އިންސާނެއްގެ ބާރުގަދަކަމަކީ ހަމައެކަނި އޭނާގެ ހަށިގަނޑުގެ ވަރުގަދަކަމެއް ނޫނެވެ. ހަގީގީ ބާރުގަދަ މީހަކީ ނަފްސާނީ ގޮތުންނާއި މައުނަވީ ގޮތުން ހަރުދަނާވެ، އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ މީހާއެވެ. ކޮންމެ މީހަކީވެސް މިފަދަ ބާރުގަދަ ސަޚުޞިއްޔަތަކަށް ވުމުގެ ފުރުސަތު އޮތް މީހެކެވެ. އެކަމަށްޓަކައި ތިމާގެ އަމަލުތައް ބައްޓަންކުރަންޖެހޭ މުހިންމު އުސޫލުތަކެއްވެއެވެ.
ފުރަތަމަ ކަމަކީ، ބޭކާރު ކަންކަމާ މެދު ފިކުރުކުރުން ހުއްޓާލުމެވެ. ދިރިއުޅުމުގައި ތިމާއަށް ކުރިމަތިވާ، އަދި ބަދަލު ނުކުރެވޭނެ ކަންކަމާއި، މާޒީގެ ހިތްދަތި ހަނދާންތަކާ މެދު މާބޮޑަށް ވިސްނާ ފިކުރުކުރުމަކީ އިންސާނާގެ ހަކަތަ ދުއްވާލައި، ކުރިއަށް ދިއުމަށް ހުރަސްއަޅާ ކަމެކެވެ. އެހެންކަމުން، ބޭކާރު ޚިޔާލުތަކުން ސިކުނޑި ސަލާމަތްކޮށް، މުސްތަޤުބަލާ މެދު އުންމީދީ ނަޒަރަކުން ވިސްނުން އިސްކުރަންޖެހެއެވެ.
ދެވަނަ ކަމަކީ، ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކުރުމެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ. ތިމާއަށް ދިމަވާ ކަންކަމުން ރެކިގެން ފިލައިގެން ދިއުމުގެ ބަދަލުގައި، ހިތްވަރާއެކު އެކަންކަމާ ކުރިމަތިލުމަކީ ނަފްސު ވަރުގަދަކޮށްދޭނެ ކަމެކެވެ. މައްސަލަތަކުގެ ތެރޭގައި ތާށިވެފައި ހުރުމުގެ ބަދަލުގައި، އެ މައްސަލަތަކުން އަރައިގަނެވޭނެ މަގުތައް ހޯދުމަށް މަސައްކަތް ކުރާ މީހަކީ ހަގީގީ ބާރުގަދަ މީހެކެވެ.
މީގެ އިތުރުން، އެހެން މީހުންނާ އަޅާކިޔުން ދޫކޮށްލުމަކީ ނަފްސާނީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކޮންމެ މީހަކަށްވެސް މާތްﷲ ދެއްވާފައިވަނީ ތަފާތު ނިޢުމަތްތަކާއި ހުނަރުތަކެއް ލިބިގެންވާ މީހެކެވެ. އެހެން މީހުންގެ ކާމިޔާބީއާ މެދު ހަސަދަވެރިވުމުގެ ބަދަލުގައި، އަމިއްލަ ނަފްސު އިސްލާހުކޮށް ތިމާމީހާގެ މުސްތަގުބަލު ކުރިއެރުވުމަށް ސަމާލުކަން ދޭންޖެހެއެވެ. ތިމާގެ އަމިއްލަ މިންވަރަށް ޝުކުރުވެރިވުމަކީ ބާރުގަދަވުމުގެ ސިފައެކެވެ.
ކެތްތެރިކަމަކީ ކޮންމެ ކަމެއްގައިވެސް އިސްކުރަންޖެހޭ އެންމެ މުހިންމު ސިފައެވެ. ދަތި އުނދަގޫ ވަގުތުތަކުގައި ކެތްތެރިވުމަކީ އީމާންތެރިކަން ވަރުގަދަ މީހުންގެ ސިފައެކެވެ. ކޮންމެ ކަމަކަށް ވެސް ކެތްތެރިވާން ދަސްކުރުމުން، ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައިވެސް ކަންކަމާ ކުރިމަތިލާ، ސާބިތުކަމާއެކު އުޅެން ދަސްކުރަން ޖެހެ އެވެ. މިއީ އިންސާނާގެ ޝަޚުޞިއްޔަތު ބިނާކޮށްދޭ އެންމެ ވަރުގަދަ ތަނބެވެ.
އިންސާނާގެ ހަލާކަކީ ތިމާގެ ކޮންޓްރޯލް ނެއްޓި ރުޅި ތިމާ ކޮންޓްރޯލް ކުރުމެވެ. ވީމާ ފުރަތަަމަ ކަމަކަށް ރުޅި މަޑުކޮށް ހަމަހިމޭންކަން އިސްކުރަން ޖެހެއެވެ. ކީރިތި ރަސޫލާ (ޞޢވ) ޙަދީޘްކުރައްވާފައިވާ ގޮތުގައި، ބާރުގަދަ މީހަކީ މީހުންނާ ކުރިމަތިލާ އެހެން މީހުން ބަލިކުރާ މީހާއެއް ނޫނެވެ. ނަމަވެސް، ހަގީގީ ބާރުގަދަ މީހަކީ ރުޅި އަންނަ ހިނދު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރާ މީހާއެވެ. ރުޅި އިސްކުރުމުގެ ބަދަލުގައި މަޑުމައިތިރިކަމާއި ހަމަހިމޭންކަން އިސްކުރުމުން، ކަންކަމުގައި ބުއްދިވެރި ނިންމުންތައް ނިންމުމަށް ފަސޭހަވެގެންދެއެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ބާރުގަދަ އިންސާނަކަށް ވެވޭނީ ބޭކާރު ފިކުރުތަކުން ދުރުވެ، ކެތްތެރިކަމާއި ހިތްވަރާއެކު ދިރިއުޅުމުގެ ކަންކަމާ ކުރިމަތިލައިގެންނެވެ. އަދި އަމިއްލަ ނަފްސުގެ އިހުސާސްތައް ކޮންޓްރޯލްކޮށް، އަބަދުވެސް ހަމަހިމޭންކަމާއި މަޑުމައިތިރިކަން އިސްކުރާ މީހަކަށް ވެގެންނެވެ. މިއީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ލިބޭނެ މަގެވެ.
