ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ތިބާ ނެތްތަނުގައި ތިބާގެ ދިފާއުގައި ބަހެއް ބުނެލާނީ ކާކު؟

އިންސާނީ ގުޅުންތަކުގެ ތެރެއިން އެންމެ މަތިވެރި ސިފައަކީ އިހުލާސްތެރިކަމެވެ. އެކުވެރިންނާއި ގާތްތިމާގެ މީހުންގެ ތެރޭގައި ތިބާ ހުންނަ ވަގުތު ތިބާއަށް ތައުރީފުކޮށް، ހެޔޮބަސް ބުނާ މީހުން ބައިވަރު ތިބެދާނެއެވެ. ނަމަވެސް، ތިބާ ނެތް މަޖިލީހެއްގައި، ތިބާގެ އަބުރަށް އަރައިގަނެވޭ ހިނދު، ނުވަތަ ތިބާއާ ބެހޭގޮތުން ދޮގު ވާހަކައެއް ދެކެވޭ ހިނދު، އެކަން ހުއްޓުވައި ތިބާގެ ދިފާއުގައި ބަހެއް ބުނެލާނީ ހަގީގީ އިހުލާސްތެރިންނެވެ.

މިފަދަ މީހުންނަކީ މިއަދުގެ މުޖުތަމައުގައި ހާދަ މަދު ބަޔެކެވެ. ގިނަ ފަހަރަށް ފެންނަނީ، މީހަކު ނެތްތަނެއްގައި އެމީހެއްގެ މޫނުމަތީގައި ބުނަން ނުކެރޭ ވަރުގެ ދަށުދަރަޖައިގެ ވާހަކަތައް ދައްކާ މަންޒަރެވެ. އަދި އެފަދަ ވާހަކައެއް ދެކެވޭއިރު، އެއީ ދޮގެއްކަން އެނގި ތިބެމެ، މަސްލަހަތަށްޓަކައި ނުވަތަ ފަސްޖެހުމުގެ ސަބަބުން ހަނު ތިބޭ މީހުންނެވެ. އެހެންކަމުން، ތިބާ ނެތްތަނުގައި ތިބާގެ އަބުރު ރައްކާތެރިކޮށްދޭ މީހަކީ ލިބޭނެ އެންމެ އަގުބޮޑު ނިއުމަތެވެ.

ތެދުވެރި އިހުލާސްތެރިންނަކީ ކޮބައިތޯ ބަލާއިރު، އެއީ ހަމައެކަނި ދުލުން ހެޔޮބަސް ބުނާ މީހުންނެއް ނޫނެވެ. އެއީ ހިތާއި ދުލާއި އަމަލުން އެއްގޮތް ބަޔެކެވެ. އިހުލާސްތެރިއަކީ ތިބާގެ ކިބައިން މާއްދީ ފައިދާއަކަށް ނޭދޭ، ތިބާގެ އުނިސިފަތައް ހާމަކުރުމުގެ ބަދަލުގައި އެކަންކަން އިސްލާހުކޮށްދޭން މަސައްކަތްކުރާ މީހާއެވެ. އޭނާގެ އެކުވެރިކަމަކީ މާތްﷲ އަށްޓަކައި އޮންނަ ސާފު ގުޅުމެކެވެ. މީހެއްގެ އިހުލާސްތެރިކަން އެންމެ ބޮޑަށް ވަޒަންކުރެވޭނީ، ތިބާއަށް ބާރާއި ނުފޫޒު ނެތް ދުވަހު ނުވަތަ ތިބާ ނެތް މަޖިލީސްތަކުންނެވެ.

ތިމާ އެހެން މީހުންނަށް އިހުލާސްތެރިވާން ޖެހެނީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައެވެ. ފުރަތަމަ ކަމަކީ، އެއީ އިސްލާމްދީން ބާރުއަޅާ މަތިވެރި އަހުލާގީ ސިފައަކަށް ވުމެވެ. މުސްލިމަކު އަނެއް މުސްލިމަކަށް އޮންނަންޖެހޭ ހައްގުތަކުގެ ތެރޭގައި އެމީހެއްގެ އަބުރު ރައްކާތެރިކުރުން ހިމެނެއެވެ. ދެވަނަ ކަމަކީ، ދުނިޔޭގެ ގާނޫނަކީ “ކުރި ކަމެއް ތިމާއަށް އެނބުރި އައުން” ކަމުގައިވާތީއެވެ. ތިބާ މީހުންނަށް އިހުލާސްތެރިވެ، އެމީހުން ނެތްތަނުގައި އެމީހުންގެ ދިފާއުގައި ވާހަކަދައްކާނަމަ، މާތްﷲ ތިބާގެ ދިފާއުގައި ވާހަކަދައްކާނެ ބަޔަކު މިންވަރު ކުރައްވާނެއެވެ. މީގެ އިތުރުން، އިހުލާސްތެރިކަމަކީ މުޖުތަމައުގައި އިތުބާރާއި ލޯބި އާލާކޮށްދޭ ކަމެކެވެ.

އުންމީދަކީ މިއަދު އިހުލާސްތެރިކަމަކީ ނެތެމުންދާ ސިފައަކަށް ވިޔަސް، އަޅުގަނޑުމެން ކޮންމެ މީހަކީވެސް އެހެން މީހުންނަށް ތެދުވެރި ، އިހުލާސްތެރި މީހަކަށް ވެގެން އުުޅުމެވެ. މީހަކު ނެތްތަނުގައި އެމީހެއްގެ ދިފާއުގައި ބުނާ އެންމެ ބަހަކީ، އެމީހެއްގެ މުޅި ހަޔާތާއި އަބުރު ސަލާމަތްކޮށްދޭނެ ބަހަކަށް ވެދާނެ ކަމެކެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް ތެދުވެރި އިހުލާސްތެރިއަކަށް ވުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top