ޕްރެޒިޑެންޓްސްކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ ޖާގަ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބު ހޯދައިފިއެވެ. ނިއުރޭޑިއަންޓުން މިޖާގަ ޔަގީންކުރީ މިއަދު ހަވީރު ކުލަބް އީގަލްސްއާ ވާދަކޮށް 2-1 އިން މޮޅުވެ، ހޯދި 3 ޕޮއިންޓާއިއެކު އެޓީމަށް 4 ޕޮއިންޓް ހަމަވުމުންނެވެ. ދެން މި ގުރޫޕްގައި ހިމެނޭ އޮޑި ސްޕޯރޓްސް އާއި ކުލަބް އީގަލްސްއަށް ވެސް ސެމީފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. މި ދެޓީމު ބައްދަލުކުރާ މެޗުން އީގަލްސް މޮޅުވެއްޖެނަމަ 3 ޕޮއިންޓާއިއެކު ގްރޫޕްގެ 2 ވަނަ ޓީމުގެގޮތުގައި އެޓީމަށް ސެމީފައިނަލްގެ ޖާގަ ލިބޭނެއެވެ. އީގަލްސް މޮޅުވުން ނޫން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ސެމީފައިނަލްގެ 2 ވަނަ ޖާގަ ލިބޭނީ އޮޑި ސްޕޯރޓްސް އަށެވެ. ގްރޫޕްގެ 1 ވަނަ އާއި 2 ވަނަ ޔަގީންވާނީ އެމެޗަށް ފަހުއެވެ.
މިގުރޫޕްގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ނިއުރޭޑިއަންޓާއި އޮޑި ސްޕޯރޓްސް އެވެ. އެމެޗްގެ ކުރީކޮޅު ނިއުރޭޑިއަންޓުން ލީޑު ނެގި ނަމަވެސް މެޗްގެ ފަހުކޮޅު ލަނޑެއް ޖަހައި އޮޑިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
މިއަދު ހަވީރު ކުލަބް އީގަލްސް އާ ވާދަކޮށް ނިއުރޭޑިއަންޓް މޮޅުވީ 2- 1 އިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނިޓްގައި ނިއުރޭޑިއަންޓަށް ޖަހައިދިނީ ޑަ ސިލްވާރއެވެ. އޭގެ ހަތްވަރަކަށް މިނިޓްފަހުން ގޯލާއި އަމާޒުކޮށް ޑަ ސިލްވަރ ފޮނުވާލި ބާރު ބޯޅައެއް އީގަލްސްގެ ކީޕާރު ވަނީ ދިފާއުކޮށްފައެވެ.

ފޮޓޯ. ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އެފްބީ
ގާތްގާތުގައި ލިބުނު ތިން ކޯނަރުގެ ތެރެއިން ދެ ކޯނަރުގައި އީގަލްސްއިން ވަނީ ނިއުރޭޑިއަންޓްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ފުރަތަމަ ކޯނަރު ސަންވީލް ގާސިމް (ބޮންޑާ) ބޮލުން ފޮނުވާލި ބޯޅަ ދިފާއުކުރީ ކީޕަރ ފައިސަލް އާއި އިރުފާނުއެވެ. ދެވަނަ ކޯނަރުގައި އިސްމާއިލް އީސަ އުފެއްދި ހަމަލާ މައިސާން ދިފާއުކުރީ ގޯލް ރޮނގުމަތިންނެވެ. 24 ވަނަ މިނިޓްގައި ނިއުރޭޑިއަންޓުގެ ހުސާމްއަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވިދިޔައެވެ. ނަތީޖާ ހަމަހަމަކުރަން ހިސާމް ސަލީމަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އީސަ ނަގައިދިން ހުރަސް ހިސާމް ހުސްކޮށް އަރައި ބޮލުން ޖެހިނަމަވެސް ގޯލާއި އަމާޒުވާގޮތެއް ނުވިއެވެ. ނަތީޖާ ހަމަހަމަކުރާނެ އިތުރު ފުރުސަތެއް 39 ވަނަ މިނިޓްގައި އީގަލްސްގެ އިބްރާހިމަށް ވެސް ލިބުނެވެ. ހުސްކޮށް އޭރިޔާތެރެއަށް ވަދެ ފޮނުވާލަން މަސައްކަތްކުރި ބޯޅަ، ނިޒާމް ވަނީ ބޭރުކޮށްލާފައެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ނިއުރޭޑިއަންޓްގެ ހާޖީ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރަން މަސައްކަތްކުރި އީގަލްސްގެ ކީޕަރުގެ އަތުގައި ޖެހިފައި ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައެވެ. ކޯނަރުތަކުން ނިއުރޭޑިއަންޓްގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ އީގަލްސްއިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ކޯނަރުންނެވެ. އިބްރާހިމް މަހުދީ ނަގައިދިން ކޯނަރު ހިސާމް ސަލީމް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލީ ހުސްކޮށް އަރައެވެ.
