނަށް އުނގަންނައިދޭ، ވަރަށް ބޮޑު އަމާނާތެކެވެ. މި އަމާނާތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ ވިސްނުންތެރި، ހަރުދަނާ ސިފަތަކެއް ލިބިގެންވާ ވެރިއަކަށެވެ.
ހަރުދަނާ ވެރިކަމަކާއި އަމާން މުޖުތަމަޢެއްގެ ފުރަތަމަ ކަމަކީ، ވަފާދާރުކަމެވެ. ވަފާދާރު ވެރިއަކީ އޭނާގެ ރައްޔިތުންނަށް ތެދުވެރި، އަމިއްލަ އެދުމަށްވުރެ ބޮޑަށް ގައުމުގެ މަސްލަހަތު އިސްކުރާ މީހާއެވެ. އިސްލާމީ ތަރުބިއްޔަތުގައި ވެރިއެއްގެ އެންމެ އިސް ސިފައަކީ އިޚްލާޞްތެރިކަމެވެ. ރައްޔިތުންގެ އިތުބާރު ހޯދޭނީ ބުނާ ބަހާއި ކުރާ އަމަލާ ދިމާވާ، ވަފާދާރު ވެރިއަކަށެވެ. ވަފާދާރުކަމެއް ނެތް ތަނެއްގައި ޚިޔާނާތްތެރިކަން އާންމުވެ، މުޖުތަމަޢުގެ ބަދަހިކަން ގެއްލިގެންދެއެވެ.
ދެވަނަ ކަމަކީ، ލަފާދާރު ދުލެއްގެ ވެރިއަކަށް ވުމެވެ. ވެރިއެއްގެ ބަސްމަގަކީ މުޅި ގައުމުގެ މިސްރާބު ބަދަލުކޮށްލުމުގެ ބާރު ހުރި އެއްޗެކެވެ. ލަފާދާރު ދުލެއްގެ މާނައަކީ ހެޔޮ ބަސް ބުނުމާއި، މީހުންގެ މެދުގައި އެކުވެރިކަން އާލާކުރުވާ ފަދަ މާތް ބަސްމަގަކުން ވާހަކަދެއްކުމެވެ. ދޮގު ހެދުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުމުން ދުރުހެލިވުމަކީ ލަފާދާރު ވެރިއެއްގެ ސިފައެކެވެ. ކީރިތި ރަސޫލާ ﷺ ގެ ސީރަތުން އަޅުގަނޑުމެންނަށް ފެންނަން އޮތީ ބަސްމަގު މަޑުމައިތިރި، ހިކުމަތްތެރި ވެރިކަމެއްގެ ނަމޫނާއެވެ.
މި ދެންނެވި ވަފާދާރުކަމާއި ލަފާދާރު ބަސްމަގު ނެތް ނަމަ، ފިތުނަފަސާދަ އުފެދުމަކީ ނުވެ ނުދާނެ ކަމެކެވެ. ފިތުނައަކީ މުޖުތަމަޢު ބައިބައިކޮށް، ހަމަޖެހުން ނަގާލާ ނުބައި ވަބާއެކެވެ. ފިތުނައާއި ދުރު ވެރިއަކަށް ވެވޭނީ ހަމައެކަނި ވަފާދާރުކަމާއި ހެޔޮ ބަސްމަގު އިޚްތިޔާރު ކޮށްގެންނެވެ. ދެބައޮޑުވުމާއި، މީހުންގެ މެދުގައި ނަފުރަތު އުފެއްދުމަކީ ވެރިއެއްގެ ކިބައިން ފެނިގެންވާނެ ސިފަތަކެއް ނޫނެވެ.
ވިސްނާށެވެ! ކޮންމެ ވެރިއަކީވެސް ބަލަހައްޓަންޖެހޭ ރައްޔިތުންނާމެދު ސުވާލުވެވޭނެ މީހެކެވެ. އެހެންކަމުން، މުޖުތަމަޢުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި، ވަފާދާރުކަމާއި ހެޔޮ ބަސްމަގު އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ފިތުނަފަސާދައިން ގައުމު ސަލާމަތްކުރެވޭނީ އޭރުންނެވެ. ތެދުވެރިކަމާއި، މާތް އަޚްލާގަކީ ކާމިޔާބު ވެރިކަމެއްގެ އަސްލެވެ.
ދޭދޭ ފަރުދުންނާއި އަދި ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ހަމަޖެހުމާއި އަމާންކަމަކީ ޤައުމެއްގެ ދިރުމެވެ. އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، އަނެކާގެ އަބުރާއި އިއްޒަތަށް އަރައިނުގަތުމަކީ އިސްލާމީ ރިވެތި އަޚްލާޤުގެ ތެރެއިން ހިމެނޭ ކަންކަމެވެ. މުޖުތަމަޢުގެ ހަމަޖެހުން ގެއްލިގެންދަނީ ދޮގު ވާހަކަތަކާއި، ދެބައޮޑުވުމުގެ ސަބަބުންނެވެ. މިފަދަ ކަންކަމުން ދުރުހެލިވެ، އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. ހަމަޖެހުން އޮތް ތަނެއްގައި ނޫނީ އެކުވެރި ކަމާއި އެއްބައިވަންތަ ކަމެއް ނު އޮންނާނެއެވެ. އަދި ތަރައްޤީއާއި ކުރިއެރުމެއް ނޯންނާނެއެވެ.
ވިސްނާށެވެ! އަޅުގަނޑުމެންގެ ކޮންމެ ބަހަކާއި ޢަމަލަކީ ތިލަފަތެއްގައި ކިރޭނެ އެއްޗެކެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދޭ މީހާ، ފިތުނައިން ދުރުވެ، ހިތާއި ދޫ އިޞްލާޙު ކުރަންޖެހެއެވެ. އޭރުން މުޅި ޤައުމަށް އަމާންކަން ލިބި، އުފާވެރި މުޖުތަމަޢެއް ބިނާވެގެންދާނެއެވެ
