މުޅި ދުނިޔެއަށް މިއީ 2026 ވަނަ އަހަރު ކަމަށް ވީނަމަވެސް، މި ޤައުމަށް މިއީ އަދި 2018 ވަނަ އަހަރެވެ. މި ކަލަންޑަރުގެ ފަހަތުގައިވާ ސިއްރު ދެނެގަންނަމާ ހިނގާށެވެ.
އިތިއޯޕިއާއިން ބޭނުންކުރަނީ އެ ޤައުމަށް ޚާއްޞަ ކަލަންޑަރެކެވެ. މި ކަލަންޑަރު، ދުނިޔޭގެ ގިނަ ޤައުމުތަކުން ބޭނުންކުރާ ގްރެގޯރިއަން ކަލަންޑަރަށްވުރެ ގާތްގަނޑަކަށް 7 ނުވަތަ 8 އަހަރު ފަހަތުގައި އުޅޭކަން މިއީ ހައިރާންކުރުވަނި ހަގީގަތެކެވެ.
2026 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު އައު އަހަރު ފާހަގަކޮށް، މުޅި ދުނިޔެ 2026 ވަނަ އަހަރަށް ފެށި އިރުވެސް، މި ދެންނެވި ޤައުމު އަދިވެސް އުޅެނީ މާޒީގައެވެ. އިތިއޯޕިއާގައި މިހާރު ހިނގަމުންދަނީ 2018 ވަނަ އަހަރެވެ. އެކަމަކު މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟
މި ޤައުމުން 2018 ވަނަ އަހަރުގެ ކަލަންޑަރު ބޭނުންކުރަނީ ހެއްޔެވެ؟
އާދެ، އިތިއޯޕިއާގައި މިހާރު ހިނގަމުންދަނީ 2018 ވަނަ އަހަރެވެ. އިރުމަތީ އެފްރިކާގެ މި ޤައުމުން ރަސްމީކޮށް ބޭނުންކުރަނީ “ގީޒް” (Ge’ez) ކަލަންޑަރެވެ. މިއީ ބައިނަލްއަޤުވާމީ ގޮތުން ބޭނުންކުރާ ގްރެގޯރިއަން ކަލަންޑަރަށްވުރެ ހަތް އަހަރާއި އަށް އަހަރާ ދެމެދުގެ މުއްދަތެއް ފަހަތުގައި އޮންނަ ކަލަންޑަރެކެވެ.

“ގީޒް” ކަލަންޑަރަކީ ކޮބައި ހެއްޔެވެ؟
އިތިއޯޕިއާގެ ކަލަންޑަރު ބިނާވެފައިވަނީ މިޞްރުގެ އިހުގެ “ކޮޕްޓިކް” ކަލަންޑަރުގެ މައްޗަށެވެ. އަދި އެތައް ޤަރުނެއް ފާއިތުވެގެން ދިޔައިރުވެސް މި ކަލަންޑަރަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ގްރެގޯރިއަން ނިޒާމާ ޚިލާފަށް، މި ކަލަންޑަރުގައި 13 މަސް ހިމެނެއެވެ. އޭގެ ތެރެއިން 12 މަހަކީ ބަރާބަރު 30 ދުވަސް ހަމަވާ މަސްތަކެވެ. އަދި 13 ވަނަ މަހަކީ “ޕަގޫމޭ” (Pagume) ގެ ނަމުން ނަންދެވިފައިވާ، 5 ދުވަސް (ލީޕް އަހަރެއްނަމަ 6 ދުވަސް) ހިމެނޭ ކުރު މަހެކެވެ.
އިތިއޯޕިއާގެ ކޯޓުތަކާއި، ސްކޫލްތަކާއި، ބޭންކުތަކާއި، ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ދުވަހުން ދުވަހަށް ކުރާ އެންމެހާ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރަނީ މި “ގީޒް” ކަލަންޑަރެވެ.
މި 7 ނުވަތަ 8 އަހަރުގެ ފަރަޤު އުފެދިފައިވަނީ އީސާގެފާނު އުފަންވެވަޑައިގަތް ތާރީޚު ހިސާބުކުރި ގޮތުގެ ތަފާތުންނެވެ. 1582 ވަނަ އަހަރު ޔޫރަޕުން ގްރެގޯރިއަން ކަލަންޑަރު ރަސްމީކުރިއިރު، އެމީހުން ބިނާކުރީ “ޑިއޮނީސިއަސް އެކްސިގޫސް” ނަމަކަށް ކިޔާ ފާދިރީއަކު ހެދި ހިސާބުތަކަށެވެ. އޭނާ ކަނޑައެޅި ގޮތުގައި އީސާގެފާނު އުފަންވެވަޑައިގަތީ “1 ވަނަ އަހަރު” ގައެވެ.
ނަމަވެސް، އިތިއޯޕިއާގެ ފައްޅިތަކާއި ކޮޕްޓިކް ފައްޅިތަކުން ބޭނުންކުރީ އެއަށްވުރެ މާ ކުރީގެ “އެލެގްޒެންޑްރިއަން” ހިސާބުތަކެކެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި އީސާގެފާނު އުފަންވެވަޑައިގަތީ އެހެން ކަލަންޑަރުތަކުން ދައްކާ ތާރީޚަށްވުރެ އެތައް އަހަރެއް ފަހުންނެވެ.