ދެވަނަހާފުގެ ފެށުން ފެނުނީ ނިއުރޭޑިއަންޓަށްވުރެ އީގަލްސް ވަރުގަދަކޮށެވެ. އީގަލްސް ކޮޅަށް ނަތީޖާ އަނބުރާލާނެ ފުރުސަތެއް 51 ވަނަ މިނިޓްގައި އީގަލްސްގެ އިބްރާހީމް މަހުދީއަށް ލިބުނެވެ. އިރުފާނު ކައިރިން ދެމިގަނެ އޭރިޔާތެރެއަށް ވަދެ މަހުދީ ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ދިފާއު ކުރުމުން ދެވަނަ ފަހަރަށް ވެސް ހޯދީ މަހުދީއެވެ. މިފަހަރު މަހުދީ ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ގޯލަށް ވަނުމުގެ ކުރިން، ގޯލް ރޮނގުކައިރިން ދިފާއުކުރީ ނިޒާމް އެވެ.
މެޗްގެ ނަތީޖާ ދެވަނަފަހަރަށް ވެސް ނިއުރޭޑިއަންޓްކޮޅަށް އަނބުރާލަ ދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޑަ ސިލްވާރ އެވެ. އޭނާ މިލަނޑުޖެހީ 56 ވަނަ މިނިޓްގައި އަލީ އަސްފާގު ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އޭގެ ފަހުން ވެސް ލަނޑުޖަހާނެ އެތައް ފުރުސަތެއް ދެޓީމަށް ލިބި ބޭކާރުވިއެވެ. ނިއުރޭޑިއަންޓްގެ އަލީ އަސްފާގާއި އަލީ ފާސިރަށް ލިބުނު ފުރުސަތުގައި ގޯލާއި ދިމާއަށް ބޯޅަ ފޮނުވާ ނުލެވުނުއިރު، ހާޖީ ގެރޯއަށް ލިބުނު ފުރުސަތުގައި ކީޕަރުކައިރިން ނައްޓާފައި އޭނާ ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލާއި އަމާޒުނުވެއެވެ. އީގަލްސްގެ އިބްރާހީމަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވިއިރު، ގާތްގާތުގައި މަހުދީ ފޮނުވާލި ދެހަމަލާއެއް ކީޕަރު ފައިސަލް ދިފާއުކުރިއެވެ.
މިމުބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މިރޭ 21:00 ގައި ފަށާ މިމެޗްގައި ބައްދަލުކުރާނީ ބުރު ސްޕޯރޓްސް އާއި ވިކްޓަރީ ސްޕޯރޓްސް ކުލަބެވެ. މި ގުރޫޕްގެ ފުރަތަމަ މެޗްގައި މާޒިޔާއާ ވާދަކޮށް ބުރު ސްޕޯރޓްސް ބަލިވީ 1-0 އިންނެވެ
