ދުނިޔޭގެ އެންމެ ފުރަތަމަ “ގޯލްޑް ސްޓްރީޓް” ނުވަތަ ރަނުގެ މަގު ހިމެނޭހެން، ޚާއްސަ “ދުބާއީ ގޯލްޑް ޑިސްޓްރިކްޓް” އެއް ބިނާކުރުމުގެ މަސައްކަތް ދުބާއީގައި ވަނީ ފަށާފައެވެ.
ދުބާއީ ގޯލްޑް ސްޓްރީޓް:
އާދަޔާޚިލާފު ބިނާތަކާއި ތަފާތު އާ އީޖާދުތަކަށް ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ދުބާއީން މިހާރު ތައްޔާރުވަމުންދަނީ، އެ ސިޓީގެ ތަރައްގީގެ އާ ބާބެއްގެ ގޮތުގައި “ދުބާއީ ގޯލްޑް ޑިސްޓްރިކްޓް”ގެ ދަށުން ދުނިޔޭގައިވެސް އަލަށް ފެންނާނެ ރަނުގެ މަގެއް ގާއިމުކުރުމަށެވެ.
މި މަޝްރޫއު ހިންގަނީ ކޮންތަނެއްގައި؟
“ދުބާއީ ގޯލްޑް ޑިސްޓްރިކްޓް” މަޝްރޫއަކީ ދުބާއީގެ އިގްތިސާދީ އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާ އާއި ދުބާއީ ފެސްޓިވަލްސް އެންޑް ރީޓެއިލް އެސްޓަބްލިޝްމަންޓްގެ ދަށުން ހިންގާ “އިޘްރާ ދުބާއީ” އިން އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ސަރަހައްދު ވެގެންދާނީ ޔޫއޭއީގެ ރަނުގެ އާ މަރުކަޒަށެވެ. އަދި މިއީ ދުނިޔޭގެ ރަނާއި ގަހަނާގެ ވިޔަފާރީގެ އެންމެ ކުރިއަރާފައިވާ މައި ހަބަކަށް ދުބާއީ ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. ރިޕޯޓްތައް ބުނާގޮތުން މި ސަރަހައްދު ތަރައްގީކުރަނީ ދުބާއީގެ “ދެއިރާ” ސަރަހައްދުގައެވެ. މިތަނުގައި ރަނާއި، ގަހަނާއާއި، ސެންޓާއި، ކޮސްމެޓިކްސް އަދި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ތަކެތި ވިއްކާ 1,000 އަށްވުރެ ގިނަ ފިހާރަ ހުންނާނެއެވެ.

ދުބާއީގެ ގޯލްޑް ޑިސްޓްރިކްޓް ސިފަކޮށްދިނުމަށް އޭއައި އިން އުފެއްދި ފޮޓޯއެއް
މަގުތައް ހަދަނީ ރަނުންތަ؟
މީޑިއާ ރިޕޯޓްތަކުން އެނގޭގޮތުގައި، ދުބާއީ ގޯލްޑް ޑިސްޓްރިކްޓްގައި ދުނިޔޭގެ ފުރަތަމަ “ގޯލްޑް ސްޓްރީޓް” ހިމެނޭނެއެވެ. މި މަގު ފަރުމާކުރަނީ މުޅިންވެސް ރަނުން ކަމަށާއި، މަގުގެ ތާރުގަނޑުގެ ބަދަލުގައި އެ މަގުގައި ރަން ފަތުރާލުމަށް ވަނީ ރޭވިފައެވެ.
މި މަގު ބިނާކުރަނީ ވިޔަފާރީގެ މަރުކަޒެއް ކަމަށްވާ “ދެއިރާ”ގައެވެ. މިއީ މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ރަނާއި ގަހަނާ ގަތުމަށް ޒިޔާރަތްކުރާ މަޝްހޫރު “ދުބާއީ ގޯލްޑް ސޫގު” (ރަނުގެ ބާޒާރު) ވެސް ހުންނަ ސަރަހައްދެވެ.
މި މަޝްރޫޢުގެ ޑިވެލޮޕަރުން ހާމަކުރާ ގޮތުގައި، “ދުބާއީ ގޯލްޑް ޑިސްޓްރިކްޓް” ތަރައްޤީ ކުރަމުން ދަނީ ރަނާއި ގަހަނާގެ ވިޔަފާރީގެ މުޅި ސިލްސިލާ އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައެވެ. މީގެ ތެރޭގައި ރީޓެއިލް ވިޔަފާރިއާއި، ގަނޑު ރަނާއި، ހޯލްސޭލް ވިޔަފާރީގެ އިތުރުން އިންވެސްޓްމަންޓްގެ ދާއިރާ ވެސް އެއް ނިޒާމެއްގެ ދަށުން ގުޅުވާލެވޭނެއެވެ.
ދުބާއީ ގޯލްޑް ސްޓްރީޓް ހުޅުވާނީ ކޮން އިރަކު؟
އިޘްރާ ދުބާއީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢާ ގުޅޭ ތަފްސީލުތައް، އޭގެ ތެރޭގައި އެ ސަރަހައްދު އޮންނާނެ ތަނާއި، ފަރުމާ އަދި މަސައްކަތް ނިމޭނެ ތާވަލު ހާމަކުރަމުންދާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.
ޑީ.އެފް.އާރް.އީގެ ސީ.އީ.އޯ އަޙްމަދު އަލް ޚާޖާ ވިދާޅުވީ، ރަނަކީ ދުބާއީގެ ސަގާފަތާއި ވިޔަފާރީގެ މުހިންމު ބައެއް ކަމަށާއި، އެއީ އެ ސިޓީގެ ތަރިކައާއި، ތަނަވަސްކަމާއި، ވިޔަފާރީގެ ރޫޙު ރަމްޒުކޮށްދޭ އެއްޗެއް ކަމަށެވެ. އަދި މި ތާރީޚީ މަންޒިލާއެކު އެ ތަރިކަ ފާހަގަކުރުމުގެ އިތުރުން، އުފެއްދުންތެރިކަމާއި ދެމެހެއްޓެނިވި ގޮތްތަކެއްގެ މައްޗަށް ބިނާވެފައިވާ އާ ޒަމާނަކަށް އެ ދާއިރާ ބައްޓަންކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޘްރާ ދުބާއީގެ ސީ.އީ.އޯ އިއްސާމް ގަލަދާރީ ސިފަކުރެއްވި ގޮތުގައި، ދުބާއީ ގޯލްޑް ޑިސްޓްރިކްޓަކީ ތަރިކައާއި، ފުޅާ ދާއިރާއެއްގެ ވިޔަފާރިއާއި، ބޮޑެތި ފުރުސަތުތައް އެއްތަނަކުން ބައްދަލުވާނެ މަރުކަޒެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2024-25 ވަނަ އަހަރު ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަކީ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑަށް ރަނުގެ ވިޔަފާރިކުރި މަންޒިލެވެ. އެ ގައުމުން ވަނީ އިންޑިއާ، ތުރުކީ، ސުވިޒަލޭންޑް، ހޮންކޮންގް އަދި އިނގިރޭސިވިލާތް ފަދަ މުހިންމު ގައުމުތަކަށް 53.41 ބިލިއަން ޑޮލަރުގެ ރަން އެކްސްޕޯޓްކޮށްފައެވެ.
