ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފާއިތުވި 100 އަހަރުގެ ތެރޭގައި ފެންނާނެ އެންމެ ދިގު އިރުކޭތަ، އަންނަ އަހަރު!
ފުރިހަމަ އިރުކޭތައެއް ހިފައިފި ނަމަ ރާއްޖެއިން ފެނިގެންދާނެ ކަމަށް ބެލެވޭ މަންޒަރެއް، ގްރޮކް ބޭނުންކޮށްގެން އުފައްދާފައި

މިއީ ގަރުނެއްގެ ތެރޭގައި ފެންނާނެ އެންމެ ދިގު، ނާދިރު ފުރިހަމަ އިރުކޭތައެވެ. އަންނަ އަހަރު ފެންނަ މި އިރުކޭތައިގެ ސަބަބުން އެފްރިކާ އާއި ޔޫރަޕްގެ ބައެއް ސަރަހައްދުތަކަށް މުޅިން އަނދިރިވާނެ އެވެ. މަޢުލޫމާތު ލިބޭގޮތުން މި ކޭތަ ރާއްޖެއަށް ފެންނާނީ ދެބައިކުޅައެއްބަޔަށް ހިފާފައިވާތަން ކަމަށް ބެލެވެއެވެ.

2 އޮގަސްޓް 2027 ގައި ދުނިޔެއަށް ނާދިރު ފަލަކީ މަންޒަރެއް ފެނިގެންދާނެއެވެ. އެ ދުވަހު ހިނގާ ފުރިހަމަ އިރުކޭތައިގެ ސަބަބުން ދުނިޔޭގެ ބޮޑު ބަޔަކަށް ވަގުތީ ގޮތުން އަނދިރިކަން ވެރިވާނެއެވެ. ފަލަކީ އިލްމުވެރިން ސިފަކުރައްވާ ގޮތުގައި މިއީ މި ގަރުނުގައި ފެންނާނެ އެންމެ ދިގު ފުރިހަމަ އިރުކޭތައެވެ. މިއީ އެތައް ޖީލަކަށްފަހު ފެންނަ ވަރަށް މަދު ހާދިސާއެކެވެ. މި ކޭތައިގެ ތެރޭގައި ހަނދުން އިރު، މުޅިން ނިވާކޮށްލުމުގެ ސަބަބުން، ދުވާލުގެ ވަގުތުގައި ބައެއް ސަރަހައްދުތަކަށް ބޮޑު އަނދިރިކަމެއް އަންނާނެއެވެ.

ތާރީޚީ ގޮތުން ދިގުލައިގެންދާ މި ހާދިސާއަކީ ގަރުނަކު އެއްފަހަރު ފެންނަ ފަދަ ކަމެއް

މާހިރުން ލަފާކުރާ ގޮތުގައި އިރު މުޅިން ނިވާވެފައި ހުންނަ ވަގުތު 6 މިނެޓާއި 23 ސިކުންތަށް ދެމިގެންދާނެއެވެ. މިއީ ފާއިތުވި 100 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ދުނިޔެއަށް ފެންނަ އެންމެ ދިގު ފުރިހަމަ އިރުކޭތައެކެވެ. ‘އިކްލިޕްސް އެޓްލަސް’ އިން ހާމަކުރާ ގޮތުގައި، ހަނދުގެ ހިޔަނި ފުރަތަމަ ފެންނާނީ އުތުރު އެމެރިކާ އާއި އެފްރިކާއާ ދެމެދު އޮންނަ އުތުރު އެޓްލާންޓިކް ކަނޑުގެ ސަރަހައްދުންނެވެ. އޭގެ ފަހުން ދުނިޔެ އެނބުރެމުންދާ ވަރަކަށް އެކި ބައްރުތަކަށް މި ހިޔަނި ދަތުރުކުރާނެއެވެ. ސައިންސްވެރިންނާއި ފަލަކީ ކަންކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިބީ މި ނާދިރު ވަގުތުކޮޅުގެ އިންތިޒާރުގައެވެ. މިއީ އިރުގެ ބޭރުގެ މާހައުލާއި (ކޮރޯނާ) އަދި އިރާ ގުޅުންހުރި އެހެނިހެން ކަންކަން ދިރާސާކުރުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެކެވެ.

އިރުކޭތަ ފެންނާނެ ސަރަހައްދުތައް

މި އިރުކޭތައިގެ ހިޔަނި އެންމެ ފުރަތަމަ އެޅޭނެ ކަމަށް ބެލެވެނީ މޮރޮކޯގެ ދެކުނުގައިވާ ޓެންޖިއާ ސަރަހައްދަށެވެ. އެ ސަރަހައްދަށް ގާތްގަނޑަކަށް ފަސް މިނެޓަށް އިރު މުޅިން ނިވާވެފައި ހުންނާނެއެވެ. މީގެ އިތުރުން، މި ހިޔަނި ސްޕެއިންގެ ދެކުނަށާއި، ޖިބްރޯލްޓާ، އަލްޖީރިއާ، ލީބިޔާ، މިސްރު، ސޫދާން އަދި ސޯމާލިއާގެ ބައެއް ހިސާބުތަކަށް ދަތުރުކުރާނެއެވެ. މީގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ދުވާލުގެ ވަގުތުގައި މުޅި ސަރަހައްދު އަނދިރިވެގެންދާ މަންޒަރު ފެންނާނެއެވެ.

އަވަށްޓެރި އިންޑިއާއަށް މި އިރުކޭތަ ފެންނާނީ ފުރިހަމަ އިރުކޭތައެއްގެ ގޮތުގައެއް ނޫނެވެ. އިރު މުޅިން ނިވާނުވި ނަމަވެސް، އެ ގައުމުގެ މީހުންނަށް މި ކައުނީ ހާދިސާގެ ހިތްގައިމު މަންޒަރުތައް ފެންނާނެއެވެ. ފެންނަ މިންވަރު ތަފާތުވި ނަމަވެސް، މިއީ އެކި ބައްރުތަކުގެ މީހުން އެއް މަންޒަރަކުން ގުޅުވައިދޭނެ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ ތަފާތު ހާދިސާއެކެވެ.

ނާސާ ފަދަ ޖައްވީ އިދާރާތަކުން ވަނީ އިރުކޭތަ ބަލާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، އިރު ބަލަން ޚާއްސަ އައިނު ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު، ފަލަކީ އިލްމުވެރިން ފާހަގަކުރާ ގޮތުގައި، ގިނަ ވަގުތުތަކަކަށް ދެމިގެންދާ މި އިރުކޭތައަކީ އިރުގެ ހަރަކާތްތަކާއި ޖައްވީ އެހެނިހެން ކަންކަން ދިރާސާކުރުމަށް ސައިންސްވެރިންނަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top